މިއަހަރު ޙައްޖަށް މީހުން ފޮނުވަން ސައުދީ ސަރުކާރުން ދޭ ފުރުޞަތުގެ ބޭނުން ރާއްޖެއިން ހިފާނެ ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒާހިރު ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރ ވިދާޅުވީ ރާއްޖެއިން މަސައްކަތް ކުރަނީ އެންމެ ފަހު ވަގުތުގައިވެސް ސައުދީ ސަރުކާރުން ފުރުޞަތު ދީފިނަމަ ދިން ވަރަކަށް ޙައްޖަށް މީހުން ފޮނުވަން ކަމަށެވެ.
ޑރ. ޒާހިރު ވިދާޅުވީ ޙައްޖުގެ އަޅުކަމުގައި މީހުން ތޮއްޖެހުމުގެ ފުރުޞަތު ކުޑަކުރުމުގެ ގޮތުން ސައުދީ ސަރުކާރުން މަސައްކަތްކުރަމުން އަންނަނީ ޖުމުލަ 270000 މީހުންނަށް މިއަހަރު ފުރުޞަތުދޭން ކަމަށެވެ.
"ގައިދުރުކޮށް ޙައްޖުގެ އަޅުކަން އަދާކުރެވޭނެ ގޮތްތަކާ ބަލިވެއްޖެ ނަމަ ފަރުވާދެވޭނެ ގޮތް އިންތިޒާމުކޮށް ޚިދުމަތް ދެވޭނެ ގޮތްތަކަށް ސައުދީ ސަރުކާރުން ތައްޔާރުވަމުން އަންނަނީ."
ޑރ. ޒާހިރު ވިދާޅުވީ ސައުދީން ފުރުޞަތު ދޭންވާއިރަށް ރާއްޖެއިން މީހުން ޙައްޖަށް ގެންދާނެ ޖަމާއަތްތައް ކަނޑައެޅުމުގެ މަސައްކަތް ކުރެވެމުން އަންނަ ކަމަށެވެ. އެހައިފަހުން ޖާގަދަ ލިބުމުން ގްރޫޕްތަކަށްވެސް ދަތިތަކެއް ހުންނެ ކަމަށާއި ފުރުޞަތު ދޭނީ ޖަމާއަތްތަކާއި މަޝްވަރާކޮށް ޚިދުމަތް ދެވޭނެ ޖަމާޢަތްތަކަށް ކަމަށެވެ.