ރާއްޖޭގައި ގިނަ ބައަކަށް ކޮރޯނާ ވައިރަސް ޖެހި ޕޮޒިޓިވްވަމުން ދަނީ ވަރަށް އާދައިގެ ޢަލާމާތްތަކާއިއެކުގައި ކަމަށްވުމުން ބަލިން ފަސޭހަވުމުގެ ފުރުޞަތު ބޮޑު ކަމަށާއި ނަމަވެސް ބަލި ފެތުރުމުގެ ފުރުޞަތު ބޮޑުކަމަށް ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައިވެސް ޑރ. އަފްޒަލް ވިދާޅުވީ ބައްޔަށް ގިނައިން ޕޮޒިޓިވްވަމުން އަންނަނީ 12 އަހަރާއި 40 އަހަރާއި ދެމެދުގެ މީހުން ކަމަށެވެ. 65 އަހަރުން މަތީގެ މީހުން މަދު ކަމަށެވެ.
ކޮރޯނާ ވައިރަސް ކުރިން ފެނިފައި ނުވާ ބައެއް ރަށްރަށުންވެސް މިއަދު ވަނީ ޕޮޒިޓިވްވެފައެވެ. އެހެންކަމުން ރާއްޖޭގައި ބަލި ފެތުރިފައިވާ މިންވަރާއިމެދު މިހާރު ވަނީ ވަރަށް ބޮޑަށް ކަންބޮޑުވާން ޖެހިފައެވެ. އެހެންކަމުން މިވަގުތު އެންމެ މުހިންމީ ކޮންމެ ރަށަކީ ވެސް ބަލި ފެނުމުގެ ފުރުޞަތު އޮތް ރަށެއްކަމަށް ބަލައިގެން ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅަމުން ގެންދިއުންކަން ޑޮކްޓަރުން ގެންދަވަނީ ފާހަގަކުރައްވަމުންނެވެ.