މިއަހަރުގެ ބަރަކތްތެރި ރަމަމާން މަހުގެ ރޭތައް ފާއިތުވަމުން ގޮސް މިއީ ފަހު ދިހައިގެ ދެވަނަ އޮނަހިރިވިލޭރެއެވެ. ރަމަޟާން މަހުން 23 ވިލޭރެއެވެ.
ހައިޟުވެރިންނަށާއި ނިފާސްވެރިންނަށް ދަންނަވާލަން އޮތީ ތިއަ ބޭކަނބަލުން ތިއަ ތިއްބެވީ ހަމަ ﷲ ތަޢާލާ އާއި ފުރިހަމައަށް ގުޅިގެން ކަމަށެވެ. ގުޅުން ބަދަހިކުރާނެ މިންވަރު ކަނޑައެޅުން އޮތީ ތިއަ ކަނބަލުންގެ އަތްމަތީގައި ކަމަށެވެ.
ޙައިޟުވެރިކަމާއި ނިފާސްވެރިކަމުގެ ސަބަބުން ތިއަ ކަނބަލުންނަށް ރޯދަ ނުހިފެނީއެވެ. ﷲ ތަޢާލާ ވަނީ އެކަން އަންނަން އޮތް އަހަރު ދުވަހު ކުރުމުން ފުދޭނެ ގޮތަށް ލުއިކޮށްދެއްވަވައިފައެވެ. ދެން އޮތީ މިދުވަސްވަރު ނަމާދު ނުކުރެވޭ މައްސަލައެވެ. ޢަމްދުން އެކަން ﷲ ތަޢާލާ ވަނީ އެކުގައި މަޢާފްކުރައްވަވައި ދެއްވަވައިފައެވެ.
ދެން އޮތީ ކީރިތި ޤުރްއާން ކިޔެވުމުވެ. މުޞްހަފްގައި އަތް ނުލައި ހަމަ ގިނަގިނައިން ކިޔަވަންވީއެވެ. ފޯނާއި އެފަދަ ވަސީލްތައް ބަލައިގެން ކިޔަވަންވީއެވެ! ޛިކުރް ކުރެވޭނެއެވެ! ތަނަވަސްކަން ހުރި ނަމަ ޞަދަޤާތް ކުރެވޭނެއެވެ.
އަޅާ އާއި ﷲ ތަޢާލާ އާއި އެންމެ ބޮޑަށް ގުޅުވައިލަދޭ އެއް ކަމަކީ ދުޢާކުރުމެވެ. ހަމަ ބޭނުން ކަމަކަށް އެދި ބޭނުންވަރަކަށް ދުޢާކުރަމުން ގެންދަންވީއެވެ. ޙައިޟުވެރިންނާއި ނިފާސްވެރިން ތިއަ ތިބީ ﷲ ތަޢާލާ އާއި ހަމަ ފުރިހަމައަށް ގުޅިގެންނެވެ! ގުޅުން ބަދަހިކުރާނެ މިންވަރެއް ކަނޑައަޅައި އަމަލުކުރުން އޮތީ ހަމަ ތިއަ ކަނބަލުންގެ އަތްމަތީގައެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން