ރާއްޖޭގަ ކޮވިޑް މިހައި ބޮޑަށް ފެތުރިގެން ދިއައީ ބިދޭސީން ތޮއްޖައްސާފަ ތިބުމުން: ރައީސް ޞާލިޙް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 59ސ
ރާއްޖޭގަ ކޮވިޑް މިހައި ބޮޑަށް ފެތުރިގެން ދިއައީ ބިދޭސީން ތޮއްޖައްސާފަ ތިބުމުން: ރައީސް ޞާލިޙް

"ރާއްޖޭގައި މިހާރު "ކޯވިޑް-19" ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި" ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. 

ޤައުމާއި މުޚާޠަބް ކުރައްވައި ވާހަކަފުޅު ދައްކަވަމުން އެމަނިކުފާނު މިއަދު ވިދާޅުވީ ރާއްޖޭގައި ތިއްބެވި ބަންގްލަދޭޝްގެ ބޭފުޅުންތެރެއިން 1500 ބޭފުޅަކު އަނބުރާ ފޮވާލުމުގެ މަސައްކަތް ދާދި އަވަހަށް ފެށިގެންދާނެ ކަމަށެވެ. އަދި ބަންގްލަދޭޝް "ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ." ކަމަށްވެސް ވިދާޅުވިއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިމޭރުމުން މިއަދު ވިދާޅުވެފައިވާއިރު އިކޮނޮމިކް މިނިސްޓްރީން ބުނެފައިވަނީ ރާއްޖޭގައި ޤާނޫނާއި ޤަވާއިދާއި ޚިލާފަށް ތިއްބެވި ބޭފުޅުންގެ ތެރެއިން 40000 ބޭފުޅަކު އެމިނިސްޓްރީގައި ރަޖިސްޓްރީކޮށްފައިވާ ކަމަށެވެ.   

1990 އިގެ އަހަރުތަކުން ފެށިގެން ރާއްޖޭގައި ޤަވާއިދާއި ޚިލާފަށް އުޅުމުގެ ފުރުޞަތު ބިދޭސީންނަށް ލިބިފައި އޮތުމުން އެކަމުގެ ނަތީޖާ ފެނިގެން އައި ގޮތްވެސް ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ފާހަގަކުރައްވައިފައެވެ. 

" ރާއްޖޭން "ކޯވިޑް-19" ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ. އެއީ 185 ދިވެހިންނާއި 356 ބިދޭސީން." 

" އެނގިވަޑައިގަންނަވާނެ، ރާއްޖޭގައި މިހާރު "ކޯވިޑް-19" ފެތުރެމުންދާ ގޮތަށް ބަލާއިރު، މި ބަލި އެންމެ ބޮޑަށް ފެތުރިފައިވަނީ، އެއް ތަނެއްގައި ތޮއްޖެހިގެން ދިރިއުޅެމުން އައި ބިދޭސީންގެ މެދުގައި. 

މި ބަލި ފެތުރުން ކޮންޓްރޯލް ކުރުމުގައި، ކުރިމަތިވާ އެންމެ ބޮޑު ދައްޗަކީ ވެސް މިއީ. މިކަމަށް ހައްލެއް ހޯދުމަށްވެސް މިއަންނަނީ މަސައްކަތް ކުރަމުން. 

ގުޅިފަޅާއި، ހުޅުމާލެއާއި ވިލިވަރުގައި، ބިދޭސީން ބައިތިއްބާނެ ތަންތަން ހަދައި، ފުރަތަމަ ބުރުގައި، އެ ތަންތަނަށް 3000 މީހުން ބަދަލު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން.

އަދި ރާއްޖޭގައި ޤަވާޢިދާ ޚިލާފަށް އުޅޭ ބީދޭސީން އެމީހުންގެ ޤައުމުތަކަށް ފޮނުވުމުގެ މަސައްކަތް ވެސް މިއަންނަނީ ކުރަމުން. 

ބަނގްލަދޭޝް ސަރުކާރާ ވާހަކަ ދައްކައިގެން، އެ ޤައުމުގެ 1500 މީހަކު، އެ ޤައުމަށް ފޮނުވައިލުމުގެ މަސައްކަތް، ކުރިއަށް މިއޮތް ހަފުތާގެ ތެރޭގައި ފެށިގެންދާނެ. 

ގިނަ ޢަދަދެއްގެ ބިދޭސީންތަކެއް، ވަންނާނެ ގެދޮރެއް، އާމްދަނީ ހޯދާނެ ވަޒީފާއެއް، އަދި ރަސްމީ ލިޔެކިޔުމެއް ނެތި، ރާއްޖޭގައި އުޅެމުންދާއިރު، ހަމަ ގައިމުވެސް އެމީހުން ރާއްޖެއަށް ގެނައި ބަޔަކު ތިބޭނެ. މިއީ އެއް ދުވަހަކުން ދެ ދުވަހަކުން ކުރިމަތިވި ކަމެއް ނޫން. 

