ތިރީގައި މިވަނީ މިޙާލަތުގަ ދުރުދުރުގަ ތިބެންގެން ވެސް މޮޅު އިތުރުވެގެންވަނީ ޖަމާޢަތުގައި ނަމާދުކުރުންކަން ބަޔާން ކުރައްވައި އުސްތާޛް ޙޫސައިން ރަޝިދު އަޙްމަދު ލިޔުއްވަވާފައިވާ ލިޔުމެކެވެ.
މިސްކިތްތައް ހުޅުވާލެވޭހިނދު ސަވާބު އިތުރުވާނީ ޖަމާޢަތުގައި ނަމާދު ކުރުމުންނެވެ.
الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ،، وَبَعْدُ!
ނަމާދަކީ ދީނުގެ އެންމެ މުހިންމު ފަރުޟެވެ. ދީނުގެ މައިތަނބެވެ. ކޮރޮނާގެ ސަބަބުން އެންމެންގެ ރައްކަލަކަށްޓަކައި މިސްކިތްތައް ބަންދުވެފައި އޮތުމަށްފަހު މިސްކިތުގައި ނަމާދު ކުރުމުގެ ހުއްދަލިބޭކަމަށް ޚަބަރު އެބަލިބެއެވެ. އެހެންކަމުން ޞިއްޙީ މިންގަނޑުގައި ތިބެ ގައިދުރުކުރުމާއެކު އެންމެ މޮޅުވާނީ ވަކިވަކިން ކުރުމަށްވުރެން ޖަމާޢަތުގައި ނަމާދު ކުރުމެވެ. އެއް ޖަމާޢަތަށް ވުރެން ގިނަ ޖަމާޢަަތް ކުރެވިދާނެއެވެ. ދެމީހަކަށް ނުވަތަ އެއަށްވުރެން ގިނަ މީހުންނަށް ޖަމާޢަތުގައި ނަމާދު ކުރެވޭނެއެެވެ. ކީރިތި ރަސޫލާގެ ޙަދީޘުފުޅެއްގައި އައިސްފައިވާ ފަދައިންނެވެ. ]صَلَاةُ الْجَمَاعَةِ أَفْضَلُ مِنْ صَلَاةِ الْفَذِّ بِسَبْعٍ وَعِشْرِينَ دَرَجَةً[ މާނައީ: އެކަހެރިކޮށް ކުރާ ނަމާދަށް ވުރެން ޖަމާޢަތުގައި ކުރާ ނަމާދުގައި ހަތާވީސް ގުނަ އިތުރު ވެގެން ވެއެވެ. ލޮބުވެތި ރަސޫލާގެ ޙަދީޘުގައި އަންނަނީ، ]أَجْرُكِ عَلَى قَدْرِ نَصَبِكِ[ (އެމީހަކަށް ﷲގެ ޙަޟުރަތުން އަޖުރު ދެއްވާހުށީ އެކަމުގައި އެމީހަކު ބުރަ ތަކްލީފު އުފުއްލެވި މިންވަރަކަށެވެ.)
ޖަމާޢަތުގައި ނަމާދުކުރާއިރު ސަފުހެދުމަކީ ނަމާދުގެ އެންމެ މުހިއްމު ޢަމަލެވެ. ނަމަވެސް އެއީއަކީ ނަމާދުގެ ޝަރުޠެއް ނުވަތަ ރުކުރެއް ނޫނެވެ. އެއީ ސުއްނަތެކެވެ. ސަފުގައި ގާތްގާތުގައި ނުތިބެވުނަސް ނަމާދު ޞައްޙަވާނެއެވެ. އަދި މިހާރު ދުނިޔެއަށް ދިމާވެފައިވާ ޙާލަތުގައި ގާތްގާތުގައި ނުތިބެވުމަކީ ޖަމާޢަތުން ލިބެނިވި ސަވާބަށް އުނިކަމެއް އަންނާނެ ކަމެއް ނޫންކަމުގައި ޢިލްމުވެރިން ވިދާޅުވެފައި ވެއެވެ.
ނަމާދު ކުރާއިރު ނަމާދު ކުރުމަށް ދީނުގައި އަންގަވާފައި ވަނީ ތިމާއަށް ކުޅަދާނަވީ ގޮތަކަށެވެ. ވުޟޫ ނުކުރެވޭ ޙާލަތުގައި ވުޟޫ ނުކޮށް ނަމާދު ކުރަންޖެހެއެވެ. ޤިބުލައަށް ނީދެވޭ ޙާލަތުގައި ކޮންމެ ފަރާތަކަށް ހުރެވެސް ނަމާދު ކުރަންވީއެވެ. ކޮޅަށް ނުހުރެވޭނަމަ ތިމާއަށް ފަސޭހަވީ ގޮތަކަށް އިނދެ ނަމާދު ކުރަންވީއެވެ. އެހެންކަމުން ޖަމާޢަތުގެ ފުރުޞަތު ލިބޭހިނދު ސަވާބު އިތުރުވާނީ ޖަމާޢަތުގައި ނަމާދުކޮށްގެންނެވެ.
އަޅުގަނޑުގެ ދުޢާއަކީ މާތް ﷲ އަޅަމެންނަށް އެންމެ ފުރިހަމަ ގޮތުގައި ނަމާދު އަދާ ކުރުމުގެ ތައުފީޤު ދެއްވުމެވެ. އަދި މިބަލާ މުޞީބާތުން އަޅަމެންނާއި މުޅި ދުނިޔޭގައި ވާހައި ތިޔައިލާހުގެ އަޅުތަކުން ސަލާމަތް ކުރަށްވައި އަޅަމެންނަށް އަވަސް ޝިފާއެއް ދެއްވުމެވެ. އާމީން!
14 ޖޫން 2020
وَصَلَّى اللَّهُ وَسَلَّمَ عَلَى خَيْرِ خَلْقِهِ مُحَمَّدٍ وَآلِهِ وَصَحْبِهِ أَجْمَعِينَ
__ ޙުސައިން ރަޝީދު އަޙްމަދު