މިއަދުގެ ޙާލަތަކީ ތިމާގެ ނަފްސް ﷲ ގެ ޢަޛާބުން ސަލާމަތްކުރަން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަން ޤުރްއާނުން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 52ސ
މިއަދުގެ ޙާލަތަކީ ތިމާގެ ނަފްސް ﷲ ގެ ޢަޛާބުން ސަލާމަތްކުރަން ލިބިފައިވާ ރަނުގެ ފުރުޞަތެއްކަން ޤުރްއާނުން!

މިއަދު މުޅި ދުނިޔެއަށް ކުރިމަތިވެފައިވާ ޙާލަތަކީ ވެސް ނަރަކައިން ސަލާމަތްވުމަށް ﷲ ތަޢާލާ ދެއްވަވާފައިވާ ވަރަށް މަތިވެރި ފުރުޞަތެއްކަން ކީރިތި ޤުރްއާނުން އެނގެން އެބައޮތެވެ. އެހެނީ ﷲ ދެއްވަވާ ނިޢްމަތްތަކަށް ޝުކުރުވެރިވެ އީމާންވާ މީހުންނަށް އެއްވެސް ޢަޛާބެއް ނުދެއްވަވާނެކަން އެކަލާނގެ ވަނީ ވަޙީ ޚުރައްވަވައިފައެވެ. ވީމާ އެއީ އެއްވެސް ޝައްކެއް އޮތް ކަމެއް ނޫނެވެ!

ދަތިތަކާއި ތަކްލީފްތައް ވަނީ ކުރިމަތިވެފައެވެ. ނަމަވެސް ﷲ ތަޢާލާގެ ނިޢްމަތްތައް މިވަނީ އަހަރެމެންނާއިއެކުގައެވެ. ބަލީގައި މަރުވަނީ މަދުމީހެކެވެ. ކޮންމެ ބައްޔެއްގައި ވެސް މީހުން މަރުވެއެވެ. އެއްވެސް ބައްޔެއް ނުޖެހިވެސް މީހުން މަރުވެއެވެ. ވީމާ މަރުވުމަކީ އެއްވެސް ޙާލެއްގައި ވަކި ޚާއްޞަ ބައްޔަކާއި ގުޅިފައިވާ ކަމެއް ނޫނެވެ.

ހަމަ އެއާއިއެކު އެހެން ވެސް ބަލިތަކުން މީހުންނަށް ޝިފާ ލިބޭ ފަދައިން ކޮރޯނާ ވައިރަސްއިން ވެސް ޝިފާ ލިބެއެވެ. މިއަދުގެ ޙާލަތަށް ބެލި ނަމަވެސް 8 މިލިއަނަށްވުރެ ގިނަ މީހުންނަށް ބަލިޖެހުނުއިރު މަރުވި މީހުންގެ އަދަދަކީ ހަތަރުލައްކައެވެ. ވީމާ ﷲ ތައާލާގެ ރަޙްމަތްފުޅު މިއޮތީ ފެންނާށެވެ! ފާއިތުވި ހައަކަ މަސްދުވަހަށް ބަލައިފިނަމަ އެހެން ބަލިތަކުގަ އާއި އެއްވެސް ބައްޔެއް ނުވެ މަރުވި މީހުންގ އަދަދު އެތައް މިލިއަނަށް އަރާނެއެވެ!

ހަމަ އެއާއިއެކު ކުރިން އުޅުނުފަދަ އުފާވެރި ދިރިއުޅުމެއް ނުއުޅެވުނު ނަމަވެސް އަޅުގަނޑުމެން އެންމެންވެސް މިތިބީ ﷲ ތަޢާލާގެ މަތިވެރި ނިޢްމަތުގައެވެ. ﷲ ތަޢާލާ ދެއްވެވި ރިޒްޤް ކައި ދުޅަހެޔޮ ޞިއްޙަތުގައެވެ. ﷲ ތަޢާލާގެ ހެޔޮ ރަޙްމަތްފުޅުގައެވެ.

ވީމާ އޮތީ ޝުކުރުވެރިވުން އިތުރުކުރަން މަސައްކަތްކުރުމެވެ. އީމާންތެރިކަން އިތުރުކުރަން ގަދައަޅައި މަސައްކަތްކުރުމެވެ. އެއިރުން ﷲ ތަޢާލާގެ ޢަޛާބާއި ކުރިމަތިލާން ނުޖެހޭނެކަން މިއާޔަތުން މިއޮތީ ވަރަށް ރަނގަޅަށް އެނގޭށެވެ!

"ތިއަބައިމީހުން ޝުކުރު ކޮށް، އީމާން ވީނަމަ، ތިއަބައިމީހުންނަށް ޢަޛާބް ދެއްވުމުން ﷲ ކުރައްވާނީ ކޮންކަމެއްހެއްޔެވެ؟ (އެބަހީ: އެފަދަ މީހުންނަށް ﷲ ޢަޛާބް ނުދެއްވާނެކަން ކަނޑައެޅުއްވުމެވެ.) ޝުކުރު ޤަބޫލު ކުރައްވާ، މޮޅަށް ދެނެވޮޑިގެންވާ ކަލަކުކަމުގައި ﷲ ވޮޑިގެންވެއެވެ." (އައްނިސާ: 147)

ވީމާ މިއަދު ކުރިމަތިވެފައިވާ ޙާލަތާއި ގުޅިގެން ބޭކާރު ފިކުރުތައް ކުރަން ވަގުތުތައް ނަގައިނުލާށެވެ! ދެއްވަވާފައިވާ މަތިވެރި ފުރުޞަތުގެ ބޭނުން ހިފައި ﷲ ތައާލާގެ ޢަޛާބުން ސަލާމަތްވާން ގަދައަލައި މަސައްކަތްކުރާށެވެ! ޝުކުރުވެރިވުމާއި އީމާންތެރިކަން އިތުރުކުރަން ކުރާ މަސައްކަތް އިތުރުކުރާށެވެ!

--އިސްލާމީ ތިލފަތުގެ ދަރުސަކުން

މިއަދު އޮންލައިން