ބައްޔެއް، މުޞީބާތެއް ކުރިމަތިވާއިރަށް މާޔޫސްބަލީގެ ފަރުވާ ހޯދަން ޖެހޭ މީހުންގެ މިސާލަކީ އަމިއްލައަށް ކައްވަޅުކޮންނަ މީހުންގެ މިސާލު!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 18ސ
ބައްޔެއް، މުޞީބާތެއް ކުރިމަތިވާއިރަށް މާޔޫސްބަލީގެ ފަރުވާ ހޯދަން ޖެހޭ މީހުންގެ މިސާލަކީ އަމިއްލައަށް ކައްވަޅުކޮންނަ މީހުންގެ މިސާލު!

ޢިލްމްވެރިއަކު ވިދާޅުވެފައިވެއެވެ. 

"ބައްޔެއްވާއިރަށް ނުވަތަ މުޞީބާތެއް ކުރިމަތިވާއިރަށް އެކަމުން ސަލާމަތް ނުވެވެނެ ކަމަށް ވިސްނަމުން ގޮސް ނަފްސާނީ ޑޮކްޓަރުންނެވެ މިކިޔާ މާޔޫސްބަލީގެ ޑޮކްޓަރުންގެ ކިބައިން ފަރުވާ ހޯދަން ޖެހޭ މީހުންގެ މިސާލަކީ އަމިއްލައަށް ކައްވަޅުކޮންނަ މީހުންގެ މިސާލެވެ. ނަމަވެސް އަމިއްލައަށް ކައްވަޅު ކޮނުމަކީ އެއްވެސްމީހަކަށް ކުރަން އޮތް ކަމެއް ނޫނެވެ. 

ސަބަބަކީ އެއްވެސް މީހަކަށް އެމީހަކު މަރުވާނެ މަގުތު ނުއެނގޭނެތީއެވެ. ކިތަންމެ ބޮޑު ބައްޔެއް ޖެހިފައިވާ މީހަކަށް ނަމަވެސް އެބައްޔާއިއެކު ކިތަންމެ ދިގު މުއްދަތެއްގައި ވެސް ދިރިއުޅެވޭތީއެވެ. އެކަމުގެ ހެކިތައްވެސް ހާމަކުރަނީ ޑޮކްޓަރުންނެވެ. "

ބައެއް މީހުން މަރުވުމުން އެމީހުން މަރުވި ސަބަބު ހޯދަން ކުރާ ތަޙްލީލްތަކުން، ހަދާ ޓެސްޓްތަކުން އެމީހަކު އެއީ ނުރައްކާތެރި ބައްޔެއްގައި އެތައް އަހަރެއް ވޭތިކޮށްފައިވާ މީހަކުކަން އެބަ އެނގެއެވެ. އެއްވެސް ފަރުވާއަކާއި ނުލައި އެމީހާއަށް އެހައި ގިނަ ދުވަހު ދުނިޔޭގައި އުޅެވުނު ސަބަބާއިމެދު ޑޮކްޓަރުން ސުވާލު އުފައްދައެވެ. ލިޔުންތަކާއި ރިޕޯޓްތައް ލިވެ ހާމަކުރެއެވެ. 

މިކަންކަމުން އެނގެނީ އެއްވެސް މީހަކު މަރުވުމާއި އޭނާއަށް ޖެހޭ ބައްޔަކާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ބަލިވުމަކީ ވަކި މައްސަލައެއް ކަމާއި ދިރިހުރުމާއި މަރުވުމާއި ބަލިވުމާއި އެއްވެސް ގުޅުމެއް ނެތްކަމެވެ. ހަމައެއާއިއެކު ބަލިވުމާއި ޝިފާލިބުމާއި ދިރިހުރުމާއި މަރުވުމާއި މި އެންމެހައި ކަންކަން ޚާއްޞަވެގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށް ކަމެވެ. 

ﷲ ތަޢާލާ އަންގަވާފައިވަނީ ކެތްތެރިވެ އެކަލާނގެ ޙަޟްރަތުން ވާގިއެދުމަށެވެ. ކޮންމެ ކަމަކަށްވެސް ޙައްލު މިންވަރުކޮށްދެއްވަވާނެ ކަމަށެވެ. މުޞީބާތެއް ކުރިމަތިވެއްޖެ ނަމަ ތިމަން ﷲ އާއި ކުއްތަންވުން އިތުރުކުރުމަށެވެ. 

ނަފްސާނީ ޑޮކްޓަރުން ގިނައިން ދައްކާނީ މީސްމީހުންނަށް ގިނަގިނައިން ފޯނުކުރާ ވާހަކަ އާ މަޖާކުރާ ވާހަކަތަކާ ގިނައިން ގެއިން ބޭރުގަ އުޅުން ރަނގަޅުވާހަކައާ ޕާޓީކުރާ ވާހަކަ އާ ޓީވީ ބަލާ ވާހަކައާ ގޭމްކުޅޭ ވާހަކަތަކެވެ. މިކަންކަމަކީ ތިމާ އާއި ﷲ ތަޢާލާ އާއި އޮންނަ ގުޅުން ދުރުކުރުވައި ކުޑަކުރުވާ ކަންކަމެވެ. 

މީހަކަށް އެމީހެއްގެ ލޯބިވެރިޔާ ގެއްލުން، ކައިވެނި ރޫޅުން ފަދަ ޙާލަތެއް މެދުވެރިވާ ވަގުތު އިބިލީސްވެސް ވަސްވާސް ދޭނީ ހަމަ މިކަންކަމަށެވެ. އެމީހަކާއި ﷲ ތައާލާ އާއި ދުރުކުރެވޭނެ ހުރިހާ ކަންކަން އެމީހަކު ލައްވައި ކުރުވަން މަސައްކަތްކުރާނެއެވެ. 

ވީމާ މިފަދަ ކަންކަމަށް އެންމެންވެސް ސަމާލުވާށެވެ! އަހަރެމެންނާއި އަހަރެމެންނަށް ކުރިމަތިވާ ޙާލަތުގެ ވެސް މިލްކުވެރިފަރާތަކީ ހަމަ ﷲ ތަޢާލާއެވެ. އެންމެހައި ބާރުތަކެއް ލިބިވޮޑިގެންވަނީ ހަމައެކަނި ﷲ ތަޢާލާއަށެވެ. ޙައްލުވެސް ލިބުން އޮތީ ހަމައެކަނި ﷲ ތަޢާލާ މިންވަރުކުރެއްވެވުމުންނެވެ. ވީމާ ކޮންމެ ޙާލަތެއްގައިވެސް ﷲ ތަޢާލާ އާއި ކުއްތަންވުމަށް ގަދައަޅައި މަސައްކަތްކުރާށެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން