ފަލަސްޠީނުގެ މިނިވަންކަން އިޢުލާނުކުރި ދުވަހުގެ މުނާސަބަތުގައި، އެޤައުމުގެ ރައީސް، ހިޒް އެކްސަލަންސީ މަޙްމޫދު ޢައްބާސްއަށާއި ބޮޑުވަޒީރު ހިޒް އެކްސަލަންސީ މުޙައްމަދު މުސްޠަފާއަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު، ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސް މަޙްމޫދު ޢައްބާސްއަށް، ރައީސުލްޖުމްހޫރިއްޔާ ފޮނުއްވި ސިޓީފުޅުގައި، މިއަދަކީ މިނިވަންކަމާއި ކަރާމާތް ޙާޞިލުކޮށް، ސިޔާދަތީ މިނިވަން ދައުލަތެއް ބިނާކުރުމަށް ފަލަސްޠީނުގެ ރައްޔިތުން ޒަމާނުއްސުރެ ކުރަމުން އަންނަ މަތިވެރި އުންމީދުތައް ރަމްޒުކޮށްދޭ މުހިންމު ދުވަހެއް ކަމުގައި ވިދާޅުވެފައިވެއެވެ. އެހެންކަމުން މި މުހިންމު މަސައްކަތުގައި ދެ ޤައުމު ގުޅިގެން ކުރަމުންގެންދާ މި މަސައްކަތުގެ ތެރެއިން، ދެ ޤައުމުގެ ދެމެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން އިތުރަށް ހަރުދަނާވެގެންދާނެ ކަމުގެ އުންމީދު އެމަނިކުފާނު ފާޅުކުރައްވާފައިވެއެވެ.
މީގެއިތުރުން، 1967 ގެ ކުރިން އޮތް ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ވެރިރަށް ކަމުގައި ކަނޑައަޅައި، ފަލަސްޠީނަކީ މިނިވަން އަދި މުސްތަޤިއްލު ދައުލަތެއްގެ ގޮތުގައި ބަލައިގަތުމަށް ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން ވަކާލާތު ކުރުމުގައި ދެމިއޮންނާނެކަމުގައި، އެމަނިކުފާނު ވިދާޅުވިއެވެ. އަދި މި މަސައްކަތުގައި ދެ ޤައުމުން ބަދަހިކަމާއެކު ދެމިތިބުމަކީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތްގުޅުން، އައު އުސްމިންތަކަކަށް ވާސިލުކޮށްދޭނެ ކަމެއް ކަމުގައި ދެކެވަޑައިގަންނަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ބޮޑުވަޒީރު މުޙައްމަދު މުޞްޠަފާއަށް ފޮނުއްވި ސިޓީފުޅުގައި، މި ތާރީޚީ އިޢުލާނަކީ ޞުލްޙަވެރި އަދި އުފާވެރި މުސްތަޤްބަލަކަށް ފަލަސްޠީނުގެ ރައްޔިތުން ކުރާ ދަތުރުގައި އެބައިމީހުންގެ ބަދަހިކަމާއި ސާބިތުކަން ހާމަކޮށްދޭ އަލިގަދަ ދަލީލެއް ކަމުގައި ބަޔާން ކުރައްވާފައިވެއެވެ.އަދި ޤައުމީ ލަނޑުދަނޑިތައް ޙާޞިލުކުރުމަށް ފަލަސްޠީނުގެ ރައްޔިތުން މެދުކެނޑުމެއްނެތި ކުރަމުންދާ މަސައްކަތްތަކަށް އެމަނިކުފާނު ވަނީ ތަރުހީބު ދެއްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާގެ މެސެޖު ނިންމަވާލައްވާފައިވަނީ، ފަލަސްޠީނުގެ އަޚުންނާއި އުޚުތުންނަށް ޞުލްޙަވެރިކަން ލިބި، އެބައިމީހުންގެ އުންމީދުތައް، ކައިރި މުސްތަޤްބަލެއްގައި ޙަޤީޤަތަކަށްވުމަށް އެދިވަޑައިގަންނަވަމުންނެވެ.
މީގެއިތުރުން، އެމަނިކުފާނުގެ ރަސްމީ 'އެކްސް' އެކައުންޓުން ހިއްސާކުރެއްވި ޕޯސްޓެއްގައިވެސް މި ޝުޢޫރުތައް ތަކުރާރުކުރައްވައި، 1967 ގެ ބޯޑަރުތަކުގެ މައްޗަށް ބިނާކޮށް، އިރުމަތީ ޤުދުސަކީ ފަލަސްޠީނުގެ ވެރިރަށް ކަމުގައި ކަނޑައަޅައިގެން، މިނިވަން ފަލަސްޠީނެއްގެ ހުވަފެން ޙަޤީޤަތަކަށް ހެދުމަށް ކުރާމަސައްކަތުގައި ފަލަސްޠީނާއެކު ރާއްޖެއިން ސާބިތުކަމާއެކު ދެމިއޮންނާނެކަން ކަށަވަރުކޮށް ދެއްވާފައިވެއެވެ. އެމަނިކުފާނުގެ ޕޯސްޓް ނިންމަވާލައްވާފައިވަނީ "ފްރޮމް ދަ ރިވަރ ޓު ދަސީ، ޕެލަސްޓައިން ވިލް ބީ ފްރީ" (ކޯރުން ފެށިގެން ކަނޑާ ހަމައަށް، ފަލަސްޠީނު މިނިވަންވާނެ) މި ޝިޢާރު ފާޅުކުރައްވަމުންނެވެ.