ބަރަކާތްތެރި ރަމަޟާން މަސް ފެށިގެން މެދާއި ހަމައަށް ދާން ދާދިގާތްވީއެވެ. ތެދަށް ބުނާނަމަ ބުނަން ޖެހޭނީ ގޭގައި ތިބެން ޖެހިފައި އޮތްއިރުވެސް ރަމަޟާން މަހު އަޅުކަން ކުރަން ބޭނުންވާ މިންވަރަށް އަޅުކަންކުރެވެނީ ވަރަށް މަދު މީހަކަށް ކަމަށެވެ. ގެދޮރުގެ ދަތިކަމާއި ކުރަން ޖެހޭ ކަންކަން ގިނަވުމުންނެވެ.
މައެއާއިއެކު މުޅި ދުވަސް އަޅުކަމުގައި ހޭދަކުރަން ބޭނުންވާ އެތައް ބައަކުވެސް ތިބޭނެއެވެ. އެމީހުންނަށް ހުރަހަކަށްވެފައި އޮންނަނީ އެމީހުންގެ ދިރިއުޅުމުގެ ޙާލަތެވެ! ތިރީގައި މިވަނީ އެފަދަ މީހުންނަށް ހިތްވަރު ދެއްވައި އަމަލުކުރަންވީ ގޮތް ބަޔާން ކުރައްވައި ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން، ޢިލްމް.އެމްވީގައި ލިޔުއްވާފައިވާ ލިޔުއްވުމެކެވެ.
24ގަޑިއިރު އަޅުކަންކުރާނީ ކިހިނެއް؟
ބަރަކާތްތެރި ރަމަޟާން މަސް އަޅުގަނޑުމެންނާއި ބައްދަލުކޮށްފިއެވެ. މި މައްސަރުގައި ﷲ ތަޢާލާ ވަނީ ގިނަގުނަ ޘަވާބާއި ދަރުމަ ލައްވަވާފައެވެ.
ސުވަރުގޭގެ ދޮރުކޮޅުތައް ހުޅުއްވަވާ ނަރަކައިގެ ދޮރުތައް ބަންދު ކުރައްވަވާފައެވެ.
އަޅުގަނޑުމެން އެންމެންވެސް ރަމަޟާންމަހުގައި ވަރަށް ގިނަ ހެޔޮކަންތައްތައް ކުރެވޭތޯ މަސައްކަތް ކުރަމެވެ.
ނަމަވެސް ދިރިއުޅުމުގެ ކަންތައްތައް ހުންނަގޮތުން ބައެއްފަހަރު އަޅުގަނޑުމެން ބޭނުންވާ ވަރަށް އަޅުކަމުގައި ވަގުތު ހޭދައެއް ނުކުރެވެއެވެ.
ނަމަވެސް މިކަމާ ދެރަ ނުވާށެވެ. ކުރަންޖެހޭ އެކި ކަހަލަ މަސައްކަތްތައް ކުރާއިރު ނިޔަތް ބަދަލުކޮށްލާށެވެ.
ރަސޫލާ ﷺ ޙަދީޘްކުރެއްވެވީ ކީކޭ ތޯއެވެ؟
(إنَّمَا الْأَعْمَالُ بِالنِّيَّاتِ، وَإِنَّمَا لِكُلِّ امْرِئٍ مَا نَوَى) (ބުޚާރީ، މުސްލިމް)
މާނައީ: “ޢަމަލުތައް (ބިނާ) ވަނީ، ނިޔަތްތަކުގެ މައްޗަށެވެ.”
ޢާމްދަނީ ހޯދުމަށް މަސައްކަތުގައި އުޅޭ ވަގުތުގައި އަނބިދަރިންނަށް ޚަރަދު ކުރުމުގެ ވާޖިބް އަދާކުރުމަށްޓަކައި، އަދި ﷲ ތަޢާލާގެ މަގުގައި ޞަދަޤާތް ކުރުމަށް ލާރިހޯދުމަށް ކުރާ ކަމެއްކަމުގައި ނިޔަތް ގަންނާށެވެ.
ބަދިގޭގައި ކާތަކެތި ތައްޔާރު ކުރާ ހިނދު ﷲ ތަޢާލާ އަށްޓަކައި އާއިލާގެ މެންބަރުނަށް ރޯދަވީލުމެއް ދިނުމުގެ ނިޔަތުގައި ކާތަކެތި ތައްޔާރު ކުރާށެވެ. އޭރުން އެމީހުންނަށް ލިބޭ ޘަވާބުވެސް އެއްވެސް އުނި އިތުރެއް ނެތި ލިބިގެންދާނެއެވެ.
ދަރިންގެ ކަންތައްތައް ކުރާއިރު އަދި އެކުދިންނާއެކު ވަގުތު ހޭދަކުރާއިރު އެކުދިންނަށް އަޅާލާ ހެޔޮތަރުބިއްޔަތެއް ދިނުމަށްޓަކައި ﷲ ތަޢާލާއަށް ޓަކައި ކުރާކަމެއް ކަމުގައި ހަދާށެވެ.
ދެމަފިރިން އެކަކު އަނެކަކާއެކު މުޢާމަލާތު ކުރުމުގައި އަދި އެކަކު އަނެކަކަށް ވަގުތުދޭ އިރު އެއީ އެކަކު އަނެކަކަށް އަދާކޮށްދޭންޖެހޭ ޙައްޤުތައް އަދާކުރުމަށް ﷲ ތަޢާލާއަށް ޓަކައި ކުރާ ކަމެއްކަމުގައި ހަދާށެވެ.
ނިދާވަގުތުގައި އަދި އަރާމުކުރާ ވަގުތުގައި ﷲ ތަޢާލާ އަށް އަޅުކަން ކުރުމަށްޓަކައި ހަށިގަނޑުގައި ވަރުޖެއްސުމަށް ކުރާކަމެއް ކަމުގައި ހަދާށެވެ.
ތިބާގެ ހަޔާތުގައި ކުރާ ކޮންމެ ކަމަކީވެސް ﷲ ތަޢާލާއަށް ޓަކައި ކުރާ ކަމެއްކަމުގައި ހަދާށެވެ. ޘަވާބާއި ދަރުމަ ހޯދުމުގެ ނިޔަތުގައި ކުރާކަމެއް ކަމުގައި ހަދާށެވެ. އޭރުން ތިބާގެ މުޅި ޙަޔާތް ވެގެންދާނީ އަޅުކަމަކަށެވެ.
- ޝައިޚް ޖަޢްފަރު މުޙައްމަދު ޢުޘްމާން/ ޢިލްމް.އެމްވީ