ރާއްޖޭގެ ރަށްތަކުގެ ތެރެއިން ކޮރޯނާ ވައިރސް ނެތް ރަށްރަށުގެ ދިރިއުޅުން ޢާންމު ޙާލަތަކަށް ގެނެސް މިސްކިތްތައް ޢާންމުކޮށް ހުޅުވާލަން މަސައްކަތްކުރެވެމުން އަންނަ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމާއި މުޚާޠަބް ކުރައްވައި މިރޭ ދެއްކެވި ވާހަކަފުޅުގައި އެމަނިކުފާނު ވިދާޅުވީ އެފަދަ ރަށްތަކުގެ ވިޔަފާރިތަކާއި އޮފީސްތަކާއި ސްކޫލްތައް ވެސް ކަނޑައަޅާ އުޞޫލުގެދަށުން ވަރަށް އަވަހަށް ހުޅުވައިލެވޭނެ ކަމަށެވެ.
މީގެ އިތުރުން ކޮރޯނާ ވައިރަސް ގެ ކަންކަން ރަނގަޅަށް ދާނަމަ އަންނަ ޖޫން މަހުގެ ތެރޭގައި ވެލޭނާ އިންޓަރނޭޝަނަލް ޢާންމު ދަތުރުތަކަށް ހުޅުވާލައި އަދި ރިޒޯޓުތައް ހުޅުވުމުގެ ހުއްދަ ދެވޭނެ ކަމަށްވެސް ވިދާޅުވިއެވެ.