ޗައިނާގެ ދީލަތި އެހީތެރިކަމަށް ޚާރިޖީ ވަޒީރުގެ ޝުކުރު އިންތިހާއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 4މ 1ސ
ޗައިނާގެ ދީލަތި އެހީތެރިކަމަށް ޚާރިޖީ ވަޒީރުގެ ޝުކުރު އިންތިހާއަށް!

ރާއްޖޭގައި ކޮރޯނާ ވައިރަސްގެ ކަންކަން ފެށުނީންސުރެ ޗައިނާއިން ދެމުންގެންދާ އެހީތެރިކަން ވަރަށް ބޮޑުކަން ފާހަގަކުރައްވައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދު ޗައިނާއަށް ވަރަސް ބޮޑަށް ތަޢްރީފް ކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ. 

ޚާރިޖީ ވަޒީރުގެ ބަޔާން: 

މީގެ އެއްމަސް ދުވަސް ކުރިން ޗައިނާއިން ވަނީ ރާއްޖޭގައި އޮތް ކޮވިޑް19 ގެ ބަލިމަޑުކަމަށް އެވަގުތަށް އެންމެ ބޭނުންވި ސިއްޚީ ސާމާނު, ހިލޭ އެހީގެ ގޮތުގައި އެ މުހިންމު ދަނޑިވަޅުގައި ހަދިޔާކޮށް ދެއްވާފައެވެ. މިއަދު އަނެއްކާވެސް ފުލައިޓެއް ފުރާ, މި ބަލިމަޑުކަމުން ދިފާޢު ވުމަށް ބޭނުންވާ ސިއްހީ އާލާތާއި ވެންޓިލޭޓަރުގެ ދީލަތި އެހީ ޗައިނާއިން ލިބިގެންދާއިރު އެކަމަށްޓަކައި އެޤައުމަށް ހިފެހެއްޓުމެއްނެތި މަރުހަބާ ދަންނަވަމެވެ. މި އެހީތެރިކަން ޗައިނާއިން ލިބިގެން މިދަނީ ރާއްޖޭގެ ކަންކޮޅުތަކުގައި މިބަލި ފެތުރުން އިތުރުވެ, އެހީތެރިކަމަށް ބޭނުން ބޮޑުވެފައިވާ މުހިންމު ދަނޑިވަޅެއްގައެވެ.   

އެހެންކަމުން ޗައިނާގެ ރައީސް ޒީ އަށާއި, ސްޓޭޓް ކައުންސިލަރ އަދި ފޮރިން މިނިސްޓަރ ވަންގް ޒީ އާއި ޗައިނާގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑުގެ ހެޔޮއެދުމާއި ޝުކުރު އަރިސްކުރަމެވެ. އަދި މި ދަތި ހައްސާސް ދަނޑިވަޅުގައި ރާއްޖެއަށް ދީލަތި އެހީ ފޯރުކޮށްދެއްވި ޗައިނާގެ ޖަމިއްޔާ ޖަމާޢަތްތަކަށާއި, ކުންފުނިތަކަށް, އެ ފަރާތްތަކުން ވެދިން މަދަދާއި ބެހެއްޓެވި ހެޔޮ ގާތްކަމަށްޓަކައި ހާއްސަ ޝުކުރެއް އަރިސްކުރަމެވެ. ޗައިނާ އެމްބަސަޑަރު ޒާންކް ލީ ޒޮންގް, ދިވެހި ރައްޔިތުންނާއި މެދު ޗައިނާއިން ބާއްވާ މިދެންނެވި އެކުވެރިކަމާއި އެއްބާރުލުން ފުރިހަމައަށް ތަމްސީލު ކޮށްދެއްވައެވެ. 

ޗައިނާ ސަރުކާރުން ރާއްޖެއަށް މިއަދު ފޮނުވި ހިލޭ އެހީގެ އިތުރުން, އެގައުމުގައި ތިބި އަޅުގަނޑުމެންގެ އެކުވެރި ހެޔޮއެދޭ ފަރާތްތަކުގެ އެހީ ވެސް ވަނީ ލިބިފައެވެ. އޭގެ ތެރޭގައި ދުނިޔޭގެ މަގުބޫލު ޗައިނީސް އެހީދޭ ޖަމިއްޔާތަކާއި, ކުންފުނިތަކާއި އަދި ރާއްޖޭގައި މިހާރުވެސް މަސައްކަތްކުރަމުންދާ ޗައިނާގެ ބައެއް ކުންފުނިތައް ހިމެނެއެވެ. މި ގޮތުން އަލީބާބާ ފައުންޑޭޝަން / ޖެކްމާ ފައުންޑޭޝަން, ޗައިނާ މާރޝަންޓްސް ޕޯޓް ގްރޫޕް ކޯ ލިމިޓެޑް, ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕޮރޭޝަން, ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން އިންވެސްޓްމެންޓް އެންޑް ޑިވެލޮޕްމެންޓް ކޯ ލިމިޓެޑް, ޑޮންގފެންގ އިލެކްޓްރިކް އިންޓަރނޭޝަނަލް ކޯޕަރޭޝަން, ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑް, ޗައިނާ ކޮމިއުނިކޭޝަންސް ސެކަންޑް ނެވިގޭޝަނަލް ބިއުރޯ ސެކަންޑް އިންޖިނިއަރިންގ ކޯ ލިމިޓެޑް އާއި ވާވޭ ޓެކްނޮލޮޖީސް ކޯ ލިމިޓެޑް ހިމެނެއެވެ. 

