ފިރުއަޢުނު ނިންމީ އޭނާގެ ބާރު ދައްކައިލުމަށެވެ. ކޮންމެ ގޮތަކުން ނަމަވެސް މޫސާގެފާނު ޝަހީދުކޮށްލުމަށެވެ. ހަމަ އެންމެ ބޭނުމަކު އޭނާ މަތިވެރިކޮށް އޭނާއަށް ކަލަކުކަމަށް ހަދައިގެން އުެމުން އައި މީހުން މޫސާގެފާނަށް ތަބަޢަވެދާނެ ކަމުގެ ބިރަށެވެ. އޭނާގެ ބާރާއި ޤަދަރު ނެތިގެން ހިނގައިދާނެ ކަމުގެ ބިރަށެވެ.
އެކަމަށް އޭނާ، އޭނާގެ ވަޒީރުންނާއި މަޝްވަރާކޮށް އެމީހުންގެ ތާއީދުވެސް ހޯދިކަމާއި އޭނާގެ ނިޔަތް ﷲ ތަޢާލާ ވަނީ ކީރިތި ޤުރްއާނުގައި ވަޙީކުރައްވަވައިފައެވެ.
ފިރުއަޢުނު ބުންޏެވެ. މޫސާގެފާނު އަވަހާރަކޮށްލުމަށް ތިއަބައިމީހުން ތިމަން ދޫކޮށްލާށެވެ! އަދި އެކަލޭގެފާނުގެ ވެރިރަސްކަލާނގެއަށް އެކަލޭގެފާނު ދުޢާކުރައްވާށެވެ! ހަމަކަށަވަރުން، އެކަލޭގެފާނު ތިއަބައިމީހުންގެ ދީން ބަދަލުކުރައްވައިފާނެކަމަށް ނުވަތަ ބިމުގައި ފަސާދަވެރިކަން ފަތުރުއްވައިފާނެކަމަށް ތިމަން ބިރުގަނެއެވެ." (ޣާފިރު: 26) 25،24 ބަލާ
އަދިވެސް ﷲ ތައާލާ ވަޙީ ކުރައްވަވާފައިވެއެވެ.
"ފިރުއަޢުން އާއި، هހާމާން އާއި، ޤާރޫނު ގެ ގާތަށެވެ. ފަހެ، އެއުރެން ބުނޫއެވެ. (މިއީ) ބޮޑު ދޮގުވެރި ޖާދޫގަރެކެވެ." (ޣާފިރު: 24
"ފަހެ، ތިމަންރަސްކަލާނގެ ޙަމްރަތުން ޙައްޤު ތެދުމަގާއިގެން އެއުރެންގެ ގާތަށް އެކަލޭގެފާނު ވަޑައިގަތްހިނދު، އެއުރެން ބުނޫއެވެ. އެކަލޭގެފާނުގެ އަރިހުގައި އީމާން ވެގެންތިބި މީހުންގެ ފިރިހެންދަރިން މަރާށެވެ! އަދި އެއުރެންގެ އަންހެނުން ނުމަރައި ބައިތިއްބާށެވެ! ކާފިރުންގެ މަކަރުވެރި ރޭވުންތައް، ފުރެދުމެއްގެ ތެރޭގައި މެނުވީ ނުވެއެވެ." (ޣާފިރު:25)
ފިރުއަޢުނުގެ މަކަރުވެރި ރޭވުންތަކާއި އަނިޔާވެރިކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެންވެއެވެ. ނަތީޖާއަކަށްވީ މޫސާގެފާނާއި އެކަލޭގެފާނަށް ތަބަޢަވީ މީހުން ޝަހީދުކުރަން ނުކުތް ފިރުއަޢުނު ޣަރަޤުކުރެއްވެވުމެވެ.
މިއީ މިއަދުވެސް ޢިބްރަތް ލިބިގަންނަންވީ ފިލާވަޅެވެ. ﷲ ތަޢާލާގެ ދީން ނިކަމެތިކުރަން މަސައްކަތްކުރާ މީހުން ހަމަ ފިރުއަޢުނު ފަދައިން ނިކަމެތި ކުރައްވަވާނެތެވެ! މުޙްލަތު ދެއްވަވަނީ ތައުބާވުމަށެވެ.
ﷲ ތަޢާލާ ތަނަވަސްކަމާއި އާރާއި ބާރު ދެއްވެވުމުން މީސްތަކުން މަގުފުރެދިގެން ދިއުމުން މިއަދުވެސް ﷲ ތަޢާލާ ދައްކަވަމުން އެގެންދަވަނީ އެންމެ މަތިވެރިކަން ލިބިވޮޑިގެންވަނީ ހަމަ އެކަލާނގެއަށް ކަމެވެ. މީސްތަކުންނީ އެއްވެސް އާރެއް ބާރެއް ނެތް ވަރަށް ނިކަމެތި ބައެއް ކަމެވެ.
ތަނަވަސްކަން ލިބި ދުވަހަކުވެސް ތިމާމެން ފަޤީރު ނުވާނެ ކަމަށް ބަލައިގެން ތިބި ޤައުމުތަކުގެ އިޤްތިޞާދު އިނދަޖެހިއްޖެއެވެ. ޢިލްމީ ގޮތުން ކުރިއަރައި ތިމާމެންނަށް ނުކުރެވޭނެ ކަމެއް ނެތްކަމަށް ޤަބޫލުކުރި އެންމެންނަށްވެސް މިއަދު ތިބެން ޖެހިފައި އެވަނީ އެމީހުންގެ ފުރާނައަށް ކުރިމަތިވެދާނެ ނުރައްކަލަކަށް ބިރުން ތުރުތުރުއަޅައަޅައެވެ. ލިބިފައިވާ މުއްސަނދިކަމާއި ޢިލްމުން ކުރެވެނީ ކޮންކަމެއް ހެއްޔެވެ؟
ބޭހެއްވެސް އަދި ވެކްސިނެއްވެސް ހޯދޭނީ ހަމަ ﷲ މިންވަރުކުރެއްވެވުމުންނެވެ. ދުނިޔެއަށް ފޮނުއްވަވާ ކޮންމެ ބަލިމަޑުކަމަށް ޝިފާއެއް ވާނެކަމާއި ޝިފާ ލިބުން އޮތީ ﷲ ތަޢާލާގެ ޙަޟްރަތުންކަން ޞަޙީޙް ހަދީޘްފުޅުން އެނގެން އެބައޮތެވެ.
Jabir reported: The Messenger of Allah, peace and blessings be upon him, said,
“Every disease has a cure. If a cure is applied to the disease, it is relieved by the permission of Allah Almighty.”
Source: Ṣaḥīḥ Muslim 2204
މީސްތަކުންނޭވެ! ވިސްނާށެވެ! ފިކުރުކުރާށެވެ! ބިރުވެތިވާށެވެ! ތައުބާވުން ގިނަކުރާށެވެ! ކެތްތެރިކަން އިތުރުކޮށް ދުޢާކުރުން ގިނަކުރާށެވެ! އޮތް ހަމައެކަނި ޙައްލަކީ އެއީއެވެ.
--އިސްލާމީ ތިލަފަތުގެ ދަރުސަކުން