ލޮކްޑައުންގެ ޙާލަތަށް ލުއިދިނުމުގެ ފުރަތަމަ ފިޔަވަހީގައި ލުއި ލިބިގެންދާނެ ކަންކަން ހެލްތް މިނިސްޓަރު ޢަބްދުﷲ އަމީން ހާމަކުރައްވައިފިއެވެ.
މިރޭ ދަރުބާރުގޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އަމީން ވިދާޅުވީ ފުރަތަމަ ފިޔަވަހި ކުރިއަށް ދާނީ 2 ހަފްތާއަށް ކަމަށެވެ. މި މުއްދަތުގައި ކުޑަކުދިންގެ ފިހާރަތަކާއި ސުޕަމާޓްތަކާއި އެހެން ފިހާރަތައް ވެސް ހުޅުވާނެ ކަމަށެވެ.
އަމީން ވިދާޅުވީ ކެފޭތައް ޢާންމުކޮށް ނުހުޅުވާނެ ކަމަށެވެ. ނަމަވެސް ކެފޭތަކުން ޓޭކްއަވޭ އާއި ޑެލިވަރީގެ ހިދުމަތް ދެވޭނެ ކަމަށާއި މަސްމާރުކޭޓު ހުޅުވާލެވޭނެ ކަމަށެވެ. އަދި ފޯން ފިހާރަތަކައި ފޮތިފިހާރަތައް ވެސް ހުޅުވައިލެވޭނެ ކަމަށެވެ.
އަމީން ވިދާޅުވީ މިހާރުން މިހާރަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާނެ ކަމަށާއި ނަމަވެސް ސަރުކާރުގެ ޕޮލިސީ ލެވެލްގައި ކުރަން ޖެހޭ ކަންކަމުގައި ދެވޭ ހުއްދަތަކެއް ދެވޭނެ ކަމަށެވެ. އެހުއްދަތައް ދެނީ ވެސް ވަކި ގައިޑްލައިންތަކެއްގެ ތެރެއިން ކަމަށެވެ!
ސްކޫލުތައް އަދި މި މުއްދަތުގައި ހުޅުވުމުގެ ވިސްނުން ނެތް ކަމަށްވެސް އަމީން ވިދާޅުވިއެވެ.