ކަންބޮޑުވުމާ ނުތަނަވަސްކަމުން ސަލާމަތްވެ ހުރެވޭނީ އެއްވެސް މީހަކަށް ތިބާގެ މަގަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުނުކުރާ މީހާއަށެވެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 11ސ
ކަންބޮޑުވުމާ ނުތަނަވަސްކަމުން ސަލާމަތްވެ ހުރެވޭނީ އެއްވެސް މީހަކަށް ތިބާގެ މަގަށް ހުރަސް އެޅޭނެ ކަމަށް ޤަބޫލުނުކުރާ މީހާއަށެވެ!

ޙާޞިލުކުރަން ބޭނުން އެއްވެސް ކަމެއް ޙާޞިލު ނުކުރެވިގެން ކަންބޮޑުވުމަކީ މުސްލިމުންގެ ސިފައެއް ނޫނެވެ. އެހެނީ ކަމަކަށް ބޭނުންވުމުން އަހަރެމެންނަށް އޮތީ އެކަމަކަށް އެދިގެން މަސައްކަތްކުރުމެވެ. އެކަމެއް ޙާޞިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ފުރިހަމައަށް ކުރެވިފައިވާނަމަ އަހަރެމެންގެ މަސްއޫލިއްޔަތު އެވަނީ ފުރިހައަށް އަދާކުރެވިފައެވެ. އެމީހަކު އެދޭ ގޮތަށް އެކަމެއް ހިންމަވައި ދެއްވެވުން ވަނީ ﷲ ތަޢާލާގެ ޙަޟްރަތުގައެވެ. އެކަމަށް އަހަރެމެންނަށް ކުރެވޭނެ އެއްވެސް އިތުރު ކަމެއް ނުއޮންނާނެއެވެ. 

ކުރަން މަސައްކަތްކުރާ އެއްވެސް ކަމެއް ޙާޞިލު ނުކުރެވުމުން އެހެން އެއްވެސް މީހަކު ދެކެ ރުޅި އައުމެއް ނެތެވެ! އެހެނީ އެކަމަކީ ތިމާއަށް ދެއްވެވުމަށް ﷲ ތަޢާލާ ކަނޑައަޅުއްވަވާފައިވާ ކަމެއް ނަމަ އެކަން ހުއްޓުވޭނެ އެއްވެސް ދެވަނަ މީހަކު ނުހުންނާނެއެވެ! 

ކަން އޮތީ މިފަދައިން ނަމަވެސް ކުރަން އުޅޭ ކަމެއް ޙާޞިލު ނުކުރެވުމުން އެކަމުގެ ބަދުނާމު އެހެން މީހުންގެ ބޮލުގައި އެޅުވޭތަން އެބަ އާދެއެވެ. އެހެން މީހުން ކުށްވެރިވެސް އެބަ ކުރެއެވެ. އެފަދަ ކަންކަމުގެ ސަބަބުން ޢާއިލާ ތެރޭގައި ފިތުނަތައްވެސް އެބަ އުފެދެއެވެ. މިއީ ވަރަށް ހިތާމަކުރަންޖެހޭ ކަންކަމެވެ. 

ޙަޔާތުގެ ކޮންމެ ކަމެއްގައިވެސް ތަޤްވާވެރިކަން ކުރިއަށް ނެރޭށެވެ! އީމާންކަމުގައި ސާބިތުވާށެވެ! ކޮންމެ ކަމެއްވެސް ޙާޞިލުކުރެވޭނީ އެކަމަކަށް ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންކަން ޔަޤީންކުރާށެވެ! އެއިރުން ހުރިހާ ނުތަނަވަސްކަމެއްވެސް ފިލައިގެންދާނެއެވެ. އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން