ދެން އޮތީ ސަރުކާރަށާ އަމިއްލަ ފަރާތްތަކަށް ލިބުނު އިޤްޠިޞާދީ ގެއްލުންތަކުން އަރައިގަންނަން މަސައްކަތްކުރުން!: ރައީސް ޞާލިޙް

ހަސަން އަލީ
ކިޔުމަށް ހޭދަވާނީ 3މ 22ސ
ދެން އޮތީ ސަރުކާރަށާ އަމިއްލަ ފަރާތްތަކަށް ލިބުނު އިޤްޠިޞާދީ ގެއްލުންތަކުން އަރައިގަންނަން މަސައްކަތްކުރުން!: ރައީސް ޞާލިޙް

ރާއްޖޭގައި ކޯވިޑް-19 ގެ ބަލިމަޑުކަމުން އަރައިގަތުމަށް ކުރެވިފައިވާ މަސައްކަތްތަކާއެކު މި ބައްޔާއި ކުރިމަތިލުމަށް ވަޞީލަތުގެ ގޮތުންނާއި، އެހެނިހެން ގޮތްގޮތުންވެސް ޞިއްހީ ދާއިރާގެ ޤާބިލުކަން އިތުރުކުރެވިފައިވާކަމަށާއި ބައްޔާގުޅިގެން މިހާރު ކުރިމަތިވެފައިވާ އިޤްތިޞާދީ ޙާލަތުން އަރައިގަތުމަށް މަސައްކަތްކުރުމުގެ ފުރުޞަތު ލިބިފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.  

އެމަނިކުފާނު މިމޭރުމުން ވިދާޅުވީ ނެޝަނަލް ޓާސްކްފޯރސް އޮން ރެސިލިއަންސް ބިލްޑިންގް އެންޑް އިކޮނޮމިކް ރިކަވަރީ"ގެ ފުރަތަމަ ބައްދަލުވުން ބާއްވަވައި ޓާސްކްފޯސްގެ މަސައްކަތްތައް ރޭވިފައިވާ ގޮތުގައ މަޢުލޫމަތު އޮޅުންފިލުއްވެވުމަށް މިއަދު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. 

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މި ބައްޔާގުޅިގެން އިޤްތިޞާދީ ގޮތުން ލިބުނު ގެއްލުންތައް ދަޢުލަތުގެ އިތުރުން އަމިއްލަ ފަރާތްތަކަށްވެސް ލިބިފައިވާކަން ފާހަގަކުރައްވައި އެގޮތުން 1 ބިލިޔަން ރުފިޔާގެ އުނިކަމެއް ދައުލަތުގެ ބަޖެޓަށްވެސް އަންނާނެކަމަށް ވިދާޅުވިއެވެ. އެހެންކަމުން މިކަންކަމުން އަރައިގަތުމަށް ބަޖެޓުގެ ޚަރަދުތަކާއި އާމްދަނީ އަލުން ދިރާސާކޮށް އެކުލަވާލަން ޖެހޭކަން ފާހަގަކުރެއްވިއެވެ. ޓާސްކްފޯހުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ވަރަށް އަވަހަށް ރާއްޖޭގެ ބޯޑަރުތައްވެސް ހުޅުވާލައި ފަތުރުވެރިކަން ފެށުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވެވި މި ބައްދަލުވުމުގައި މި ޓާސްކްފޯސްގައި ހިމެނޭ 3 ވަރކިންގ ގްރޫޕްކަމަށްވާ، ވާރކިންގް ގްރޫޕް އޮން ފައިނޭންސް، ވާރކިންގް ގްރޫޕް އޮން އިކޮނޮމިކް ރިކަވަރީ އަދި ސޯޝަލް ސެކްޓަރގެ ވާރކިންގް ގްރޫޕުން އެ ވާރކިންގ ގްރޫޕުތަކާއި ޙަވާލުވެފައިވާ ދާއިރާތަކުގެ ކަންކަން ކުރިޔަށްގެންދަވަން ރާއްވަވާފައިވާ ގޮތްތަކާއި ބެހޭ ޕްރެޒެންޓޭޝަންތައް ހުށަހެޅުއްވިއެވެ. 

އެގޮތުން ހުށަހެޅުއްވި ޕްރެޒެންޓޭޝަންތަކުގައި ހިމެނޭ ކަންތައްތަކުގެ ތެރޭގައި ކޯވިޑާގުޅިގެން ދިމާވި ދަތިތަކާއެކު ބަޖެޓު ރިވައިސްކޮށް މާލީކަންކަން ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާއި، އިޤްތިޞާދު ނެގެހެއްޓުމާއި، އިޤްތިޞާދީ ކަންކަން ކުރިޔަށްގެންދިއުމުގައި އެންމެ މުހިންމުކަންދޭނެ ދާއިރާތަކާއި އަދި މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތަކާ ބެހޭގޮތުންނާއި، ސޯޝަލް ސެކްޓަރއިން ޞިއްޙީ ދާއިރާ ވަރުގަދަކުރުމާއި، އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް އެހީފޯރުކޮށްދިނުމާއި އަދި ސްކޫލުތައް ހުޅުވުމުގެ މަސައްކަތްތައް ކުރިޔަށްގެންދިއުމަށް ރޭވިފައިވާ ގޮތްތައް ހިމެނެއެވެ.

މި ބައްދަލުވުން ފައްޓަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ މި ޓާސްކްފޯސް އުފެއްދެވުމުގެ މަޤްޞަދުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅު ދައްކަވާފައެވެ. 

މިއަދު ބޭއްވެވި ޓާސްކްފޯސްގެ މި ބައްދަލުވުމުގައި ޓާސްކްފޯސްގައި ހިމެނޭ 3 ވާރކިންގ ގްރޫޕުން ޙިއްޞާކުރެއްވި 3 ޕްރެޒެންޓޭޝަނުގެ އިތުރުން ރާއްޖޭގެ ޓޫރިޒަމް ހުޅުވާލުމާ ބެހޭ ގައިޑުލައިންގެ ކަރުދާސް މިނިސްޓަރ އޮފް ޓޫރިޒަމް ޢަލީ ވަހީދު ހުށަހެޅުއްވިއެވެ.

މި ބައްދަލުވުން ނިންމަވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮވިޑާއި ގުޅިގެން ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަތުމަށް ޓާސްކްފޯސްއިން ކުރަމުންދާ މި މަސައްކަތްތަކަކީ ސަރުކާރާއި، ރައްޔިތުންގެ މަޖިލީހުގެ މެންބަރުންނާއި، ޕްރައިވެޓް ސެކްޓަރާ، ސިވިލް ސޮސައިޓީ، އަދި ދައުލަތުގެ އެކި މުއައްސަސާތަކުގެ ބައިވެރިވުމާއެކު ކުރިއަށް ގެންދެވޭ މަސައްކަތެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދުގެ ބައްދަލުވުން ނިންމަވާލައްވަމުން ޓާސްކްފޯސްގެ މިއަދުގެ ބައްދަލުވުމުގައި 3 ވާރކިންގ ގުރޫޕުން ހުޅަހެޅުއްވި ހުށަހެޅުންވުންތަކާއި އަދި މިއަދު ހުށަހެޅުއްވި ރާއްޖޭގެ ފަތުރުވެރިކަން އަލުން ހުޅުވާލުމާ ބެހޭ ގައިޑްލައިންއާ މެދު ދެން ބާއްވަވާ ބައްދަލުވުމުގައި ގޮތެއް ނިންމަވާނެކަން އިޢުލާނުކުރައްވާފައެވެ.

މިއަދު އޮންލައިން