ދިވެހި ސަރުކާރުން ކޮވިޑް19 އިން އަރައިގަތުމަށް ކުރަމުން މިގެންދާ މަސައްކަތަށް ރާއްޖޭގައި މަސައްކަތް ކުރާ ޗައިނާގެ ކުންފުނިތަކުން ދެއްވާ އެއްބާރުލުމާއި އެހީތެރިކަން ފާހަގަ ކޮށްލެވެއެވެ. މިގޮތުން ޗައިނާ މެޝިނަރީ އިންޖިނިއަރިންގ ކޯޕަރޭޝަން (ސީއެމްއީސީ) އިން, މިދިޔަ މަހު ވަނީ ކުޑަކުދިންނަށް ހާއްސަކޮށްގެން ތައްޔާރުކޮށްފައިވާ 5000 ފޭސް މާސްކު ރާއްޖެއަށް ހަދިޔާ ކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން މިއަދުގެ ފްލައިޓް ޗާޓަރ ކުރުމަށް ޗައިނާ އެމްބަސީއާއި ގުޅިގެން އެފަރާތުން ވަނީ ގިނަގުނަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. ހަމަ އެއާއިއެކު ސަރުކާރުން ގާއިމުކުރާ އެމަޖެންސީ މަރުކަޒުތައް ބިނާކުރުމުގައި ބެއިޖިންގ އާރބަން ކޮންސްޓްރަކްޝަން ގްރޫޕް (ބީޔޫސީޖީ) އާއި ޗައިނާ ހާބަރ އިންޖިނިއަރިންގ ކޮމްޕެނީ ލިމިޓެޑުން ދަނީ ވަރުބަލިކަމެއް ނެތި މަސައްކަތް ކުރައްވަމުންނެވެ. ރާއްޖޭގައި މިވަގުތު ތިއްބެވި ޖައިނާގެ ފަރާތްތަކުން ފޯރުކޮށްދެއްވާ މިފަދަ އަގުހުރި ޚިދުމަތްތައް ބަލައިގަންނަނީ ޝުކުރުވެރިކަމާއި, އަދަބުވެރިކަމާއި އެކުގައެވެ. 

ޗައިނާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނަކީ އަބަދުވެސް ދިވެހިރާއްޖެއާއި ގާތްގުޅުމެއް ބާއްވާ ދިވެހިންގެ އެކުވެރިރަޙުމަތްތެރިއެކެވެ. ކޮވިޑް19 އާއި ގުޅިގެން މިއަދު ޗައިނާއަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކާއި ދަތިތަކާއި އެކުވެސް, ދިވެހިންނަށް އެހީވުމުގައި ދިވެހިންނާއި އެކު އަތާއަތްގުޅާލައި ޗައިނާގެ ރައްޔިތުން ތިބުމުން, އެކަމަށްޓަކައި ހެޔޮ އެދުމާއި އިޚުލާސްތެރިކަމުގެ ޝުޢޫރު ފާޅުކުރަމެވެ. މިއީ އުނދަގޫ ދަތުރެކެވެ. ނަމަވެސް އެކީ އެކުގައި ހޭރިޔާކޮށް އަމާން ބަނދަރަކަށް ވާސިލް ވުމުގެ އުންމީދާއި ޔަގީންކަން އެބައޮތެވެ. 

ޝައްކެއްވެސް ނެތް ގޮތުގައި ދުނިޔެ އަށް ޖެހިފައި މިވަނީ ހީވެސް ނުކުރާފަދަ ދަތި އުނދަގޫ މުސީބާތެކެވެ. ހަމަ އެކަނި ފަތުރުވެރިކަމަށް ބަރޯސާވެފައިވާ މި ކުޑަ ޖަޒީރާ ޤައުމަށް މި ބަލިމަޑުމަކުން ލިބޭ އިގްތިޞާދީ ގެއްލުން ނުހަނު ބޮޑެވެ. މެދު-އާމްދަނީ ލިބޭ ޤައުމުތަކުގެ ތެރެއިން އެންމެ ބާރު މިނުގައި ތަރައްޤީ ވަމުންދިޔަ ރާއްޖެ މިއަދު މިވަނީ އެއްވެސް އާމްދަނީއެއް ލިބެން ނެތް ޤައުމަކަށް ބަދަލުވެފައެވެ. ނަމަވެސް ބައިނަލްއަގުވަމީ މުޖުތަމަޢުގައި ތިބި އަޅުގަނޑުމެންގެ އެކުވެރިންނާއި އެކު, މި ދަތި އުނދަގޫ ދުވަސްތައް ފަހަނައަޅައި ދިޔުމުގެ އަޒުމާއި, ހިތްވަރު އަދި އެ ސާބިތުކަން ރާއްޖޭގައި އެބަހުއްޓެވެ.

މިއަދު އޮންލައިން