އާމްދަނީ ހޯދަން މަސައްކަތް ކުރެވޭނެ ގޮތެއް، ވަޒީފާއަށް ނުކުމެވޭނެ ގޮތެއް ނެތި މިހާރު އަޅުގަނޑުމެން މިތިބަ ޙާލަތަކީ، މާ ގިނަ ދުވަހަށް ތިބެވޭނެ ޙާލަތެއް ނޫން ކަމަށާއި އެކަން އެންމެންވެސް ޤަބޫލުކުރާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.
ޤައުމާއި މުޚާތަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ އެތައް މިލިއަން ޑޮލަރެއް އިންވެސްޓްކޮށްގެން ހިންގަމުން އައި ރިސޯޓްތައް އެހުރީ ފަޅަށް ކަމަށާއި ހޮޓާތަކާއި ރެސްޓޯރެންޓްތައް ހުއްޓި، ޢާންމު ވިޔަފާރިތައް އަޑިއަޅާލައިފި ކަމަށެވެ.
"ކޯވިޑް-19" އާ ދެކޮޅަށް، ޤައުމުތަކުން މިހާތަނަށް ކޮށްފައިވާ ތަޖުރިބާތަކަށް ބަލާއިރު، މި ބަލިން އަރައިގަތުމަށް، ދެ މަހަށް ވުރެ ގިނަ ދުވަސް ނަގާ. މި އުނދަގޫ ޙާލަތުން މިންޖުވުމަށްޓަކައި، ވީއެންމެ އަވަހަކަށް މިބަލި ކޮންޓްރޯލްކުރެވޭތޯ، އަޅުގަނޑުމެން އެންމެން އެކުގައި މަސައްކަތްތަކެއް ކުރަންޖެހޭ. މިކަމުގައި ކުރިމަތިވާ ދަތިތައް، ކެތްތެރިކަމާ އެކު ތަޙައްމަލްކުރި ޤައުމުތަކުގެ ރައްޔިތުން މިހާރު އެތައްޔާރުވަނީ، ޢާންމު ދިރިއުޅުމަށް އެނބުރި ދިޔުމަށް." ކަމަސްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވާހަކަފުޅުން:
އަޅުގަނޑުމެންވެސް ކެނޑިނޭޅި މަސައްކަތް ކުރަމުން މިއަންނަނީ، މި ޙާލަތުން އަރައިގަނެ، އަޅުގަނޑުމެންގެ އިޤްތިޞާދީ ޙަރަކާތްތައް އަލުން ފަށައި، ދިރިއުޅުމުގެ ޢާންމު ޙާލަތަށް ދެވޭތޯ.
ރާއްޖޭގައި "ކޯވިޑް-19"ގެ ޙާލަތު ވަޒަންކުރައްވާ ޞިއްޙީ ތަޖުރިބާކާރުން އަންދާޒާ ކުރައްވަނީ، ކުރިއަށް މިއޮތް ދެ ހަފުތާގެ ތެރޭގައި، މާލޭގައި މި ބަލީގެ ޙާލަތު، މިހާރަށް ވުރެ މައްޗަށް ދިޔުން އެކަށީގެންވާ ކަމަށް.
އެހެންވީމާ، ކުރިއަށް މިއޮތް ދެ ހަފުތާއަކީ، އަޅުގަނޑުމެން ވަރަށް ފަރުވާތެރިކަމާއި ވިސްނުންތެރިކަމާ އެކު މަސައްކަތް ކުރަންޖެހޭ ދެ ހަފުތާ. އެ ދުވަސްކޮޅުގެ ތެރޭގައި އަޅުގަނޑުމެންނަށް ކުރެވޭ މަސައްކަތްތަކުން، މި ބަލިން އަވަހަށް އަރައިގަތުމުގެ އުންމީދު ވަރަށް ބޮޑު.
މި ބައްޔަށް އިތުރު މީހުން މިވަގުތު ޕޮޒިޓިވް ވިޔަސް، މި ބަލި ފެތުރުން ހުއްޓުވުމަށް މި ކުރާ މަސައްކަތް، އިރާދަ ކުރެއްވީތީ ކޮންޓްރޯލުން ނެއްޓިގެނެއް ނުދޭ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިންގެ އުންމީދެއްވެސް ނުގެއްލޭ.
"ކޯވިޑް-19"ގެ ސަބަބުން، ރާއްޖެ މިވަނީ ވަރަށް ބޮޑަށް ޞިއްޙީ ޚިދުމަތްތެރިންނަށް ބޭނުންވެފައި. ޚިދުމަތުން ރިޓަޔަރކުރައްވައިގެން ތިއްބެވި، ވަރަށް ގިނަ ޞިއްޙީ ޚިދުމަތްތެރިން މިހާރުވެސް އަޅުގަނޑުމެންގެ ތެރޭގައި އެބަތިއްބެވި.
އަދި ވަގުތީ ގޮތުން ޚިދުމަތާ ދުރަށް ޖެހިވަޑައިގެން އުޅުއްވާ ބައެއް ބޭފުޅުންވެސް އެބަތިއްބެވި. އަޅުގަނޑު ދަންނަވާނީ، މިއީ ތިޔަ ބޭފުޅުން އެނބުރި ޚިދުމަތަށް ވަޑައިގަންނަވަންވީ ވަގުތޭ. ޤައުމު މިއަދު ތިޔަ ބޭފުޅުންގެ ޚިދުމަތަށް ނުހަނު ބޮޑަށް ބޭނުންވޭ. އަދި ޞިއްޙީ ޚިދުމަތްދޭ ޕްރައިވެޓް ތަންތަނުގައި މަސައްކަތްކުރައްވާ ބޭފުޅުންގެ އެހީތެރިކަން ވެސް މިވަގުތު ވަރަށް ބޮޑަށް ބޭނުންވޭ.