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހަވީރު ދިވެހި ޤައުމާ މުޚާޠަބު ކުރައްވައި ދެއްކެވި ވާހަކަފުޅުން: 

ރާއްޖޭން "ކޯވިޑް-19" ފެނުނު ފަހުން، މިހާތަނަށް 541 މީހަކަށް އެބަލި ޖެހިއްޖެ. އެއީ 185 ދިވެހިންނާއި 356 ބިދޭސީން. އަދި މިހާރު އެ ބައްޔަށް ފަރުވާ ހޯދަމުން އަންނަ 523 މީހުންގެ ތެރެއިން، ވަރަށް މަދު މީހެއް ފިޔަވައި، އެންމެންގެ ޙާލުވެސް ޖުމްލަ ގޮތެއްގައި ރަނގަޅު.

"ކޯވިޑް-19" އާ ދެކޮޅަށް އަޅުގަނޑުމެން މަސައްކަތް ފެށި ފަހުން، މިހާތަނަށް އަޅުގަނޑުމެން އެހި އެންމެ ހިތްދަތި ޚަބަރަކީ، މި ބަލީގެ ޝިކާރައަކަށްވެ، ޢުމުރުން 83 އަހަރުގެ އަންހެން ބޭފުޅަކު، އަޅުގަނޑުމެންނާ ވަކިވެވަޑައިގެންނެވި ހިތާމަވެރި ޚަބަރު. 

އެ މަރުޙޫމާގެ ފާފަ ފުއްސަވައި ފުރާނައަށް ސުވަރުގޭގެ ތަނަވަސް ނިޢުމަތް މިންވަރު ކުރައްވައި، ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި، اللهُ سُبْحَانَهُ وَتَعَالَى ގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. 

ހަމައެފަދައިން، ރާއްޖޭގައި "ކޯވިޑް-19" އަށް ޕޮޒިޓިވްވެ، މިހާރު ފަރުވާ ހޯދަމުން އަންނަ، އެންމެންނަށް، މާތްﷲގެ އޯގާވަންތަކަމާއި ދީލަތިވަންތަކަމުން، އަވަސް ޝިފާއެއް މިންވަރުކުރެއްވުން އެދި، އެކަލާނގެ ޙަޟްރަތުގައި ދުޢާ ދަންނަވަން. 

"ކޯވިޑް-19" އިން ރާއްޖޭގެ އެންމެހައި ރައްޔިތުން ރައްކާތެރިކުރުމަށް، ޞިއްޙީ މާހިރުންގެ ލަފަޔާއި އިރުޝާދާއެކު، ސަރުކާރުން މިއަންނަނީ، ވަރަށް ގިނަ މަސައްކަތްތަކެއް ކުރަމުން.

މި މަސައްކަތުގައި ސަރުކާރުގެ އެންމެ އިސް ސިޔާސަތަކީ، ކިތަންމެ ބޮޑު ޤުރުބާނީއެއް ވެގެންވިޔަސް، ރައްޔިތުންގެ ފުރާނަ ސަލާމަތް ކުރުން. 

ރާއްޖޭގައި ތިއްބެވި ޞިއްޙީ ޚިދުމަތްތެރިންނަކީ މާ ގިނަ ބައެއް ނޫން. ނަމަވެސް އެއީ ކަމުގެ ޢިލްމާއި ތަޖުރިބާ ލިބިވަޑައިގެން ތިއްބެވި، އަދި ޤައުމީ ރޫޙުގައި މަސައްކަތްކުރެއްވުމަށް ވަރަށް ހުޝިޔާރު ބޭފުޅުންކޮޅެއް. 

ކުރިން އަންދާޒާކުރި ހަލުވިމިނުގައި، މި ބަލި ރާއްޖޭގައި ނުފެތުރި މިއޮތީ، މާތްﷲގެ ވާގިފުޅާއެކު، ޞިއްޙީ ޚިދުމަތްތެރިން ދެއްވާ ލަފަޔާ އެއްގޮތަށް ސަރުކާރުން އެޅި ފިޔަވަޅުތަކާއި، ޞިއްޙީ ޚިދުމަތްތެރިންގެ އިރުޝާދުތަކަށް ރައްޔިތުން ދެއްވި އެއްބާރުލުމުގެ ސަބަބުން.

މިހާރު ދިމާވެފައިވާ އުނދަގޫތައް ތަޙައްމަލްކުރައްވައި، ކެތްތެރިކަމާއެކު ރައްޔިތުން ދެއްވާ އެއްބާރުލެއްވުމަށް، އަޅުގަނޑު ޝުކުރު ދަންނަވަން. 

ހަމަ މިއާއެކު، މި ބަލި ރާއްޖެއިން ނައްތައިލުމަށް، ރެޔާއި ދުވާލު އެއްވެސް ވަރުބަލިކަމެއް ނެތި، ޢާއިލާއާއި އަނބިދަރިންނާ ދުރުގައި މަސައްކަތް ކުރައްވާ ވަރަށް ގިނަ ބަޔަކު އެބަތިއްބެވި.

ޞިއްޙީ ޚިދުމަތްތެރިންނާއި، ސިފައިންނާއި ފުލުހުން، އަދި ހެލްތު ޕްރޮޓެކްޝަން އޭޖެންސީ އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ އާއި ރެޑް ކްރެސެންޓްގެ ހުރިހާ ބޭފުޅުން، އަދި އެ ތަންތަނާ އެކުގައި މަސައްކަތްކުރައްވާ ހުރިހާ ބޭފުޅުންނަށް ވެސް އަޅުގަނޑު ޝުކުރު ދަންނަވަން. 

މިއަދު އޮންލައިން