ކޮރޯނާ ވައިރަސް އިން މާބަނޑު އަންހެނުން ސަލާމަތްކުރަން ގޭގައި ދިރިއުޅޭ އެންމެންގެ އެހީތެރިކަން ވެސް ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށް ޑރ.އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިއަދުނޫހުން ދެންނެވި ސުވާލުގެ ޖަވާބުގައި ޑރ. އަފްޒަލް ވިދާޅުވީ ގޭގައި މާބަނޑު އަންހެނަކު ހުރި ނަމަ ޒަރޫރީ ބޭނުންތަކަށް ގެއިން ބޭރަށް ނުކުންނަ މީހުންގެ ސަމާލުކަން ވެސް އިތުރުކުރަން ޖެހޭނެ ކަމަށެވެ.
އެގޮތުން އަތްދޮވުމަށް ދޭ ސަމާލުކަން އިތުރުކުރުމާއިއެކު ގެންނަ ތަކެތިވެސް ދޮވެ ސާފުކުރަން އިތުރަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ހަމަ އެއާއިއެކު ގޭގެ އެއްވެސް މީހެއްގެ ކިބައިން އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ މާބަނޑު މީހާއި ކައިރިނުވެ ގޭގައި އުޅެވޭނެ ގޮތަކަށް ކަންތައްތައް އިންތިޒާމުކުރަންޖެހޭނެ ކަމަށެވެ.
ހަމައެއާއިއެކު މިފަދަ ދުވަސްތަކެއްގައި މާބަނޑު އަންހެނުން ގެއިން ބޭރަށް ނުނުކުމެ ގޭގައި ތިބުމަށްވެސް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭނެ ކަމަށެވެ.
މިހައިތަނަށް މާބަނޑު ދެ އަންހެނަކު ވަނީ ކޮރޯނާ ވައިރަސްއަށް ޕޮޒިޓިވްވެފައެވެ. އެކަކު ޕޮޒިޓިވްވެފައިވަނީ ށ. ނަރުދޫ އިންނެވެ. އައިޖީއެމްއެޗަށް ވިހަން ގެންދިއުމުން މިއަދު ޕޮޒިޓިވްވި އަންހެން މީހާގެ ޙާލު ރަނގަޅުކަމަށްވެސް މަބްރޫކް ވިދާޅުވިއެވެ.