ހިޔާ މަޝްރޫޢުގެ ނަމުގައި އަޅާފައިވާ ފްލެޓްތަކަކީ ކޮށްފައިވާ ވަރަށް ބޮޑު އިސްރާފެއް ކަމަށާއި އެތަން މީހުންނާއި ޙަވާލުކުރި ނަމަވެސް އެތަންތަން ހުރީ މީހުންނަށް ދިރިއުޅެވޭނެ ޙާލަތުގައި ނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ވިދާޅުވީ އިމާރާތެއްގައި ހުރީ 3 ލިފްޓް ކަމަށާއި އޮފީހަށް ދެވޭނީ 2 ގަޑިއިރު ކުރިން ކިޔޫގައި ޖެހިގެން ކަމަށެވެ. އަދި އެއީ ކުރަން ފަސޭހަވާނެ ކަމެއް ނޫން ކަމަށެވެ.
މީގެ އިތުރުން ފްލެޓް ލިބޭނެ ކަމުގެ ލިޔުން ޙަވާލުކޮށްފައިވަނީ ވަރަށް ގިނަ މައްސަލަތަކާއިއެކުގައި ކަމަށާއި އެކަންކަން ބަލަމުން ގެންދާ ކަމަށެވެ. އެކަންކަން ބެލުން ލަސްވީ ލޮކްޑައުންގެ ޙާލަތު ކުރިމަތިވެ ގޭގެއަށް ޒިޔާރަތް ނުކުރެވުމުން ކަމަށެވެ. ނަމަވެސް މިހާރު އެކަންކަން ކުރިއަށް ގެންދެވޭ ކަމަށެވެ.
"އެތަން ހުރި ޙާލަތު މަޖިލީހުގެ މެންބަރުންވެސް ބައްލަވަިފި. ނޫސްވެރިންނަށްވެސް ދައްކައިލާނަން. ފޮޓޯ ނަގަން ބޭރުން ވަރަށް ފުރިހަމަ. ނަަމަވެސް އެތެރެ ހުރީ ބައަކަށް ދިރިއުޅެވޭނެ ގޮތަކަށް ނޫން" ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.