ކޮޕް31 (COP31) ސަމިޓުގެ ހަވާސާގައި، ބައިނަލްއަގުވާމީ މަޝްހޫރު ނޫސް އެޖެންސީ "ޕޮލިޓިކޯ" (POLITICO) އަށް ދެއްވި ހާއްސަ އިންޓަވިއުއެއްގައި، މޫސުމަށް އަންނަ ބަދަލުތަކާ ދެކޮޅަށް ވެފައިވާ ވައުދުތައް އަމަލީ ގޮތުން ފުއްދުމަށް ދިވެހިރާއްޖޭގެ މިނިސްޓަރު އަލީ ޝަރީފް ބާރުއަޅުއްވައިފިއެވެ.
މި އިންޓަވިއުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު އަލީ ޝަރީފް ވަނީ މޫސުމީ ބަދަލުތަކުން އަރައިގަތުމަށް ގައުމުތަކުން ވެފައިވާ ވައުދުތައް ހަގީގަތަކަށް ހެދުމުގެ މުހިންމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން، ހަމައެކަނި ވާހަކަތަކަކުން ނުފުދޭނެ ކަމަށާއި، މިހާރުން މިހާރަށް އަމަލީ ފިޔަވަޅުތަކެއް އަޅަންޖެހިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން، ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތަކަށް ފަސޭހައިން ލިބޭނެ، ލަފާކުރެވޭ އަދި ހިލޭ އެހީގެ (ގްރާންޓް ބޭސްޑް) މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް މިނިސްޓަރު އަލިއަޅުއްވާލެއްވިއެވެ. އެމަނިކުފާނު ފާހަގަކުރެއްވި ގޮތުގައި، މޫސުމީ ވިލުންވެރިކަން (ކްލައިމެޓް ރެޒިލިއަންސް) އިތުރުކުރުމަކީ ހަމައެކަނި ކުރެވޭ ހޭދައެއްގެ ގޮތުގައި ދެކުމުގެ ބަދަލުގައި، އެއީ މުސްތަގުބަލަށްޓަކައި ކުރެވޭ މުހިންމު އިންވެސްޓްމަންޓެއްގެ ގޮތުގައި ބަލައިގަންނަން ޖެހެއެވެ.
މި އިންޓަވިއުގައި މިނިސްޓަރު އިތުރަށް ވިދާޅުވީ، މޫސުމީ ކާރިސާތަކުގެ ސަބަބުން އެންމެ ބޮޑު ނާޒުކުކަމަކާ ކުރިމަތިލާން ޖެހިފައިވާ ރާއްޖެ ފަދަ ގައުމުތަކުގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ބައިނަލްއަގުވާމީ މުޖުތަމައުގެ އެއްބާރުލުމާއި، ވައުދުތަކަށް އިހުތިރާމުކޮށް އެކަންކަން ތަންފީޒުކުރުން އަވަސްކުރަން ޖެހިފައިވާ ކަމަށެވެ.
ހަބަރު: ސަރުކާރު