އެކަހެރިވާން މިސްކިތަށް ނުގޮސް ގޭގަ ނަމާދުކުރުމަކީ ރަސޫލާ ޞޢވ, ޢަމަލުކުރެއްވެވި ގޮތެއް ނޫން!: ޢުމަރު ސުލައިމާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 53ސ
އެކަހެރިވާން މިސްކިތަށް ނުގޮސް ގޭގަ ނަމާދުކުރުމަކީ ރަސޫލާ ޞޢވ, ޢަމަލުކުރެއްވެވި ގޮތެއް ނޫން!: ޢުމަރު ސުލައިމާން

މުޖުތަމައުތަކުގައި ދިރިއުޅޭއިރު ވަރަށް ގިނައިން ތަފާތު ކަންތައްތަކާއި ކުރިމަތިވާނެއެވެ. އެގޮތުން މިސްކިތަށް ގޮސް އުޅޭއިރުވެސް ތަފާތު މިޒާޖުގެ މީހުންނާއި ވެސް ބައްދަލުވާނެއެވެ. އެއިގެ ތެރެއިން ބައެއް މީހުންނަކީ ރުންކުރު، ރުޅި ގަދަ، ދުލުން ހަރުކަށި ބަސްތައް ބުނެ އުޅޭ މީހުން ކަމަށްވެސް ވެދާނެއެވެ. އަދި ނުބެހޭ ކަންކަމާއިބެހި ބަސްބުނާ މީހުން ކަމަށްވެސް ވެދާނެއެވެ. 

މިފަދަ ކަންކަން މެދުވެރިވުމުން ބައެއް މީހުން މިސްކިތަށް ދިއުން ހުއްޓާލައި ގޭގައި ނަމާދުކުރެއެވެ. ގޭގައި އިނދެގެންވެސް އަޅުކަންކޮށްލުމުން ފުދުނީ ކަމަށް ބަލައިގެންނެވެ. ނަމަވެސް އެއީ އެއްގޮތަކަށްވެސް އެހެން އޮތް ކަމެއް ނޫނެވެ! މިއަދުވެސް މިސްކިތަށް ދިއުމުގެ ފުރުޞަތު ލިބިއްޖެ ނަމަ އޮތީ ޖަމާޢަތަށް މިސްކިތަށް ދިއުމެވެ. އަދި ވަގުތު އޮތްވަރަކުން މިސްކިތުގައި މަޑުވެސް ކޮށްލުމެވެ. 

ރަސޫލް (ޞޢވ) ގެ ޙަޔާޕްޕުޅަށް ބަލާށެވެ!. މިސްކިތްކޮޅުގައި އިންނަވަނިކޮށް އައިސް ނުކުރަނީ ކޮންކަމެއް ހެއްޔެވެ؟ މުޚާޠަބް ނުކުރަނީ ކޮން ބަހުރުވައަކުން ހެއްޔެވެ؟ ހަޑިހުތުރުވެގެންވާ އެއްޗެއް ނުގޮވަނީ ކޮން އެއްޗެއް ހެއްޔެވެ؟ އެފަދަ ހުރިހާ ކަންކަމާއިއެކުވެސް ރަސޫލް (ޞޢވ) މިސްކިތްކޮޅު ދޫކޮށެއް ނުލައްވަވައެވެ. ގިނަވަގުތު ހޭދަކުރެއްވެވީ މިސްކިތްކޮޅުގައެވެ. 

އަދިކީއްހެއްޔެވެ؟ ރުޅި ގަދަވެގެން އަންނަ މީހުންނާއި ކުރިމަތިލެއްވެވީވެސް އޯގާތެރިކަމާއިއެކުގައެވެ. އެމީހުން ދައްކަން ބޭނުންވާހައި ވާހަކަތަކެއް ދައްކަން ދެން މަޑުން ހުންނަވައި އެމީހުންނަށް ފުރުޞަތު ދެއްވެވިއެވެ. ޖަވާބު ދެއްވަވަނީ އެމީހުން ވާހަކަދައްކައި ނިމުމުންނެވެ. ވީމާ މިފަދައިން އަމަލުކުރުން ވެފައި މިވަނީ ރަސޫލް (ޞޢވ)ގެ ސުންނަތަކަށެވެ! އެގޮތަށް ޢަމަލުކުރުމުން ޘަވާބު ދެއްވަވާނެ އަޅުކަމަކަށެވެ. 

ތަފާތު މިޒާޖުގެ މީހުންނާއި ބައްދަލުކޮށް އެކުގައި ދިރިއުޅުމާއި އަދި ތަފާތު ޚިޔާލުތަކުގެ މީހުން ދައްކާ ވާހަކަތަކުގެ އަޑުއެހުމަކީ ކޮންމެ މީހެއްގެ ކިބައިގައިވެސް އޮންނަ އިޖުތިމާޢީ ޒިންމާއަކަށްވާތީއެވެ! މީހަކު އައިސް ތިބާ ރުޅިއަންނަ ޒާތުގެ ވާހަކައެއް ދައްކައިފިނަމަ، ރައްދު ނުދީ، އޭނާއަށް ހެޔޮ ދުޢާކޮށްލާށެވެ! ރުޅި ނައިސް ރައްދު ނުދީ އެގޮތަށް ޢަމަލުކުރަން ފެށުމުން ވަރަށް ގިނަ ފަހަރު އެފަދަ ކަންކަން ތަކުރާރެއްވެސް ނުކުރާނެއެވެ! މިސްކިތަށް ދިއުން ހުއްޓައިނުލާށެވެ!

- އިމާމް ޢުމަރު ސުލައިމާންގެ ދަރުސަކުން

މިއަދު އޮންލައިން