ދަނޑުވެރިކަން ކުރިއެރުވުމަށް 12 ރަށެއްގައި ގްރީން ހައުސް ޤާއިމުކޮށް، 1،062 ދަނޑުވެރިން ތަމްރީނުކޮށްފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 33ސ
ދަނޑުވެރިކަން ކުރިއެރުވުމަށް 12 ރަށެއްގައި ގްރީން ހައުސް ޤާއިމުކޮށް، 1،062 ދަނޑުވެރިން ތަމްރީނުކޮށްފި

ރާއްޖެއަށް ބޭރުން އިމްޕޯޓްކުރާ މޭވާއާއި ތަރުކާރީގެ ބާވަތްތަކަށް ބަރޯސާވާ މިންވަރު ކުޑަކޮށް، ޤައުމުގެ ކާނާގެ ޔަޤީންކަން ކަށަވަރުކުރުމަށް ސަރުކާރުން ފަށާފައިވާ ޤައުމީ މަޝްރޫޢުގެ ދަށުން ދަނޑުވެރިކަމުގެ ސިނާޢަތަށް ބޮޑެތި ކުރިއެރުންތަކެއް ހޯދައިދެމުން އެބަގެންދެއެވެ. މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ދިވެހިންނަށް ބޭނުންވާ މޭވާއާއި ތަރުކާރީ ރާއްޖޭގައި އުފައްދައި، ކާބޯތަކެތީގެ އަމިއްލަ ފުދުންތެރިކަން އިތުރުކުރުމެވެ.

ދަނޑުވެރިކަމުގެ ދާއިރާއަށް ޒަމާނީ ޓެކްނޮލޮޖީ ތަޢާރަފުކުރުމުގެ ގޮތުން، ހއ، ހދ، އަދި ށ. އަތޮޅުގެ 12 ރަށެއްގައި ނަމޫނާ ގްރީން ހައުސްތައް މިހާރު ވަނީ އިންސްޓޯލްކޮށްފައެވެ. މީގެ އިތުރުން، ދަނޑުވެރިންނަށް ބޭނުންވާ ފަންނީ ތަޢުލީމާއި ހުނަރު ދަސްކޮށްދިނުމުގެ ޕްރޮގްރާމްތަކުގެ ތެރެއިން މިހާތަނަށް ޖުމްލަ 1،062 ދަނޑުވެރިން ވަނީ ކާމިޔާބުކަމާއެކު ތަމްރީނު ފުރިހަމަކޮށްފައެވެ.

ކާނާގެ ޔަޤީންކަން އިތުރުކުރުމަށްޓަކައި ދަނޑުވެރިކަމަށް ޚާއްޞަކޮށްގެން ދޫކުރާ ބިންތައް އިތުރުކުރުމުގެ މަސައްކަތްވެސް ދަނީ ބާރަށް ހިނގަމުންނެވެ. އެގޮތުން، ކ. ކާށިދޫ ހިމެނޭހެން ވޭތުވެދިޔަ ހަތަރު މަސްދުވަހުގެ ތެރޭގައި އިތުރު 5 ރަށެއް ވަނީ ދަނޑުވެރިކަމުގެ ބޭނުމަށް ޚާއްޞަކޮށްގެން ދޫކޮށްފައެވެ. މި ފިޔަވަޅުގެ ސަބަބުން ދަނޑުވެރިކަންކުރާ ބިންތައް އިތުރުވެ، ރާއްޖޭގެ ދަނޑުވެރިކަމުގެ އުފެއްދުންތެރިކަން ފުޅާ ދާއިރާއެއްގައި މައްޗަށް ޖެއްސުމަށް މަގުފަހިވެގެންދާނެއެވެ.

ދަނޑުވެރިންނަށް ބޭނުންވާ މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ހިންގާ "ދަނޑުވެރި ނަފާ ލޯނު ޕްރޮގްރާމް" ގެ ދަށުން މިހާތަނަށް 29 ފަރާތަކަށް ޖުމްލަ 16.4 މިލިޔަން ރުފިޔާ ވަނީ ދޫކޮށްފައެވެ. ފަސްލައްކަ ރުފިޔާއިން ފެށިގެން ދެ މިލިޔަން ރުފިޔާއާ ދެމެދުގެ އަދަދުތަކުން ދޫކުރާ މި ލޯނު އެހީއަކީ، ދަނޑުވެރިކަން ފުޅާކޮށް ވިޔަފާރި އުޞޫލުން ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް ދަނޑުވެރިންނަށް ލިބިގެންދިޔަ ބޮޑު ހިތްވަރެކެވެ.

މިއަދު އޮންލައިން