ގިނައިން އަޅުކަންކުރާތީ ތިމާއަކީ ތަޤްވާވެރިއެއް ކަމަށް ބަލައިގެން ތިބޭ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނެކަން ޙަދީޘުން!

އަހުމަދު
ކިޔުމަށް ހޭދަވާނީ 2މ 15ސ
ގިނައިން އަޅުކަންކުރާތީ ތިމާއަކީ ތަޤްވާވެރިއެއް ކަމަށް ބަލައިގެން ތިބޭ ގިނަ ބައަކަށް ނަރަކައަށް ވަންނަން ޖެހޭނެކަން ޙަދީޘުން!

އަހަރެމެންގެ ތެރެއިން އެތައް ބައަކު ހެޔޮ އަމަލުތައް ކުރެއެވެ. ހެޔޮ އަމަލުތައް ކުރާތީ އެމީހުންނަށް ހީކުރެވެނީ އެހިސާބުން ހުރިހާ ކަންކަން ނިމުނީ ކަމަށެވެ. ތިމާއަށް މިހުރެވެނީ ﷲ ތައާލާ އާއި ކުއްތަންވެވިގެން ކަމަށާއި ތިމާއަށް ސުވަރުގެ ވަދެވޭނެ ކަމަށެވެ.

ސުވަރުގެ އެދޭ މީހާ ހެޔޮ އަމަލުތައް ކުރުން ގިނަކުރަން ޖެހޭކަން އެއީ ހަމަ ޔަޤީން ކަމެކެވެ. ކޮންމެ ގޮތަކުންވެސް ފަރުޟު 5 ނަމާދުކުރަން ޖެހެއެވެ. އެހެންކަމާއިއެކުވެސް އެކުރާ ހެޔޮ އަމަލަކީ ހަމައެކަނި އަޅުކަންކުރުން ކަމަށް ހަދައިގެން ސުވަރުގެ ލިބިގަނެވެން ނެތްކަން ހަމައެކަނި މިޙަދީޘްފުޅުންވެސް ވަރަށް ސާފުކޮށް އެނގެއެވެ. 

ޙާރިޘަތުގެފާނުގެ އަރިއަހުން ރިވާވެވެގެންވާ ޙަދީޘްފުޅެއްގައިވެއެވެ. 

"(ދަންނާށެވެ!) ސުވަރުގެވަންތަވެރިންނަކީ ކޮބައިކަން ތިއަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ (އެއީ)ތަވާޟުޢްވެރި، އެބައިމީހުންގެ މައްޗަށް އެހެން މީސްތަކުން ބޮޑާވެގަނެ ނިކަމެތިކުރެވޭ ބަލިކަށި، ކޮންމެ މީހެކެވެ. އެއިން މީހަކު ﷲ ގަންދީ ހުވައެއް ކޮށްފިނަމަ، އޭނާ އެހުވާކުރި ކަމެއް ﷲ ފުއްދަވައި ދެއްވަވައެވެ. ދަންނާށެވެ! ނަރަކަވަންތަވެރިންނަކީ، ކޮބައިކަން، ތިއަބައިމީހުންނަށް ވިދާޅުވެދެއްވަން ހެއްޔެވެ؟ (އެއީ) ޚުލްޤް ނުބައި، ހަރުކަށި، މުދައު އެއްކޮށް ޖަމާކޮށް އުޅޭ ދަހިވެތި، ބޮޑާ ކޮންމެ މީހެކެވެ!" 

ރިޔާޟުއްޞާލިޙީން: 252)

މި ޙަދިޘްފުޅުގައި މިވަނީ ނަރަކައަށް މީހާއަށް ވަންނަން ޖެހޭނެ 3 ކަމެކެވެ. ފުރަތަމަ ކަމަކީ އެމީހާގެ ނުބައި އަޚްލާޤެވެ. އަޚްލާޤީ ނުބައި ސިފަތައް އެމީހެއްގެ ކިބައިގައި ހުރުމެވެ. މީހުންނަށް އެއްޗެތި ގޮވުމާއި އަޑުގަދަކޮށް މުޚާތަބްކުރުމާއި ދެބައުޑުވުމާއި ނެތިމޮށުމާއި ފިތުނަ ފަސާދަ އުފެއްދުމާއި ހަސަދަވެރިވުމާއި މިފދަ ހުރިހައި ސިފަތައް ވެސް ހިމެނިގެންދާނީ ތިމާގެ ކިބައިގައި ހުންނަންޖެހޭ ރިވެތި އަޚްލާޤްގެ ތެރޭގައެވެ. 

ދެވްން ފާހަގަކުރައްވަވާފައި އެވަނީ މުދަލަށް ދަހިވެތި މުދައު އެއްކޮށް ޖަމަމާކުރާ މީހުންނެވެ. ﷲ ތަޢާލާ މުދައި ދެއްވެވުމުން ﷲ ތައާލާގެ މގުގައި ހޭދަކުރަން ދަހިވެތިވާ މީހުންނެވެ. 3 ވަނައަށް ފާހަގަކުރައްވަވާފައި އެވަނީ ބޮޑާ މީހުންނެވެ. 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! ޤިޔާމަތްވުން ދާދި ގާތްވެފައިވާ ކަމުގެ ޢަލާމާތްތައް ފެންނަމުން  އަންނައިރު ދާދި އަވަހަށް ތިމާ މަރުވެ ތިމާއަށް ޤިޔާމަތްވެދާނެ ކަމުގެ ހެކިތައް ކޮންމެ ދުވަހަކު މިދަނީ ފެންނަމުންނެވެ.  ވީމާ ސުވަރުގެ ޙާޞިލުކުރަން މަސައްކަތްކުރަމުން ގެންދާއިރު ތިމާއަށްނަރަކައަށް ވަންނަން ޖެހިދާނެ ކަންކަން ކުރުމާއި ދުރުހެލިވާންވެސް މަސައްކަތްކުރަން ޖެހޭނެއެވެ. އެހެން ނޫންނަމަ ސުވަރުގެ ދިއުމަށް ކުރާ މަސައްކަތް ފޭލްވެ ނަރަކައަށް ވަންނަން ޖެހިދާނެ މީހަކަށް ވެދާނެ ކަމަށް ބިރުވެތިވާށެވެ! 

ލޮބުވެތި އަޚުންނާއި އުޚުތުންނޭވެ! މިފަދަ ޙަދިޘްފުޅުތަކަސް ވިސްނައި އަމަލުކުރާބައަކަށްވާށެވެ! ކުރާ އަޅުކަމުގެ ފައިދާ ފެނިގެންދާނީ އެއިރުންނެވެ. 

- އިސްލާމީ ތިލަފަތުގެ ދަރުސަކުން

މިއަދު އޮންލައިން