މި ދެ އާޔަތަށް ޢަމަލުކޮށްފި މީހާ އޭނާގެ އާޚިރަތް ކާމިޔާބުކޮށްފިއެވެ!: އިން ޝާ ﷲ

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 49ސ
މި ދެ އާޔަތަށް ޢަމަލުކޮށްފި މީހާ އޭނާގެ އާޚިރަތް ކާމިޔާބުކޮށްފިއެވެ!: އިން ޝާ ﷲ

މިއީ އެއްވެސް ޙާލެއްގައި ޝައިޚަކު ނުވަތަ އިމާމަކު ދޭ ދަރުސެއް ކަމަށް ނުދެކޭށެވެ! ތިބާއަށް ހެޔޮ އެދޭއަކަކު ތިބާއަށްދޭ ނަޞޭޙަތެއް ކަމަށް ޤަބޫލުކުރާށެވެ! ބަރުޒަޚުގެ ޢާލަމާއި އާޚިރަތް ދުވަހު ތިބާއަށް ކުރިމަތިވެދާނެ މުޞީބާތްތަކުން ސަލާމަތްކުރެވޭތޯ ހަމަ ތިބާ ފަދަ އިންސާނަކު ކުރި މަސައްކަތެއް ކަމަށް ދެކޭށެވެ!

ދުނިޔެ ހޯދަން ކުރާ މަސައްކަތް މަދުކުރާށެވެ! އާޚިރަތް ހޯދަންކުރާ މަސައްކަތް ގިނަކުރާށެވެ! ކޮންމެ ރެއަކު ނިދަން އޮށޯންނަމުން ބަލަންވީ ދުނިޔެއިން ބޭނުންވާ ކަންކަމުގެ ތެރެއިން ޙާޞިލު ނުކުރެވި ކަންކަމުގެ ޙިސާބެއް ނޫނެވެ. އެދުވަހަކު އާޚިރަތަށްޓަކައި ކުރެވުނު ކަންކަމުގެ ހިސާބެވެ! ހެނދުނު ހޭލެވިއްޖެ ނަމަ ބަލަންވީ ދުނިޔެއިން އެދުވަހަކު ޙާޞިލުކުރަންވީ ކަންކަމަކަށް ނޫނެވެ! އާޚިރަތަށްޓަކައި އެދުވަހަކު ކުރަން ޤަބްދުކުރާ ކަންކަމަށެވެ. 

ޙަޔާތުގެ ވަޤުތުތައް ފާއިތުވެގެންދާ ގޮތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! މިލިޔުން ކިޔަން ކްލިކްކޮށްލި ހިނދުޅުން ފެށިގެން މިވަގުތާއި ހަމައަށް ކިތައް ނޭވާ ލައިފިން ހެއްޔެވެ؟ ލެވުނު ކޮންމެ ނޭވާއަކީ ޢުމުރުން ކުރުވެގެންދާ ވަގުތުތަކެކެވެ. މަރާއި ކައިރިވެވެނީއެވެ! ވީމާ ޙަޔާތުން ހޭދަވެގެންދާ ކޮންމެ ދުވަހަކީ ހާދަ އަގުހުރި ވަޤުތތުތަކެކެވެ. ގެއްލިގެންދާ ހާދަ ގިނަ ފުރުޞަތުތަކެކެވެ. 

ހަމައެކަނި މިއަޔާތާއިމެދު ނިކަން ވިސްނައިލަބަލާށެވެ! 

"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! އަދި ކޮންމެ ނަފްސެއްމެ، މާދަމައަށްޓަކައި އިސްކޮށްފައިވާ ޢަމަލެއް ބަލައިފާހުށިކަމެވެ! އަދި ތިއަބައިމީހުން ﷲ އަށް ތަޤްވާވެރިވާށެވެ! ހަމަކަށަވަރުން، ﷲ އީ، ތިއަބައިމީހުންކުރާ ކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ." (އަލް ޙަޝްރް: 18) 

