ލޮކްޑައުންގެ ޙާލަތުގައި އަމަލުކުރަން ޖެހޭ ކަންކަމަށް ރައްޔިތުން ސަމާލުކަން ދީގެން ޢަމަލުކުރަމުން ގެންދާނަމަ ބަލި ފެތުރޭ މިންވަރު ކުޑަ ކުޑަކުރެވި އެންމެ މައްޗަށް އެރުމަކީ ވަރަށް ނާދިރު ކަމެއް ކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. އަފްޒަލް ވިދާޅުވީ "ލޮކްޑައުންގެ ހާލަތުގައި އޮންނައިރު "ޓްރޫ ޕީކެއް" އައުމަކީ ނާދިރު ކަމެއް" ކަމަށެވެ.
ޑރ. އަފަޒަލްގެ މިބަސްފުޅުގައި އިޝާރާތް ކުރައްވާފައި އެވަނީ "ލޮކްޑައުން" ގެ ޙާލަތުގައި ރައްޔިތުން އަމަލުކުރަންޖެހޭ ކަންކަމަށް ފުރިހަމައަށް ޢަމަލުކުރާނަމަ ކަމަށް ބެލެވެއެވެ. މިސާލަކަށް ލޮކްޑައުންގެ ޙާލަތުގައިވެސް ގޭކަންމައްޗަށް ގިނަ ބައަކު އެއްވެ ވާހަކަ ދައްކަން ދައްކަން ތިބުން ފަދަ ކަންކަމަކީ ލޮކްޑައުންގެ ޙާލަތުގައި ރައްޔިތުން ކޮށްގެންވާނެ ކަމެއް ނޫނެވެ. ލޮކްޑައުންއަށް އަމަލުކުރުމަކީ ކޮންމެހެން ނުކުންނަން ޖެހިގެން ނޫނީ ގެއިން ބޭރަށް އެއްވެސް ވަރަކަށް ނުނުކުތުމެވެ.
ހަމަ އެއާއިއެކު ގިނަ ބައިތަކަށް ދިރިއުޅޭ ގެތަކުގައިވެސް ގިނަ މީހުން އެއްވެ ބައްދަލުކޮށް އުޅުމަކީ ލޮކްޑައުންގެ ޙާލަތުގައި ކޮށްގެންވާނެ ކަމެއް ނޫނެވެ.
"ޓްރޫ ޕީކެއް ފެނުމުގެ ފުރުޞަތު ވަރަށް ކުޑަވާނެ. ނަމަވެސް ބިދޭސީން ވަރަށް ގިނަ ޢަދަދަކަށް މީހުން އުޅޭތަނަކުން ނުވަތަ ކުންފުންޏަކުން ޕޮޒިޓިވް ކޭސްތަކެއް ފެނިއްޖެނަމަ ޕީކަށް ގޮސްދާނެ.
ޓްރޫ ޕީކޭ މިކިޔާ ޕީކް ހަގީގަތުގައި މިއިންނަނީ ލޮކްޑައުން ބޭރުގަ އިންނަ ޕީކެއް އެއީ. މާނައަކީ ލޮކްޑައުން ހުޅުވާލުމަށްފަހު އެ ފެތުރިގެންދާ ދިއުމުގައި އެ އަންނަނީ ނެޗުރަލް ޑިސީސްޑްގެ ޕީކަކީ. ނަމަވެސް ލޮކްޑައުން ތެރޭގައި ގިނަ ފަހަރު އަންނާނީ ކުއްލިއަކަށް ދިމާވި އަންކެސްޕެކްޓެޑް ނޫނީ ބަލަމުންދާއިރު އެއްތާކުން ބައްދަލުވެ އަންނަ ކަހަލަ ޕީކެއް. ޓްރޫ ޕީކެއް ލޮކްޑައުންގެ ހާލަތުގައި އައުމަކީ ނާދިރު ކަމެއް!" ޑރ. އަފްޒަލް ވިދާޅުވެފައިވެއެވެ.
ޑރ. އަފްޒަލް މިރޭވެސް ވަނީ ލޮކް ޑައުންގެ ޙާލަތުގައި އަމަލުކުރަންޖެހޭ ކަންކަމަށް ޢަމަލުކުރަން ރައްޔިތުންނަށް ވަރަށް ބޮޑަށް އިލްތިމާސްކުރައްވައިފައެވެ!