ކޮރޯނާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކާ ޚިލާފުވާ މީހުންގެ ޖުރުމަނާ ދިހަ ހާސް ރުފިޔާއާ ހަމައަށް ބޮޑުކުރަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 4ސ
ކޮރޯނާއިން ސަލާމަތްވުމަށް އަޅާ ފިޔަވަޅުތަކާ ޚިލާފުވާ މީހުންގެ ޖުރުމަނާ ދިހަ ހާސް ރުފިޔާއާ ހަމައަށް ބޮޑުކުރަނީ!

ކޮރޯނާ ވައިރަސްގެ ވަބާއިން ރާއްޖެ ސަލާމަތްކުރާ މަސައްކަތްތަކުގެ ތެރެއިން ޑިރެކްޓަރ ޖެނަރަލް އޮފް ޕަބްލިކް ހެލްތުގެ ނެރުއްވާ އަމުރުތަކާއި ހިލާފްވާ ފަރާތްތަކުގެ ޖޫރިމަނާ ބޮޑުވާ ގޮތަށް ރައްޔިތުންގެ މަޖިލީހަށް ބިލެއް ހުށަހަޅައިފި އެވެ.

އޭޖީ އޮފީހުން ފޮނުވާފައިވާ މިބިލްގައި ވާގޮތުން ޑިރެކްޓަރ ޖެނެރަލް އޮފް ހެލްތް ސަރވިސަސްގެ އެންގުމާއި ހިލާފްވާ ފަރާތަކީ އަމިއްލަ ފަރުދެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 5،000 ރުފިޔާ އާއި 10،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ. އަދި އެންގުމާ ހިލާފްވާ ފަރާތަކީ ގާނޫނީ ސަހުސެއް ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 10،000 ރުފިޔާ އާއި 100،000 (އެއް ލައްކަ) ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރެވޭނެ އެވެ.

ކޮރޯނާ ވައިރަސް ޢާއި ގުޅިގެން އަޅާ ފިޔަވޅުތަކާއި ޚިލާފްވާ މީހުންނަށް ބައެއް ޤައުމުތަކުގައި ގެންދަނީ ވަރަށް ހަރުކަށި ފިޔަވަޅުތައް އަޅަމުންނެވެ. އެގޮތުން އޮސްޓްރޭލިއާގެ ބައެއް ސްޓޭޓްތަކުގައި ޤަވާއިދާއި ޚިލާފަށް މަގުމައްޗަށް ނުކުމެއްޖެ ނަމަ 16000 އޮސްޓްރޭލިއާ ޑޮލަރުން ޖުރުމަނާކޮށް 2 އަހަރަށް ޖަލުގައި ބަންދުކުރެއެވެ.

ސައުދިއަރަބިޔާގައި 100،000 ރިޔާލައިން ޖުރުމަނާކޮށް 5 އަހަރަށް ޖަލަށް ލެވޭ ގޮތަށް ވަނީ ޤަވާއިދު ހަދައިފައެވެ.

މިފަދަ އަދަބުތައް ކަނޑައަޅާފައިވަނީ މުޅި މުޖުތަމައުއަށް ކުރިމަތިވެދާނެ ނުރައްކަލަކުން ރައްޔިތުން ސަލާމަތްކުރުމަށެވެ.

 

މިއަދު އޮންލައިން