ކޮރޯނާ ވައިރަސް އިން ސަލާމަތްވުމަށް ސަރުކާރުން ކުރަމުން ގެންދާ މަސައްކަތްތަކުގައި ކޮންމެ މީހަކީވެސް އެޗްޕީއޭގެ އެންގުންތަކަށް އަމަލުކުރަން އެހެން މީހުން ހޭލުންތެރިކުރުވާ މީހަކަށްވުމަށް ސަރުކާރުން އެދިއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވީ ކޮންމެ މީހެއްގެ ފަހަތުގައި ޑޮކްޓަރަކަށްވެސް އަދި ފުލުހަކަށް ވެސް ނުހުރެވޭނެ ކަމަށެވެ. އެހެންކަމުން ކޮންމެ މީހަކީވެސް އެޗްޕީއޭގެ އެންގުންތަކަށް ޢަމަލުކުރާ މީހަކަށް ވުމަށާއި އެހެން މީހުން ހޭލުންތެރިކުރުވަން މަސައްކަތްކުރާ މީހަކަށް ވުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
"ރިޕޯޓްކޮށްފިނަމަ މައްސަލަ ބަލާނެ! ފިޔަވަޅުވެސް އަޅާނެ! ނަމަވެސް އެންމެ މުހިންމީ އެންމެން ވެސް ހޭލުންތެރިވެ މިބަލިން ސަލާމަތްވުމަށް މަސައްކަތްކުރުން. ބަލިފެތުރުނަ ނުދިނުމަށް މަސައްކަތްކުރާ މީހަކުކަމުގައިވުން!"
ޑރ. އަފްޒަލް މިރޭ ވެސް ވިދާޅުވީ ލުއިތައް ދީފައިވަނީ ބަލީގެ ނުރައްކާ ނެތިގެން ނޫން ކަމަށާއި ނުރައްކާ އެބައޮތް ކަމަށެވެ. ލުއި ދިނުމުން ފަރުވާކުޑަކޮށްލައިގެން ބަލި ފެތުރުން އިތުރުވާނަމަ އަނބުރާ ކުރީގެ ޙާލަތަށް ދާންޖެހިދާނެ ކަމަށެވެ.