މޫސުމާއިބެހޭ ޤައުމީ އިދާރާއިން ހާމަކުރާ ގޮތުގައި ރާއްޖެއަށް މިހާރު ކުރަމުން ދަނީ ބޭ އޮފް ބެންގޯލްގައި އުފެދިފައިވާ ތޫފާނެއްގެ ނުސީދާ އަސަރެވެ. އަދި ކުރިއަށް އޮތް ހަތަރު ދުވަހަށް ބަލާއިރު ވެސް ރާއްޖޭގެ މޫސުން ގޯސްވާނެ ކަމަށެވެ.
މިއަދު ވެސް ރާއްޖޭގެ ބޮޑު ބައަކަށް ވިއްސާރަކޮށް، ވައި ބާރު ވާނެ ކަމަށާއި 15 މޭލާއި 55 މޭލު ބާރު މިނެއްގައި ވައި ޖެހި ކަނޑުތައް ގަދަވާނެ ކަމަށެވެ.
ކޮޅިގަނޑު ހެދިފައިވަނީ ބޭ އޮފް ބެންގޯލުގައި ނަމަވެސް ރާއްޖޭގެ ސަރަހައްދުތަކަށް މިހާރު ކުރަމުން ދާ ގަދަ ވިއްސާރައިގައި ކާބޯތަކެތި އަޅާ ގަސްތަކަށާއި ދަނޑުބިންތަކަށް ދަނީ ބޮޑެތި ގެއްލުންތައް ލިބެމުންނެވެ.
ދީނީ ޢިލްމުވެރިން ވިދާޅުވަމުން ގެންދަވަނީ ރާއްޖޭގެ ފަހުގެ ތާރީޚުގައި ކުރިމަތިވި އެންމެ ބޮޑު ނިކަމެތި ޙާލަތުގައި ތިއްބައި ދަނޑުބިންތަކަށް ލިބެމުން މިދާ ގެއްލުންތަކުން ސަލާމަތްކޮށްދެއްވެވުން އެދި ދުޢާކުރުން ގިނަކުރާށެވެ! ވަކި މީހަކު އިސްތިސްނާވުމެއް ނެތި އެންމެން ވެސް ގިނަގިނައިން ތައުބާވުމަށެވެ! ފާފަކުރުން ހުއްޓައިލުމަށެވެ!