ރިޒޯޓުތަކުގެ މިއަހަރުގެ ފަހު 6 މަސް ދުވަހުގެ ބިމު ކުއްޔާއި ފިނޭނސް މިނިސްޓްރީން ކުއްޔަށް ދޫކޮށްފައިވާ ބިންތަކުގެ ބިމުކުލި 6 މަސް ދުވަހަށް ފަސްކުރަން ސަރުކާރުން ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ކޯވިޑް-19“ އާ ގުޅޭ ގޮތުން، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން:
މާތްﷲގެ ރަޙްމަތްފުޅާއެކު، މި ދަތިކަމުން އަރައިގަނެ، ފަތުރުވެރިކަން އަލުން ފެށިގެންދާއިރު، ރިޒޯޓްތަކަށްވެސް ލުއިފަސޭހަ ގޮތްތަކެއް ހޯދައިދޭންޖެހޭ ކަމަށް އަޅުގަނޑު ދެކެން. އެގޮތުން ސަރުކާރުން މިހާރު ނިންމާފައިވަނީ، ރިޒޯޓްތަކުގެ މިއަހަރުގެ ފަހު 6 މަސްދުވަހުގެ، ބިމު ކުލި ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް. އަދި އޭގެ އިތުރުން ދަނޑުވެރިކަމަށް ދޫކޮށްފައި ހުރި ރަށްތަކުގެވެސް، ކުރިއަށް އޮތް 6 މަހުގެ ބިމު ކުލި، ދައްކަންޖެހޭ މުއްދަތު ފަސްކޮށްދިނުމަށް ސަރުކާރުން މިހާރު ވާނީ ނިންމާފައި. އަދި ފިނޭންސް މިނިސްޓްރީން ކުއްޔަށް ދީފައި ހުރި އެހެން ބިންތަކުގެ ކުލިވެސް 6 މަސް ދުވަހަށް ފަސްކޮށްދިނުމަށް މިހާރުވާނީ ނިންމާފައި.