މާލޭގައި ހާލުގައި ޖެހިފައިތިބި ބޭރުޤައުމުތަކުގެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭން ދިވެހި ރެޑް ކްރެސެންޓުން ކުރަމުން ގެންދާ މަސައްކަތުގެ ތެރެއިން ބިދޭސީންނަށް ރޯދަ ވީއްލުން ނުވަތަ ރޯދަވީއްލާނެ ޕާރުސަލް ފޮނުވުމުގެ ފުރުޞަތު މިވަގުތު ނެތް ކަމަށާއި ނަމަވެސް ކާބޯތަކެތި ފޮނުވައިދެވިދާނެ ކަމަށް އެޖަމިއްޔާއިން ބުނެފިއެވެ.
އެޖަމިއްޔާއިން ބުނީ މިހާރުވެސް ވަރަށް ގިނަ ބައަކު ޕާރުސަލް ފަދަ ތަކެތި ގެނެސްދޭ ކަމަށެވެ. އެހެންކަމުން ބޮޑަށް އެދެނީ އަލުވި ފިޔާ ކުކުޅުބިސް އަދި މިނޫންވެސް ރޯދަމަހު ހާރާއި އެހެންވެސް ވަގުތުތަކުގައި ކެއުމަށް ކައްކާނެ ތަކެތި ކަމަށެވެ.
"1400 ވަރަކަށް މީހުންނަށް އެހީތެރިވަމުން މިގެންދަނީ. އެއިގެ ތެރެއިން ކެއްކޭ ގޮތަށް ހުރި ތަންތަނަށް ފޯރުކޮށްދެމުން މިގެންދަނީ ތަކެތި."
އެ ޖަމިއްޔާއިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ބުނީ ހާލުގައި ޖެހިފައިވާ ބޭރުޤައުމުތަކުގެ މީހުންނަށް އެހީތެރިވާން މިމަހު 1 ވަނަ ދުވަހު ހުޅުވައިލި ފަންޑަށް މިހާރުވެސް 190،000 ރުފިޔާ ލިބިފައިވާ ކަމަށެވެ.
އެހީގެ ގޮތުގައި ފޮނުވާ ތަކެއްޗާއި ޙަވާލުވެ ބެލެހެއްޓުމަށް އެޖަމިއްޔާއިން ވަނީ ކަލާފާނު ސްކޫލަގައި މަރުކަޒެއް ޤާއިމުކޮށްފައެވެ. 9906720 އިން އިތުރު މައުލޫމާތު ލިބިވަޑައިގަންނަވާނެއެވެ.