މި 2 ޢަމަލުގަ ހިފަހައްޓައިފި މީހާ ސުވަރުގެ ވަންނާނެ! އިން ޝާ ﷲ: މުފްތީ މެންކް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 41ސ
މި 2 ޢަމަލުގަ ހިފަހައްޓައިފި މީހާ ސުވަރުގެ ވަންނާނެ! އިން ޝާ ﷲ: މުފްތީ މެންކް

ކޮންމެ މީހަކީވެސް ސުވަރުގެ ވަންނަން ބޭނުންވާނެ މީހެކެވެ! މިބުނަނީ ދުނިޔެ ފެށުނީންސުރެ މަޙްޝަރު ދުވަހާއި ހަމައަށް ހިނގާ ހުރިހާ، އަހަރުތަކުގައި، ފާއިތުވެގެންދާ ހުރިހާ ޒަމާންތަކެއްގައި ދުިޔޭގައި އުޅުނު މީހުންނާއި އުޅޭނެ އެންމެންގެވާހަކައެވެ. 

އެމީހެއްގެ ހިތަށް ޝައިޠޯނާ ވެރިވެގަނެފައިވާވަރުން ސުވަރުގެ އާއި ނަރަކަވާކަމާއި ޤިޔާމަތް ދުވަސް އަންނާނެކަން ޤަބޫލުނުކުރާ އެންމެންނަކީވެސް ސުވަރުގެ ވަންނަން ބޭނުންވާނެ މީހުންނެވެ. ސުވަރުގެ ވައްދަވައި ދެއްވެވުން އެދި ރޮއި އާދޭސްކުރާނެ މީހުންނެވެ! 

މިހައި ޔަޤީންކަމާއިއެކު މިހެން މިބުނަނީ މަޙްޝަރުގެ މައިދާނުގައި ﷲ ތަޢާލާގެ ޙަޟްރަތުގައި އެއްވެސް އާރެއް ބާރެއް ނެތި ނިކމެތިކަމާއިއެކު ހުއްޓި ހުންނަން ނުޖެހޭނެ ހަމަ އެކަވެސް ނުހުންނާނެތީއެވެ! އެއިން ކޮންމެ މީހަކީވެސް ނަރަކައިން ސަލާމަތްވެ ސުވަރުގެ ވަންނަން އެދޭނެ މީހަކަށްވާތީއެވެ! ދެވަނަ ފުރުޞަތަކަށް އެދި އާދޭސް ދަންނަވާނެ މީހުން ކަމުގައިވާތީއެވެ! 

އަދި ކީއްހެއްޔެވެ! ޤިޔާމަތް ދުވަހު ޖަނަވާރުތައް ބިމު ހުރި ވެއްޔަށް ހައްދަވައިލައްވާތަން ފެނިގެންދާނެއެވެ. އެތަން ފެނުމުން ތިމާމެންނަކީ ނަރަކައަށް ވަންނަން ޖެހޭނެ މީހުންކަން އެނގޭ މީހުން، އެމީހުންނާއިމެދު އެފަދައިން ޢަމަލުކޮށްދެއްވަވައި ބިމުގައި ހުރި ވެއްޔަށް ހައްދަވައި ދެއްވެވުމަށްވެސް އެދޭނެއެވެ. މިއަދު ކިބުރުވެރިވެ، ބޮޑާވެ ﷲ ތަޢާލާއަށް އުރެދޭ މީހުންގެ އެދުވަހުގެ ޙާލަކީ އެއީއެވެ. 

ހިތާމައަކީ ދުނިޔޭގައި އެ އާދޭސް ނުދަންނަވައި ޤިޔާމަތް ދުވަހު އެ އާދޭސް ދެންނެވި ނަމަވެސް އެކަން ﷲ ތަޢާލާ ޤަބޫލުފުޅު ނުކުރައްވަވާނެ ކަމެވެ. ވީމާ މީސްތަކުންނަށް މިބުނެދެނީ އެ ނިކަމެތި ޙާލަތުން ސަލާމަތްވެ ސުވަރުގެ ވަނުމަށް އެދޭ މީހާ ކުރަން އޮތް އެންމެ 2 ކަމެކެވެ. މި 2 ކަންތަކުގައި އެމީހަކު ސާބިތުވެއްޖެ ނަމަ ﷲ ތަޢާލާ އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ 

އެ ދެ ކަމަކީ ﷲ ތަޢާލާއަށް ފުރިހަމަ ގޮތުގައި ބިރުވެތިވުމާއި އެހެން މީހުންނަށް ހެޔޮކޮށް ހިތުމެވެ. ވީމާ ސުވަރުގެ އެދޭ މީހާ އެ 2 ކަމުގައި ސާބިތުވާށެވެ! އެމީހަކަށް ސުވަރުގެ ދެއްވަވާނެތެވެ! އިން ޝާ ﷲ

- މުފްތީ މެންކްގެ ދަރުސަކުން

މިއަދު އޮންލައިން