ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ބެހޭ އދ. ގެ ސަމިޓް، ކޮޕް31 ގެ ހަވާސާގައި ބޭއްވުނު މުހިންމު މަސައްކަތު ބައްދަލުވުމެއް ކަމަށްވާ "ރެސްޕޮންސް މެޝާސް އިމްޕްލިމެންޓޭޝަން ވޯކްޝޮޕް" ގައި ދިވެހިރާއްޖޭގެ މިނިސްޓަރު އަލީ ޝަރީފް ބައިވެރިވެވަޑައިގެންފިއެވެ.
މި މަސައްކަތު ބައްދަލުވުމަކީ މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް އަޅާ ފިޔަވަޅުތަކުގެ ސަބަބުން އިގްތިސާދީ އަދި އިޖުތިމާއީ ގޮތުން ގައުމުތަކަށް ކުރާ އަސަރުތައް ކުޑަކުރުމަށާއި، އެ ފިޔަވަޅުތައް ހަރުދަނާކަމާއެކު ތަންފީޒުކުރުމަށް މަޝްވަރާކުރުމުގެ ބޭނުމުގައި ބޭއްވި ބައްދަލުވުމެކެވެ.
މި ވޯކްޝޮޕްގެ ތެރެއިން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ
ގޮންޖެހުންތަކާއި، ބައިނަލްއަގުވާމީ ފެންވަރުގައި އަޅާ ފިޔަވަޅުތަކުގެ ސަބަބުން މިފަދަ ނާޒުކު ގައުމުތަކުގެ އިގްތިސާދަށް އަތުވެދާނެ ލޮޅުންތަކާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެވުނެވެ.
މި ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވަނީ، މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް އަޅާ ފިޔަވަޅުތަކަކީ އަދުލުވެރި، އަދި އެންމެހައި ގައުމުތަކުގެ ހާލަތަށް ރިއާޔަތްކުރެވިގެން އެކަށައެޅޭ ފިޔަވަޅުތަކަކަށް ވާންޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އަދި ރާއްޖެ ފަދަ ތިމާވެށީގެ ގޮތުން ނާޒުކު ގައުމުތަކަށް ބޭނުންވާ ފަންނީ އަދި މާލީ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް ވެސް އެމަނިކުފާނު އަލިއަޅުއްވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ތިމާވެށީގެ ރައްކާތެރިކަމަށާއި، ބައިނަލްއަގުވާމީ މައިދާނުގައި ރާއްޖޭގެ މަސްލަހަތު ހިމާޔަތްކުރުމަށް ދެއްވާ ހާއްސަ އިސްކަމުގެ ދަށުން، މިފަދަ މުހިންމު ބައްދަލުވުންތަކުގައި ރާއްޖެއިން އަންނަނީ އިސްނަގައިގެން އަޑުއުފުލަމުންނެވެ.
ކޮޕް31 ގެ ހަވާސާގައި ބޭއްވުނު މި މަސައްކަތު ބައްދަލުވުމުގައި ދުނިޔޭގެ އެކި ގައުމުތަކުގެ ވަޒީރުންނާއި، ތިމާވެށީގެ ދާއިރާގެ އިސް މާހިރުންގެ އިތުރުން ބައިނަލްއަގުވާމީ ޖަމިއްޔާތަކުގެ މަންދޫބުން ބައިވެރިވެވަޑައިގެންނެވިއެވެ.
ހަބަރު: ސަރުކާރު