ކޮރޯނާ ވައިރަސް އާއި ގުޅިގެން ރާއްޖޭގެ ޙާލަތު ކުރިން ލަފާކުރެވުނު ވަރަށްވުރެ ފެންނަމުން އަންނަނީ ވަރަށް ބޮޑުތަން ރަނގަޅުކޮށް ކަމަށާއި ބަލީގައި މަރުވާ މީހުންގެ އަދަދުވެސް (މާތް ﷲ ވާގިފުޅާއިއެކު) ބޮޑުތަނުން މަދުވާނެ ކަމަށް ޤަބޫލުފުޅު ކުރެއްވޭ ކަމަށް ޑރ. ޝީނާ ވިދާޅުވެއްޖެއެވެ.
އެހެންކަމާއިއެކުވެސް ޑރ. ޝީނާ ވަނީ ވަރަށް ބޮޑެތި އިންޒާރުތަކެއް ވެސް ދެއްވައިފައެވެ.
"ޕީކަށް ދާނެ ކަމަށް މިލަފާކުރެވެނީ މެއި މަހުގެ 31 ވަނަ ދުވަހު! އެދުވަހު ޕޮޒިޓިވްވާނެ ކަމަށް މިލަފާކުރެވެނީ 1600 ވަރު! ނަމަވެސް ޓެސްޓް ކުރެވޭ މިންވަރު ހުރިވަރުން އެ އަދަދު ނުފެނިދާނެ. ފެންނަ މީހުންގެ އަދަދު 300، 400 ކަމަށްވެދާނެ!"
ޑރ. ޝީނާ ވިދާޅުވީ ކުރިން ލަފާކުރެވުނު ވަރަށްވުރެ ޕޮޒިޓިވްވާ މީހުންގެ އަދަދު ބޮޑުތަނުން މަދު ކަމަށާއި ނަމަވެސް މިހާރުގެ ޙާލަތަކީވެސް ހަމަ ނުރައްކައުތެރި ޙާލަތެއް ކަމަށެވެ. ލޮކް ޑައުންގެ ސަބަބުން ޕޮޒިޓިވްވާ މީހުންގެ ޢަދަދު މަދުވި ނަމަވެސް "ސަރޖް ކުޑަ ނޫން" ކަމަށެވެ.
ޑރ. ޝީނާ ވިދާޅުވީ ބިދޭސީންގެ އިތުރުން ދިވެހިންގެވެސް ގިނަ ބައަކު އެއްތަނެއްގައި ދިރިއުޅެމުން ގެންދާ ކަމަށާއި "ސަރޖް ބޮޑުތަނުން ޑްރައިވް މިކުރަނީ" އެގޮތަށް އުޅެން ޖެހިފައިވާ މީހުންގެ ސަބަބުން ކަމަށެވެ. އަދި މިމަހުގެ ތެރޭގައި ތަންކޮޅެއް ބޮޑަށް ބަލައިގެން ނޫޅެވިއްޖެ ނަމަ ގޭބިސީތަކަށް ވައިރަސް ވަނުން އިތުރުވެ ބަލި ފެތުރިގެންދާ މިނަވަރު ބޮޑުތަނުން އިތުރުވުމުގެ ފުރުޞަތު އެބަ އޮތް ކަމަށެވެ.
"ޕީކަށް ދާނެ ކަމަށް ލަފާމިކުރެވެނީ ރޯދަ މަސް ނިމި ޢީދުގެ ދުވަސްވަރު. ދިވެހިން ގިނައިން ގެއިން ބޭރަށް ނުކުމެ އުޅޭ ދުވަސްވަރު ވީމާ މިފަހަރު މިކަމަށް ވަރަށް ބޮޑަށް ބަލައިގެން އުޅެވިއްޖެ ނަމަ ޕީކް ދައްކުރެވި ގޭބިސީތަކަށް ބަލިވަނުމަށް އޮތް ނުރައްކާ ބޮޑުތަނުން ކުޑަކުރެވިދާނެ." ކަމަސްވެސް ޑރ. ޝީނާ ވިދާޅުވިއެވެ.
ޑރ. ޝީނާ ދެއްވި މައުލޫމާތުންވެސް އެނގިގެން މިދަނީ މާތް ﷲ ގެ ރަހްމަތްފުޅު އަޅުގަނޑުމެންގެ މައްޗަށް އޮތް މިންވަރުގެ ބޮޑުކަމެވެ! ސަބަބުތަކުގައި ހިފެހެއްޓުމާއިއެކު ދުޢާކުރުން ގިނަކުރައްވާށެވެ! ޝިފާ އާއި ކާމިޔާބު ލިބުން ވަނީ ހަމައެކަނި މާތް ﷲ ގެ ޙަޟްރަތުންނެވެ!