އަބަދުމެ ޝަހާދަތް ކިޔަމުން ދިޔަ ގުރައަށް، މަރުއައިސް ޖެހުނު ވަގުތު ޝަހާދަތް ނުކިޔުން!

ކިޔުމަށް ހޭދަވާނީ 2މ
އަބަދުމެ ޝަހާދަތް ކިޔަމުން ދިޔަ ގުރައަށް، މަރުއައިސް ޖެހުނު ވަގުތު ޝަހާދަތް ނުކިޔުން!

ސޯލިޙު ރިވެތި އުޅުމެއް ހުރި ޝެއިޚެކެވެ. އޭނާގެ ދަރިވަރުންނަށް އިސްލާމްދީނުގެ ޢަޤީދާ އޭނާ އުނގަންނައި ދިނެވެ.

މާތް ނަބިއްޔާ މުޙައްމަދު (ޞޢޥ) ގެ ސުންނަތުގެ އަލީގައި، އޭނާ ވެސް އޭނާގެ ދަރިވަރުންނަށް ޝަޙާދަތުގެ ދެކަލިމައާއި، ޝަޙާދަތުގެ ދެކަލިމައިގެ މާނަ އުނގަންނައި ދިނެވެ. އޭނާގެ ދަރިވަރުން ޝެއިޚު ދެކެ ވަރަށް ލޯބިވެއެވެ.

އެޝެއިޚަކީ ދޫނި ގެންގުޅެން ވަރަށް ލޯބިކުރާ ޝެއިޚެކެވެ. އަދި ޝެއިޚުގެ ގޭގައި ބުޅަލެއް ވެސް އޮވެއެވެ.

އެއްދުވަހު ޝެއިޚުގެ ދަރިވަރުން އޭނާއަށް ހަދިޔާއެއް ދިނެވެ. ހަދިޔާއަކަށް ދިނީ ވާހަކަ ދެއްކޭ ގުރައެކެވެ. ޝެއިޚު ވަރަށް އުފާވިއެވެ. އަދި ކުޑަ ދުވަސްކޮޅެއް ތެރޭގައި ޝެއިޚު ވަރަށް ބޮޑަށް އެގުރައަށް ހިތް ޖެހުނެވެ.

ފަހަކަށް އައިސް އެޝެއިޚު، ދަރިވަރުންނަށް ކިޔަވާދޭން ދާއިރު ގުރާ ވެސް ގެންދެއެވެ. އަދި މާގިނަ ދުވަސްތަކެއް ނުވެ އެގުރައަށް ވެސް ޝަޙާދަތުގެ ދެކަލިމަ ކިޔަން ދަސްވިއެވެ. އެކަމާ ޝެއިޚު ވަރަށް އުފާވިއެވެ. ދުވާލާއި ރޭގަނޑު، އެތައް ފަހަރަކު އެގުރާ ޝަޙާދަތުގެ ދެކަލިމަ ކިޔެވެ.

އެއްދުވަހު ދަރިވަރުންނަށް ފެނުނީ ޝެއިޚު އަޑުހަރުކޮށް ރޯން އިންދައެވެ. ގިސްލަގިސްލާފައި ރޮނީއެވެ. ޝެއިޚަށް ވީކިހިނެއްތޯ ދަރިވަރުން ސުވާލު ކުރުމުން ޝެއިޚުބުނީ، އޭނާ ގެންގުޅޭ ބުޅާ ގުރަޔަށް ހަމަލާދީ އޭތި މަރާލައިފި ކަމަށެވެ.

ޝެއިޚުގެ ދަރިވަރުން ބުންޏެވެ. "ތިރޮނީ އެކަމާނަމަ އަޅުގަނޑުމެން ޝެއިޚަށް އެއަށްވުރެ މާމޮޅު ގުރައެެއް ގެނެސްދީފާނަމެވެ" ޖަވާބުގައި ޝެއިޚު ބުންޏެވެ. "އަހަރެން މިރޮނީ އެކަމާއެއް ނޫނެވެ. އަހަރެން މިރޮނީ ބުޅާ ހަމަލާދިން ވަގުތު އެގުރާ ހަޅޭލަވާ ރޮއެފައި މަރުވުމުންނެވެ. އަބަދުވެސް އެގުރާ ޝަޙާދަތުގެ ދެކަލިމަ ކިޔެވެ. ނަމަވެސް ބުޅާ ހަމަލާދިން ވަގުތު، އޭތީގެ މަރުއައިސް ޖެހުނު ވަގުތު، ޝަހާދަތް ކިޔަން އެގުރާ ހަނދާނެއް ނެތެވެ. އެއީ ހަމައެކަނި ދުލުން އެކަނި އޭތި ޝަޙާދަތުގެ ދެކަލިމަ ކީމައެވެ. ހިތުގެ އަޑިން ޝަޙާދަތުގެ ދެކަލިމަ ކިޔަން ދަސްކުރިނަމަ އެފަދަ ވަގުތެއްގައި ވެސް ގުރަޔަށް ޝަހާދަތް ކިޔަން ހަނދާންވީހެވެ"

ގުރައަށްވީ ގޮތް ޝެއިޚަށްވެސް ވެދާނެތީ ބިރުގަންނަ ކަމަށް ޝެއިޚު ބުންޏެވެ.

"އަހަރުމެންގެ ތެރެއިން ގިނަ މީހުން، ޝަހާދަތުގެ ދެކަލިމަ ކިޔުމުގައި މުޅި ދުނިޔެ އުމުރު ހޭދަ ކުރާއިރު، މަރުއައިސް ޖެހޭ ވަގުތުޝަޙާދަތުގެ ދެކަލިމަ ކިޔަން ހަނދާން ނެތެއެވެ. އެހެން އެވަނީ އަހަރުމެންނަށް ހިތުގެ އެންމެ ފުންމިނުން ޝަޙާދަތުގެ ދެކަލި ދަސްނުކުރެވޭތީއެވެ"

އެކަމުގެ ސަބަބުން ޝެއިޚުގެ ދަރިވަރުންނަށް ވެސް ވަރަށް ފުން އަސަރެއް ކުރިއެވެ. އަދި ޝެއިޚާއިއެކު ދަރިވަރުންވެސް ރޯންފެށިއެވެ. އެންމެ ފަހުވަގުތުގައި، ޝަހާދަތުގެ ދެކަލިމަ ހިތުގެ އެންމެ ފުންމިނުން ނުކީދާނެ ކަމުގެ ބިރާއި ހެދިއެވެ.

މިއަދު އޮންލައިން