ކުރެވޭ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތަކުގެ ސަބަބުން ވެސް މުޅި ޙަޔާތް ކާމިޔާބުކުރެވޭ ވަރުގެ ބޮޑެތި ބަދަލުތައް ގެނުވިދާނެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 30ސ
ކުރެވޭ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތަކުގެ ސަބަބުން ވެސް މުޅި ޙަޔާތް ކާމިޔާބުކުރެވޭ ވަރުގެ ބޮޑެތި ބަދަލުތައް ގެނުވިދާނެ!

ތައުބާވެ ހެޔޮ ޢަމަލުތައް ކުރަން ފަށަން ބޭނުންވާ ބައެއް މީހުންނަށް އެކަން ކުރަން ބޭނުންވި ނަމަވެސް ނުކުރެވި ލަސްވާ އެއް ސަބަބަކީ އެކަން ކުރުމަކީ މާބޮޑުކަމެއް ކަމަށް ދެކެވޭތީއެވެ! އެއީ ބޮޑު ރަސްމިއްޔާތެއް ބާވާފައި ކުރަން ޖެހޭ ކަމެއް ނޫނީ ވަރަށް ގިނަ ހެޔޮއަމަލުކުރުމަށްފަހު ނުވަތަ ވަރަށް ގިނަ ހެޔޮ ޢަމަލުކުރަން ތައްޔާރުވެފައި ކުރަން ޖެހޭ ކަމެއް ކަމަކަށް ޤަބޫލުކުރެވޭތީއެވެ! 

މިކަމަކީ މިބުނި ފަދަ އެއްވެސް ކަމަކާއި އެއްވެސް ވަރަށް ގުޅުންހުރި ކަމެއް ނޫނެވެ! ތިބާ ކުރާ ހެޔޮޢަމަލުތައް ކުރުން އިތުރުކުރަން އެދޭމީހާ ފުރަތަމަ ކަމެއްގެ ގޮތުން ވެސް ހެޔޮ ޢަމަލުތައް ކުރުމާއި ގާތްވާށެވެ! މިސާލަކަށް ޛިކުރް ތަސްބީޙަ ކިޔާ ނިމިގެން ކުރިން ނުކިޔާ ކޮންމެވެސް ކުޑަކުޑަ ޝިކުރެއް 10 ވަރަކަށް ފަހަރު ކިޔަން ފަށައިބަލާށެވެ! ކޮންމެ ނަމާދެއް ނިންމާފައި ގެއަށް ދާން މިސްކިތުން ނުކުތުމުގެ ކުރިން ކީރިތި ޤުރްއާނުން އެންމެ 7 އާޔަތް ނަމަވެސް ކިޔަވައލަބަލާށެވެ! ދުވަލާކު އިތުރަށް އެންމެ ރަކްޢަތުގެ ނަމަވެސް ސުންނަތް ނަމާދެއް ކުރަން ފަށައިބަލާށެވެ! އަދި ވިތުރު ނުކުރެވޭ މީހެއްނަމަ ވިތުރީގެ އެންމެ މަދުމިން ކަމުގައިވާ އެއް ރަކްޢަތް ނަމަވެސް ނިކަން ކުރަން ފަށައިބަލާށެވެ! 

މިފަދަ ކިތަންމެ ކުޑަ އަމަލެއް ނަމަވެސް އިޚްލާޞްތެރިކަމާއިއެކު ކުރަން ފަށައިފި ނަމަ ހެޔޮ ޢަމަލުކުރުން އިތުރުކުރެވޭ ގޮތް އެމީހާޢަށްވެސް ނުއެނގޭނެއެވެ. ފަހަރަކު ކަމެއް ކުރަން ފެށެމުން ގޮސް ކުރެވޭނެ ހުރިހާ ކަމެއްވެސް ކުރަން ފެށޭނެއެވެ. ވީމާ މިކަމުގައި އެންމެ ފުރަތަމަ ކަމެއްގެ ގޮތުން މުހިންމީ އިޚްލާޞްތެރި ނިޔަތެކެވެ. ދެން ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ކުރަން ފެށުމެވެ! ތިންވަނަކަމެއްގެ ގޮތުން އެކަމުގައި ސާބިތުވުމެވެ. 

"--- އަދި ކަލޭގެފާނުގެ ވެރިރަސްކަލާނގެ ޙަޟްރަތުގައި، ޘަވާބު ލިބުމުގެގޮތުން އެންމެ ހެޔޮވެގެންވަނީ، އަދި ނަތީޖާގެގޮތުން އެންމެ ހެޔޮވެގެންވަނީ، ދެމިހުންނަނިވި ޞޯލިޙް ޢަމަލު ތަކެވެ." (މަރްޔަމް: 76)

ވީމާ ކިތަންމެ ކުޑަ ހެޔޮ ޢަމަލެއް ނަމަވެސް ކުރަން ފަށާށެވެ! އެކަމުގައި ސާބިތުވެ ދެމިހުންނަން ގަދައަޅައި މަސައްކަތްކުރާށެވެ! އެއިރުން އެމީހަކު ފެތިގެން އެދަނީ މި ބަޔާންކުރި ޢާޔަތުގެ ތެރެއަށެވެ! އެ އާޔަތުގައި ބަޔާން ކުރެއްވެވި މީހުންގެ ތެރެއަށެވެ. ﷲ ތައާލާ އެންމެ ލޯބިވެވޮޑިގަންނަވާ އަޅުނަގެތެރޭގައެވެ. އެންމެ ގިނަ ޘަވާބު ދެއްވަވާނެ ފަދައިން އަޅުކަން ކުރާ އަޅުންގެ ތެރޭގައެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! އެތައް ބައަކު ވަނީ އެމީހުންނަށް ކުރެވޭ ވަރަށް ކުދިކުދި ހެޔޮ ޢަމަލުތަކުގެ ސަބަބުން ވެސް އެ މީހުންގެ މުޅި ޙަޔާތް ކާމިޔާބުކުރެވޭ ވަރުގެ ބޮޑެތި ބަދަލުތައް ގެނުވައި އާޚިރަތް ކާމިޔާބު ކުރަން ގަދައަޅައި މަސައްކަތްކޮށްފައެވެ. އަދި މިހާރުވެސް ގެންދަނީ ކުރަމުންނެވެ! އަހަރެމެންގެ ޙަޔާތް ބަދަލުކޮށްލުން އޮތީ ހަމައަހަރެމެންގެ އަތްމަތީގައެވެ! ކުރެވޭ މަދު އަޅުކަން ގިނަކޮށްލުމުގެ ފުރުޞަތު ﷲ ތަޢާލާ ވަނީ އަހަރެމެންނަށް ދެއްވަވައިފައެވެ. 

ފުރުޞަތުގެ ބޭނުން ހިފަން އެދޭމީހާ މިބަޔާންކުރި ފަދައިން ޢަމަލުކުރަން އަވަހަށް ފަށާށެވެ! އަޅުކަން ކުރެވުނު މިންވަރު މަދުވެ ހިތާމަކުރަން ޖެހޭނެ ދުވަހު ހިތްހަމަޖެހިލެވޭވަރު ކުރެވޭތޯ ގަދައަޅައި މަސައްކަތްކުރާށެވެ! ސަލާމަތާއި އުފާވެރިކަން ލިބުން ވަނީ އެއިރުންނެވެ!

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން