ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން

މިއަދު
ކިޔުމަށް ހޭދަވާނީ 15މ 38ސ
ނަމާދުފަހުގައި ދުޢާކުރުމާއި ދުޢާގައި އަތްއުފުލުމާއި މޫނު ފިރުމުން

- ޙުސައިން ރަޝީދު އަޙްމަދު -

الْحَمْدُ لِلَّهِ رَبِّ الْعَالَمِينَ وَالصَّلاَةُ وَالسَّلاَمُ عَلَى الْمَبْعُوثِ رَحْمَةً لِلْعَالَمِينَ

މިހާރަކަށް އައިސް މާގިނައިން ކުރެވެމުންދާ ސުވާލެކެވެ. މީސްމީޑިޔާގެ ފަލަސުޚުރީގައި ކުޅެމުންދާ ބަސްތަކެކެވެ. ފަރުޟު ނަމާދަށް ފަހުން ދުޢާކުރުން އޮވޭހެއްޔެވެ؟ ދުޢާކުރާއިރު ދެއަތްއުފުލުމަކީ ސުއްނަތެއްހެއްޔެވެ؟ ދުޢާކުރުމަށްފަހު މޫނުގައި އަތްއެޅުމަކީ ބިދުޢައެކޭ ބައެއް މީހުން އެބަބުނެއެވެ. އެއީ ޙަޤީޤަތެއް ހެއްޔެވެ؟ 

އިސްލާމް ދީނުގެ ކަންތައްތަކަކީ ދީނުގައި ވަރަށް ސާފުކޮށް ސާބިތުވާންހުރި ކަންތައްތަކެވެ. ޤުރުއާނާއި رَسُولُ اللَّهِ (ޞޢވ)ގެ އަރިހުން ސާބިތުވެ ސަލަފުއްޞާލިޙުންގެ ދުވަސްވަރުން ފެށިގެން އެއަށް ޢަމަލުވަމުން އަންނަ ސުއްނަތުގެ އަލީގައެވެ. ހަމައެއާއެކު އަޅުކަމުގެ ބައެއް ކަންކަމަކީ ލޮބުވެެތި ރަސޫލާގެ އަޞްޙާބު ބޭކަލުންނާއި ސަލަފުއް ޞާލިޙުންގެ ދުވަސްވަރުން ފެށިގެން އެއްޖީލުން އަނެއްޖީލަށް ނަގުލުވަމުން އެކަންކަމުގެ މައްޗަށް ތަވާތުރުކޮށް މުސްލިމުން ޢަމަލުކުރަމުން އަންނަ ކަންކަމެވެ. މިފަދަ ކަންކަމަކަށް ނުވަތަ އެއިންކަމަކަށް މިޒަމާނުގެ ބޭފުޅަކަށް ޙަދީޘަކުން ނެރެވޭ މާނައަކާހުރެ ޢަމަލުވަމުން އައި ގޮތް ބަދަލު ކުރުމަކީ ދީން އެކަންކަމަށް ތަރްޙީބުދޭ ކަމެއް ނޫނެވެ. މިސާލަކަށް ނަމާދުން ސަލާމް ދިނުމަށްފަހު ދުޢާކުރުން ނުވަތަ ދުޢާއަށް އަތް އުފުލުމުގެ މައްސަލައެވެ. 

އަޅުކަމުގެ ސިކުނޑިއަކީ ދުޢާއެވެ. 

ދުޢާއަކީ އަޅުކަމުގެ ސިކުނޑިއެވެ. އިންސާނާ ސިކުނޑިއަކާ ނުލައި އިންސާނަކަށް ނުވާފަދައިން އަޅުކަން އަޅުކަމަކަށް ވާނީ އެއާއެކު ދުޢާކުރުން ޝާމިލުވެގެންނެވެ. އަޅުކަމަކީ ދުޢާކުރުމެވެ. ތިމާގެ ހިތާއި ސިކުނޑިން ﷲ ގެ ޙަޟުރަތަށް ކުއްތަންވުމެވެ. އިމާމު އަބޫދާއޫދާއި ތިރްމިޛީ ސައްޙަ ސަނަދުން، މާތް ﷲ ރުއްސުންލެއްވި ނުޢުމާނު އިބްނި ބަޝީރުގެ ކިބައިން ރިވާކުރަށްވާފައި ވެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރެއްވިއެވެ. ]الدُّعَاءُ هُوَ الْعِبَادَةُ[ މާނައީ: އަޅުކަމުގެ ޙަޤީޤަތަކީ ދުޢާއެވެ. އެހެންކަމުން މިސާލަކަށް ނަމާދަށް ބަލާއިރު ނަމާދަށް ފެށުމުގެ ކުރިންނާއި ނަމާދުގެ ތެރޭގައްޔާއި ސަލާމް ދިނުމަށްފަހު ތިމާ މިސްކިތުން ނިކުންނަންދެން ދުޢާކުރުމަށް ވަނީ ކީރިތި ރަސޫލާގެ އަރިހުން އިރުޝާދުތައް އައިސްފައެވެ. 

އިމާމު ނަވަވީ އެކަލޭގެފާނުންގެ ފޮތެއް ކަމުގައިވާ "އަލްއަޛްކާރު" ގައި ވިދާޅުވެފައި ވެއެވެ. ދަންނާށެވެ! އިހާއިފަހުގެ ޢިލްމުވެރިންނާއި ފިޤުހުވެރިންނާއި މުޙައްދިޘުންގެ ތެރެއިން ޖުމްހޫރު ދަންނަބޭކަލުން އިޚްތިޔާރު ކުރަށްވާފައިވާ މަޛްހަބަކީ ދުޢާކުރުމަކީ މުސްތަޙައްބު ކަމެއް ކަމެވެ. މާތް ﷲ (ޣާފިރު ސޫރަތުގެ 60 ވަނަ އާޔަތުގައި) ވަޙީ ކުރަށްވާފައިވާ ފަދައިންނެވެ. ]وَقَالَ رَبُّكُمُ ادْعُونِي أَسْتَجِبْ لَكُمْ [މާނައީ: ތިޔަބައިމީހުން ހައްދަވައި ގެންގުޅުއްވާ އިލާހު އެބަ ވަޙީކުރަށްވައެވެ. އޭ އަހުރެންގެ އަޅުތަކުންނޭވެ! އަހުރެންގެ އަރިހުގައި ދަންނަވާށެވެ. އަހުރެން ތިޔަބައިމީހުންގެ ދުޢާ ޤަބޫލު ކުރަށްވާހުށީމެވެ. އަދިވެސް (އަޢުރާފު ސޫރަތުގެ 55 ވަނަ އާޔަތުގައި) ވަޙީ ކުރަށްވާފައި ވެއެވެ. ]ادْعُوا رَبَّكُمْ تَضَرُّعًا وَخُفْيَةً  [މާނައީ: އޭ އަހުރެންގެ އަޅުތަކުންނޭވެ! ތިޔަބައިމީހުން ތިމާމެންހައްދަވައި ގެންގުޅުއްވާއިލާހުގެ ޙަޟުރަތުގައި މަޑުމޮޅިކަމާއި ވަންހަނާކަމާއެކު ދުޢާ ދަންނަވާށެވެ. މިއެވެ. މިފަދަ އާޔަތްތައް ވަރަށް ގިނައެވެ. އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. މިކަމާބެހޭގޮތުން ޞައްޙަ، މަޝްހޫރު ގިނަގުނަ ޙަދީޘުތައް ވާރިދުވެފައި ވެއެވެ. އޭގެ ތެރެއިން އެއް ޙަދީޘު މިތާ އަޅުގަނޑު ހާމަކޮށްލާނަމެވެ. އިމާމު ތިރްމިޛީ ޞައްޙަ މަގުން ނެރުއްވާފައި ވެއެވެ. رَسُولُ اللَّهِ h ޙަދީޘު ކުރެއްވިއެވެ. ]لَيْسَ شَيْءٌ أَكْرَمَ عَلَى اللَّهِ تَعَالَى مِنَ الدُّعَاءِ[ މާނައީ: އަޅާގެ ކިބައިން ކުރެވޭ ކަންތައްތަކުގެ ތެރެއިން ދުޢާކުރުމަށް ވުރެން މާތް ކަމެއް ﷲގެ ޙަޟުރަތުގައި ނުވެއެވެ. 

އަޅުކަންތައް އައިސްފައިވަނީ ކީރިތި ރަސޫލާގެ އަރިހުން އެއްޖީލުން އަނެއްޖީލަށް ނަގުލުވަމުންނެވެ. 

މިހާރަކަށް އައިސް އަޑު އިވެމުންދަނީ ފަރުޟު ނަމާދަށްފަހު ދުޢާކުރުމެއް ނޯންނަ ކަމަށެވެ. މިއީ އެހެންނާ ސާދަ ޤަރުނު ވަންދެން މުސްލިމުން އެއް ޖީލުން އަނެއް ޖީލަށް ޢަމަލުކުރަމުން ތިމާމެންގެ ސަލަފުއް ޞާލިޙުންނަށް ތަބާވަމުން ނަގުލު ކުރަމުން އައިސްފައިވާ ކަމެކެވެ. މިއަކާ މީހަކު ދެކޮޅުހަދައި އެއަށް ބަޙުސު ކުރެވިފައެއް ނުވެއެވެ. رَسُولُ اللَّهِ hގެ އަރިހުން ވާރިދުވެފައިވާ މަޝްހޫރު ޙަދީޘެއްގައި އައިސްފައި ވެއެވެ. ]صَلُّوا كَمَا رَأَيْتُمُونِي أُصَلِّي[ (މާނައީ: ތިޔަބައިމީހުން ތިމަން ރަސޫލާ ނަމާދު ކުރެއްވިތަން ތިޔަބައިމީހުންނަށް ފެނުނުގޮތަށް ނަމާދު ކުރަމުންދާށެވެ.) މުސްލިމުން މިއަދާ ހަމައަށް ވެސް ނަމާދު ކުރަމުން އަންނަނީ އަޞްޙާބު ބޭކަލުންގެ ކިބައިން ފެށިގެން އެއްބަޔަކު އަނެއްބައެއްގެ ޢަމަލުތަކަށް ބަލައިގެން ޖީލުން ޖީލަށް ނަގުލު ކުރަމުންނެވެ. ފެންނަންހުންނަ ކުދި ތަފާތުތަކަކީވެސް ލޮބުވެތި ރަސޫލާގެ އަރިހުން އެތަފާތު ފެންނާން ހުރި ތަފާތުތަކަށްވާތީ އެކަންކަންވެސް ކޮންމެވެސް އެއް ޖަމާޢަތަކުން އަައީ ނަގުލު ކުރަމުންނެވެ. އަޅުކަމުގެ ކަންތައްތަކީ ސައިންޓިފިކް ހޯދުމެއްނޫނެވެ. ދެއްކެވިގޮތަށް ކުރަން އޮންނަ ކަންކަމެވެ. އެހެންކަމުން އަޅުކަމުގެ ކަމެއް އަލަކަށް މިއަދަކު ނުފެންނާނެއެވެ. އަދި އެފަދަ ކަމެއް ސާބިތެއްވެސް ނުވާނެއެވެ. އެފަދަ ކަމެއް އަލަށް ސާބިތުކޮށްފިއްޔާ އެކަމެއްވާނީ ބިދުޢައަކަށެވެ. ނުވަތަ ހައްދުފަހަޅައި ދިއުމަކަށެވެ. ނުވަތަ ކުށް އިޖްތިހާދަކަށެވެ. އެފަދަ ކަމަކަށް ތަރްޙީބު ދެވިގެން ނުވާނެއެވެ. 

1- ނަމާދުގެ ފަހުން ދުޢާކުރުން: 

ކުރިންވެސް ދެންނެވިހެން ނަމާދުގެ އަސްލަކީ ދުޢާއެވެ. ޢަރަބި ބަހުގައި ނަމާދަށް ]الصَّلاَةُ[ ކިޔަނީ ވެސް އެކަމާހުރެއެވެ. ނަމާދުގެ ސަޖިދާގައްޔާއި އައްތަޙިއްޔާތުގައި ދުޢާ ކުރުމަށް ކީރިތި ރަސޫލާ އިރުޝާދު ދެއްވި ފަދައިން ސަލާމް ދިނުމަށްފަހު ގައި ދުޢާކުރުމަށް ވެސް އިރްޝާދު ދެއްވާފައި ވެއެވެ. ޚުދު އިތުރު އެކަލޭގެފާނު ވަނީ އެގޮތަށް ޢަމަލު ކުރަށްވާފައެވެ. މުސްލިމުން އައީ އެގޮތަށް އެކަން ކުރަމުންނެވެ. ކަމެއް ސާބިތުކުރުމުގައި ދަލީލުގެ ގޮތުގައި ބެލެވޭ ރިވާޔަތެއްގެ ސަނަދު ޞައްޙަ ނުވުމަކީ އެކަމެއް ސާބިތުނުވުމެއް ނޫނެވެ. ނުވަތަ އެކަން ބިދުޢައަކަށްވާ ކަމެއްވެސް ނޫނެވެ. ފަހަރެއްގައި އެއީ ޢިލްމުވެރިިއެއްގެ ތަޙްޤީޤީ ނަޒަރިއްޔާއަކަށް ވެދާނެއެވެ. މިސާލަކަށް ކީރިތި ރަސޫލާ ނަމާދުގެ ފަހުން ދުޢާ ނުކުރަށްވާ ވާހަކައެވެ. 

ޢައްލާމާ ޢަބްދުއް ރަޙްމާން މުބާރަކްޕޫރީ (އަވަހާރަވީ 1934މ ގައެވެ.) ތިރްމިޛީގެ ޝަރަޙަ ތުޙްފަތުލް އަޙްވަޛީގައި ވިދާޅުވެފައި ވެފައެވެ. ]اعْلَمْ أَنَّ عُلَمَاءَ أَهْلِ الْحَدِيثِ قَدِ اخْتَلَفُوا فِي هَذَا الزَّمَانِ فِي أَنَّ الْإِمَامَ إِذَا انْصَرَفَ مِنَ الصَّلَاةِ الْمَكْتُوبَةِ هَلْ يَجُوزُ لَهُ أَنْ يَدْعُوَ رَافِعًا يَدَيْهِ وَيُؤَمِّنَ مَنْ خَلْفَهُ مِنَ الْمَأْمُومِينَ رَافِعِي أَيْدِيَهُمْ فَقَالَ بَعْضُهُمْ بِالْجَوَازِ وَقَالَ بَعْضُهُمْ بِعَدَمِ جَوَازِهِ ظَنًّا مِنْهُمْ أَنَّهُ بِدْعَةٌ قَالُوا إِنَّ ذَلِكَ لَمْ يَثْبُتْ عَنْ رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ بِسَنَدٍ صَحِيحٍ بَلْ هُوَ أَمْرٌ مُحْدَثٌ، وَكُلُّ مُحْدَثٍ بِدْعَةٌ وَأَمَّا الْقَائِلُونَ بِالْجَوَازِ فَاسْتَدَلُّوا بِخَمْسَةِ أَحَادِيثَ[ (التحفة: 2/168) މާނައީ: ދަންނާށެވެ! މިދުވަސްވަރު ޙަދީޘު ޢިލްމުވެރިންގެ މެދުގައި ޚިލާފު އުފެދިވަފައިވާ މައްސަލައެއް އެބަ އޮވެއެވެ. އެއީ ފަރުޟު ނަމާދުން  ނިމިގެން އިމާމާ އަތްއުފުލައިގެން ދުޢާކުރުމާއި މައުމޫމުން ފަތަހުގައި އަތްއުފުލައިގެން އާމީން ކިޔައި ދުޢާކުރުމީ ހުއްދަ ކަމެއްތޯއެވެ؟ ބައެއްޢިލްމުވެރިން އެކަން ހުއްދަކުރަށްވާއިރު އަނެއްބައިބޭކަލުން އެކަން ހުއްދަ ނުރަށްވައެވެ. އެބޭފުޅުންގެ ނަޒަރުގައި އެއީ ބިދުޢައެކެވެ. އަދި އެބޭފުޅުންގެ ޙުއްޖަތަކީ رَسُولُ اللَّهِ hގެ އަރިހުން ޞައްޙަ ސަަނަދަކުން ސާބިތުވާންނެތުމުން އެކަން ވާނީ އާކަމަށެވެ. ދެން ހުއްދަ ކުރަށްވާ ބޭފުޅުން ދަލީލުުގެ ގޮތުގައި ގެންނަވާ ފަސް ޙަދީޘެއް ވެއެވެ. 

ޝައިޚުގެ ވާހަކަފުޅުން އަޅުގަނޑަށް ދެކަމެއް ސާބިތުވެއެވެ. އެއް ކަމަކީ މިވާހަކައަކީ މިޒަމާނުގައި އުފެދުނު މައްސަލައެއް ކަމެވެ. ދެވަނަ ވާހަކައަކީ މީގެ ކުރިން މިކަމާމެދު ޢިލްމުވެރިން ވާހަކަ ދައްކަވާފައި ނެތްކަމެވެ. ކޮންމެއަކަސް ނަމާދުގެފަހުގައި ދުޢާކުރުމަކީ ސުއްނަތެއް ކަމުގައި ވިިއަސް ޢާއްމުކޮށް ނަމާދުގެ ފަހުގައި ސަލާމް ދިނުމަށްފަހު އިމާމާ އިސްވެހުރެ އާދަވެގެން ޖަމާޢަތުގައި ދުޢާކުރުމީ ހަތްވަނަ ޤަރުނުގައި އުފެދުނު ކަމެއްކަމުގައި އަލްމަޖްމޫޢުގައި އިމާމު ނަވަވީ (631-676ހ) ވިދާޅުވެފައި ވެއެެވެ. އަދިވެސް ނަވަވީ ވިދާޅުވެފައި ވެއެވެ. މިގޮތަށް ޢާއްމުކޮށް ޖަމާޢަތުގައި ދުޢާކޮށް އުޅުމަކީ އެދެވިގެންވާ ކަމެއް ނޫނެވެ. އެހެނަސް ތަޢުލީމުގެ ގޮތުން ޢަމަލު ކުރުމަކުން މައްސަލައެއްނެތެވެ. 

ކޮންމެއަކަސް ޝައިޚުގެ ބަސްފުޅުން އަޞްލު އިޝާރަތް ކުރަށްވަނީ ޙަންބަލީ މަޛްހަބުގެ އިމާމެއް ކަމުގައިވާ އިމާމު އިބްނިލް ޤައްޔިމު (691-751ހ) އެކަލޭގެފާނުންގެ ފަޮތް ޒާދުލް މަޢާދުގައި ވިދާޅުވެފައި އޮތް ބަސްފުޅަކަށެވެ. ]وَأَمَّا الدُّعَاءُ بَعْدَ السَّلَامِ مِنَ الصَّلَاةِ مُسْتَقْبِلَ الْقِبْلَةِ أَوِالْمَأْمُومِينَ فَلَمْ يَكُنْ ذَلِكَ مِنْ هَدْيِهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ أَصْلًا وَلَا رُوِيَ عَنْهُ بِإِسْنَادٍ صَحِيحٍ وَلَا حَسَنٍوَأَمَّا تَخْصِيصُ ذَلِكَ بِصَلَاتَيِ الْفَجْرِ وَالْعَصْرِ فَلَمْ يَفْعَلْ ذَلِكَ هُوَ وَلَا أَحَدٌ مِنْ خُلَفَائِهِ وَلَا أَرْشَدَ إِلَيْهِ أُمَّتَهُ وَإِنَّمَا هُوَ اسْتِحْسَانٌ رَآهُ مَنْ رَآهُ عِوَضًا مِنَ السُّنَّةِ بَعْدَهُمَا وَاللَّهُ أَعْلَمُ[ (1/249) މާނައަކީ: ދަންނައެވެ. ފަރުޟު ނަމާދުގެ ސަލާމް ދިނުމަށްފަހު އިމާމު މީހާ ޤިބުލައަށް އިނދެ ނުވަތަ މުޤްތަދީންނާ ދިމާއަށް ކުރިމަތިލައިގެންއިނދެ ދުޢާކުރުމަކީ ކީރިތި ރަސޫލާގެ ހިދާޔަތުން އެއްގޮތަކަށްވެސް އެނގެންއޮތް ކަމެއްނޫނެވެ. އަދި ޞައްޙަ ނުވަތަ ޙަސަން ދަރަޖައިގެ ރިވާޔަތަކުންވިއަސް ރިވާވެފައި އޮތް އެއްޗެއްވެސް ނޫނެވެ. ހަމައެއާއެކު ޚާއްޞަކޮށް ފަތިސްނަމާދުގެ ފަހުގައްޔާއި ޢަޞުރު ނަމާދުފަހުގައި އެންމެން އެކުގައި ދުޢާކުރުމީ އެކަލޭގެފާނުންގެ އަރިހުންވެސް އަދި ޚަލީފާވެރި ބޭކަލެއްގެ ކިބައަކުންވެސް ސާބިތުވާ ކަމެއް ނޫނެވެ. އަދި އެއީއަކީ އިތުރު އެކަލޭގެފާނު މިއުއްމަތަށް އިރުޝާދު ދެއްވާފައިއޮތް ކަމެއްވެސް ނޫނެވެ. އެހެނެއްކަމަކު އެކަން އިޚްތިޔާރު ކުރިމީހުން އެދެނަމާދުގެ ފަހުގައި އެކަން ކުރަނީ ފިޤުހުގެ އުޞޫލެއް ކަމުގައިިވާ އިސްތިިޙްސާނު (ޤަބޫލުވެވޭ) މާތް ކަމެއްގެ ގޮތުގައެވެ. 

- ނުނިމޭ -

 

މިއަދު އޮންލައިން