ފުލުހުންގެ ލެބޯޓްރީގައި މިހާރު ދުވާލަކު 145 ޓެސްޓް ކުރެވޭ ކަމަށާއި އޭޑީކޭ ހޮސްޕިޓަލުގައި ޓެސްޓް ކުރަން ފެށުމުން ދުވާލަކު 500 ޓެސްޓް އިތުރަށް ކުރެވޭނެ ކަމަށް ސަރުކާރުގެ ތަރުޖަމާނު މުޙައްމަދު މަބްރޫކް ވިދާޅުވެއްޖެއެވެ.
މަބްރޫކް ވިދާޅުވީ ބަލި ފެތުރިގެން ނުދިއުމަށް ނުވަތަ ބަލި ފެތުރޭ މިންވަރު ކުޑަކުރަން ދަނީ ގިނަ މަސައްކަތްތަކެއް ކުރެވެމުން ކަމަށާއި އެކަމުގެ ނަތީޖާ ވެސް އަންނަނީ ފެންނަމުން ކަމަށެވެ. ބަލި ފެތިގެން ހިނގައިދާނެ ކަމަށް ކުރިން ލަފާކޮށްފައި އޮތްވަރަށް ނުފެތުރި މިހައި މިންވަރަށް ކޮންޓްރޯލުކުރެވިފައި މިވަނީ އެފިޔަވަޅުތަކުގެ ސަބަބުން ކަމަށެވެ.
މަބްރޫކް ވިދާޅުވީ ޓެޑް ޓީމުން އަދިވެސް ބުރަވަނީ މިވަގުތު މާލޭގައި ތިބި މީހުން ރަށްރަށް ނުގޮސް މާލޭގައި މަޑުކުރަން ކަމަށާއި މާލެއިން ރަށްތަކަށް މީހުން ދިއުމަކީ ބަލި އިތުރަށް ފެތުރިގެން ހިނގައިދާނެ ކަމެއް ކަމަށެވެ. އެހެންވެ ކުރިއަސް އޮތް 2 ހަފްތާގައި ރާއްޖޭގައި ބަލި ޖެހޭ މީހުންގެ އަދަދު އެންމެ މައްޗަށް ދާނެ ކަމަށް ލަފާކުރެވޭތީ މިހާރުވެސް އަޅާފައިވާ ފިޔަވަޅުތައް އިތުރަށް ވަރުގަދަކޮށް ދަމަހައްޓަން ޖެހޭ ކަމަށެވެ.
މަބްރޫކްވިދާޅުވީ ރާއްޖެތެރެއަށް ބަލި ފެތުރޭނެ ކަމަށް ކުރިންވެސް އޮތީ ލަފާކޮށްފައި ކަމަށާއި އެހެން ނަމަވެސް އެއީ ބަލިފެތުރޭނެ ވަރަކަށް ފެތުރެން އަޅާނުލައި ދޫކޮށްލުން ނޫން ކަމަށެވެ. އެގޮތަށް އަޅާ ނުލައި ދޫކޮށްލައިގެން ސަރުކާރު ނުއޮންނާނެ ކަމަށެވެ.