ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފަ! އަރައިގަތުމަށް މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި!: ޝާހިދު

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 24ސ
ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފަ! އަރައިގަތުމަށް މަސައްކަތް ކުރުމުގެ ހިތްވަރު އެބަހުރި!: ޝާހިދު

މެދު-އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްޤީ ވަމުންއައި ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފައި ކަމަށާއި އެހެންކަމާއިއެކުވެސް ބައިނަލްއަގުވަމީ މުޖުތަމަޢުގައި ތިބި ރާއްޖޭގެ އެކުވެރިންނާއިއެކު، މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިއުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުރިކަމަށް ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.  

ޝާހިދު މިމޭރުމުން ވިދާޅުވެފައިވަނީ ޗައިނާއިން ރާއްޖެއަށް ފޯރުކޮށްދެމުން ގެންދާ އެހީތެރިކަން ބޮޑުކަން ފާހަގަކުރައްވައި ޗައިނާއަށް ޝުކުރު އަދާކުރައްވައި މިއަދު ޢާންމުކުރެއްވި ބަޔާނުގައެވެ. 

ޚާރިޖީ ވަޒީރުގެ ބަޔާނުން:  

ޝައްކެއްވެސް ނެތް ގޮތުގައި ދުނިޔެ އަށް ޖެހިފައި މިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ މުސީބާތެކެވެ. ހަމަ އެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަ ޖަޒީރާ ޤައުމަށް މި ބަލިމަޑުމަކުން ލިބޭ އިގްތިޞާދީ ގެއްލުން ނުހަނު ބޮޑެވެ. މެދު-އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްޤީ ވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފައެވެ. ނަމަވެސް ބައިނަލްއަގުވަމީ މުޖުތަމަޢުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންނާއި އެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުއްޓެވެ. 

ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން މިގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން މިއަދުގެ ފްލައިޓް ޗާޓަރ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން އެފަރާތުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ހަމަ އެއާއިއެކު ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި ޖައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއި, އަދަބުވެރިކަމާއި އެކުގައެވެ.  

ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރިރަޙުމަތްތެރިއެކެވެ. ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރަމެވެ. މިއީ އުނދަގޫ ދަތުރެކެވެ. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތެވެ .

މިއަދު އޮންލައިން