ﷲ ތައަލާއަށް ބިރުވެތިވެ ތަޤްވާވެރިވުމަށް 2 ފަހަރު އެވަނީ ހަމަ އެކަނި މިއާޔަތުގައިވެސް އަމުރުފުޅުކުރައްވަވައިފައެވެ. ހަމަ އެއާއިއެކު ވަޙީކުރައްވަވާފައި އެވަނީ ހަމަ ކޮންމެ މީހަކުވެސް އާޚިރަތަށްޓަކައި ކުރެވުނު ކަންކަމަށް ވިސްނުމަށެވެ! އެކަމުގެ ޙިސާބު ޤިޔާމަތް ދުވަހު ﷲ ތަޢާލާ ބެއްލެވުމުގެ ކުރިން ކޮންމެ ދުވަހަކުވެސް އަމިއްލައަށް ހިސާބު ބަލަމުން ގެންދިއުމަށެވެ. އަދި ހަމަ އެއާއިއެކު އަހަރެމެން ކުރާ އެންމެހައި ޢަމަލުތައް މޮޅަށް ތިމަން ﷲ ދެނެވޮޑިގެންވާ ކަމަށެވެ.   

ދުނިޔަވީ ގޮތުން ތިމާއަށް ފައިދާހުރިކަމަކަށް މާދަމާ ކުރިމަތިލާން ޖެހޭނެކަން އެނގޭނަމަ އެނގުނު ވަގުތުން ފެށިގެން އެކަން ކާމިޔާބުކުރުމުގެ މަސައްކަތް ގަދައަޅައި ކުރަމުއެވެ. އެކަމަށް ކުރިމަތިލުމަށް ތައްޔާރުވަމުއެވެ! މަރު އައިސް ބައްދަލުކުރާނެ ވަގުތު ހަމައެކަކަށްވެސް ނުއެނގެއެވެ! އޮތީ ތައްޔާރުވެގެން ތިބުމެވެ. އެކަމަށް ތައްޔާރުވާން ކުރަންޖެހޭ ކަމަކީ ތަޤްވާވެރިކަން އިތުރުކޮށް ކުރާ ހެޔޮ އަމަލުތައް ގިނަކުރުމެވެ. މިއާޔަތުގައި ވަޙިކުރައްވަވާފައިއެވަނީ އެގޮތުން ކުރާ މަސައްކަތުގެ ހިސާބު ކޮންމެ ދުވަހަކުވެސް ބަލަމުން ގެންދަން ޖެހޭނެ ވާހަކައެވެ.

"އަދި ﷲ ހަނދުމަ ނައްތައިލި މީހުން ފަދައިން ތިއަބައިމީހުން ނުވާށެވެ! ފަހެ، އެކަލާނގެ އެއުރެންގެ އަމިއްލަ ނަފްސް ތައް ހަނދުމަނެތިކޮށްލެއްވިއެވެ. އެއުރެންނީ، ހަމަ ފާސިޤުންނެވެ." (އަލްޙަޝްރް: 19) 

މިއާޔަތުގައި ﷲ ތަޢާލާ ވަޙިކުރައްވަވާފައި އެވަނީ އެްމެ ހިނދުކޮޅަކަށްވެސް ﷲ ތަޢާލާ ހަނދުމަނެތިކޮށް ނުލުމަށެވެ! ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިލި މީހުން ފަދައިން ނުވުމަށެވެ. ﷲ ތަޢާލާގެ މަތިން ހަނދުމަ ނައްތައިލެވުމުން އެ ހަނދުމަ ނައްތައިލެވެނީ އަމިއްލަ ނަފްސްގެ މަތިންނެވެ! އެހެނީ އެހަނދާން ނައްތައިލެވެނީ މަގުފުރެދި ފާސިޤުންތެރޭގައި ވުމުން އަމިއްލަ ނަފްސަށް ލިބޭނެ ގެއްލުންތަކެވެ!  

ވީމާ އާޚިރަތް އެދޭ މީހާއަށް ހަމައެކަނި މި ދެއާޔަތުން ފުދެއެވެ! މި ދެ އާޔަތަށް ޢަމަލުކޮށްފި މީހާއަށް އެވަނީ އާޚިރަތް ކާމިޔާބުކުރެވިފައެވެ! އިން ޝާ ﷲ 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން