ރާއްޖޭގެ ކްލައިމެޓް ޗޭންޖް، އެންވަޔަރަންމަންޓް އެންޑް އެނާޖީ މިނިސްޓަރު ޢަލީ ޝަރީފް، އޮސްޓްރޭލިއާއިން ކޮޕް31 އަށް ކަނޑައަޅުއްވާފައި ހުންނަވާ ކަނޑުތަކާ ބެހޭ ޚާއްޞަ މަންދޫބު އޮނަރަބަލް އިނިއާ ސެރުއިރާތު އާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުމުގައި ކޮޕް31 ގެ އޯޝަންސް އެންޑް ޕެސިފިކްގެ ޖެނެރަލް މެނޭޖަރު މިސް ލުއާނާ ކޯމެކް ވެސް ބައިވެރިވެވަޑައިގެންނެވިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރު ޢަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކާ ދެކޮޅަށް ކުރެވޭ ބައިނަލްއަޤްވާމީ މަސައްކަތްތަކުގައި ރާއްޖެއިން ފުރިހަމަ އެއްބާރުލުން ދޭނެކަން ކަށަވަރުކޮށްދެއްވާފައެވެ. އަދި ވިލުންތެރިކަން އިތުރުކުރުމަށްޓަކައި އެކުލަވާލާފައިވާ 'މިޓިގޭޝަން ވޯކް ޕްރޮގްރާމް' ގެ ތެރެއިން މޫސުމީ މާލީ އެހީތެރިކަން ހޯދުމުގެ މަގުތައް ފަހިކުރުމާއި، އަމިއްލަ ވިޔަފާރިތަކުގެ އިންވެސްޓްމަންޓްތައް މި ދާއިރާއަށް އިތުރުކުރުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.
މީގެއިތުރުން، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތައް (ސިޑްސް) ގެ މެދުގައި އެއްބައިވަންތަކަން ޤާއިމުކޮށް، ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމުކަމާ ގުޅޭގޮތުން ވެސް ދެބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ. މިގޮތުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން މިފަދަ ނާޒުކު ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކުން އަރައިގަތުމަށް، ބައިނަލްއަޤްވާމީ މައިދާނުގައި އެކުގައި ވަކާލާތުކޮށް، އެދެވޭ ހެޔޮ ނަތީޖާއެއް ހޯދުމަށް ގުޅިގެން މަސައްކަތްކުރުމަށް ދެ ފަރާތުންވެސް ވަނީ އެއްބަސްވެފައެވެ.
ހަބަރު: ސަރުކާރު