މާލޭގައި މިބަލި ކޮންޓްރޯލްކުރަން މަސައްކަތް ކުރާއިރު، އެހެން ރަށްރަށަށް މި ބަލި ފެތުރުނަ ނުދިނުމަށްވެސް، ޚާއްޞަ ސަމާލުކަމެއް އަޅުގަނޑުމެން ދޭން އެބަޖެހޭ. އެއް ރަށުން އަނެއް ރަށަށް މީހުން ދަތުރުކުރުން މެދުކަނޑައިލަން ޖެހުނީ އެ ސަބަބަށްޓަކައި. ރަށްރަށުން މާލެ އަށް، އަދި މާލެއިން އެހެން ރަށްރަށަށް، މީހުން ދަތުރުކުރުން ހުއްޓައިލަންޖެހުނީ ވެސް އެ ސަބަބަށްޓަކައި.
މި ފިޔަވަޅުތަކުގެ ސަބަބުން ކިތަންމެ ގިނަ ދަތިތަކެއް ކުރިމަތި ވިޔަސް، މިފިޔަވަޅުތައް އަޅައިގެން ނޫނީ، މި ބަލި ކޮންޓްރޯލް ކުރެވެން ނެތްކަން، އެންމެންވެސް ޤަބޫލުކުރާނެ.
އެހެންވީމާ، މިކަމުގައި ތިޔަ ލޮބުވެތި ރައްޔިތުން މިހާތަނަށްވެސް ދެއްވަމުން އައި އެއްބާރުލެއްވުން، އެއަށް ވުރެވެސް ފުރިހަމައަށް ދެއްވުމަށް އަޅުގަނޑު ގޮވާލަން.
ޒަރޫރީ ބޭނުމެއްގައި ގެއިން ބޭރަށް ނުކުތަސް، އިޖްތިމާޢީ ގައިދުރުކަމަށް އިސްކަން ދެއްވައިގެން އުޅުއްވުމަކީ ވަރަށް މުހިންމު ކަމެއް. ކޯވިޑަށް ޝައްކުކުރެވޭ އެއްވެސް ޢަލާމާތެއް ފެނިއްޖެ ނަމަ، ލަސް ނުކުރައްވައި، ކަމާ ބެހޭ ފަރާތްތަކަށް އެންގެވުމަކީ ވެސް ވަރަށް ބޭނުންތެރި ކަމެއް.
މިހާރު ކުރިމަތިވެފައިވާ ދަތިތަކާ އެކުގައިވެސް، ތިޔަ ބޭފުޅުން މިދުވަސްކޮޅު ގޭގައި މަޑުކޮށްލަދެއްވާ. އަޅުގަނޑުމެންގެ ޞިއްޙީ ޚިދުމަތްތެރިން، އަވަދިނެތި މަސައްކަތް އެކުރައްވަނީ، ތިޔަ ބޭފުޅުންގެ ރައްކަލަށްޓަކައި.
ސަރުކާރުން މަސައްކަތް ކުރަމުން މިއަންނަނީ، ޢާންމު ބޭނުންތަކަށް ބޭނުންވާ ތަކެތި، އެއްވެސް ދަތިކަމެއް ނެތި ލިބޭނެ ގޮތް ހަދައިދިނުމަށް.
މުޅި ރާއްޖެ ފުރަބަންދުގެ ޙާލަތުގައި އޮތަސް، ދައުލަތެއްގެ ގޮތުގައި އަޅުގަނޑުމެން ކުރަންޖެހޭ ވަރަށް ގިނަ ކަންތައް އެބަހުރި. ދޭންޖެހޭ ޚިދުމަތްތައް ވެސް އެބަހުރި.
އެޚިދުމަތްތައް ދިނުމަށް ސަރުކާރުން މިއަންނަނީ މަސައްކަތް ކުރަމުން. ކާބޯތަކެއްޗާއި ބޭސްފަރުވާއަށް ބޭނުންވާ ބޭހާއި އެހެން ވަސީލަތްތަކާއި އާލާތްތައް، ބޭރު ޤައުމުތަކުގެ އެހީތެރިކަމާއެކު، ރާއްޖެއަށް ގެނައުމުގެ މަސައްކަތް ވެސް އަންނަނީ ކުރަމުން.
މިކަމުގައި ރަޙްމަތްތެރި ޤައުމުތަކުންނާއި ބޭރުގެ ދީލަތި ބައެއް ބޭފުޅުން، ދިވެހި ރައްޔިތުންނަށްޓަކައި ވަރަށް އަގުހުރި އެހީތަކެއް ވެދެއްވައިފި. އަދި މިހާރުވެސް އިތުރު އެހީތައް ދެއްވުމަށް އަންނަނީ ތައްޔާރުވަމުން.
އެ ހުރިހާ ފަރާތްތަކަށް، ދިވެހި ރައްޔިތުންގެ ނަމުގައި އަޅުގަނޑު ޝުކުރު ދަންނަވަން. އަދި ރާއްޖޭގެ ވަރަށް ދީލަތި ބޭފުޅުންކޮޅެއްގެ ފަރާތުންވެސް، މިކަމުގައި ވަރަށް އަގުހުރި އެހީތަކެއް އަންނަނީ ލިބެމުން. އެ ހުރިހާ ބޭފުޅުންނަށްވެސް އަޅުގަނޑު ޝުކުރު ދަންނަވަން.
އަޅުގަނޑުމެން "ކޯވިޑް-19" އާ ދެކޮޅަށް މަސައްކަތް މިކުރަނީ، އެއް ޢަޒުމެއްގައި އެއް ރޫޙެއްގައި، އެއް އަމާޒަކަށް.