މިއަދު އަޑު އިވެނީ ރާއްޖޭގައި ދިރިއުޅުއްވާ ބަންގްލަދޭޝް ބޭފުޅަކު ކޮރޯނާ ވައިރަސް އާއި ގުޅިގެން ކަރަންޓީނުކުރަން ގެންދަން ޖެހުމުން އެ ބޭފުޅާ ދެކޮޅު ހެއްދެވުމުން ކޯޓުއަމުރެއްގެ ދަށުން ގެންދަން ޖެހުނު ވާހަކައެވެ. މީގެ ކުރިން ބައެއް ދިވެހިންނާއިމެދުވެސް ވަނީ ކޯޓު އަމުރު ހޯދައިގެން ފިޔަވަޅު އަޅަން ޖެހިފައެވެ.
" ކޮވިޑް-19އާ ގުޅިގެން ކަރަންޓީނަށް ގެންދިޔުމަށް ބަންގްލަދޭޝް މީހަކަށް އެންގުމުން އޭނާ އެކަމަށް ދެކޮޅު ހަދައިފި އެވެ. އެހެންވެ، ސިވިލް ކޯޓުން ދާދިދެންމެއަކު ވަނީ އަމުރެއް ނެރެ، އޭނާ ކަރަންޓީނަށް ގެންދިޔުމަށް އަންގާފަ އެވެ"
މިއީ ހަމަ މިހާލަތުގައިވެސް މިކަން އޮންނަން ޖެހޭނެ ގޮތްތޯއެވެ؟ ފުލުހުންނާއި ސިފައިން މިއަދު އެދަނީ ކުރަންޖެހޭ ޚިދުމަތް "އޯވަލޯޑް" ވުމުން ހަމަ ރަނގަޅަށްވެސް "އެގްޒޯސް" ވަމުންނެވެ. ޤަބޫލުކުރަން ބޭނުން ނުވި ނަމަވެސް ޙަޤީޤަތަކީ މިއީއެވެ. މިޙާލަތުގައި ތިބެމެ ރައްޔިތުންނަށް ދޭން ހުންނަ މުހިްނމު ޚިދުމަތްތައް ނުދީ ފަސްކޮށްފައި ކޯޓޫ އަމުރެއްގެ ފަހަތުން ދުވަން އެންމެ ސިކުތެއްވެސް ހޭދަކުރަން ޖެހުމަކީ މިހާލަތުގައި ޤަބޫލުކުރެވޭނެ ކަމެއް ނޫނެވެ!
މިހާލަތަށް ކަންކަން ދިއުމުން މިއަދުނޫހުގެ ކިޔުންތެރިއަކު އިއްޔެ ޙިއްޞާ ކުރެއްވި އޭނާގެ ވިސްނުން އަލުން ތަކުރާރުކޮށްލަމެވެ.
ރާއްޖެއަށް މިހާރު ކުރިމަތިވެފައި މިވާ ނުރައްކައުތެރި ޙާލަތުގައި ޞިއްޙީ ގޮތުން އަޅަންޖެހޭ ރައްކަތެރިކަމުގެ ފިޔަވަޅުތައް އުޅުމުގެ ގޮތުން ކަރްންޓީނު ކުރުމަށާއި ސާމްޕަލް ނެގުމާއި އެނޫންވެސް ކުރަން ޖެހޭ ކަންކަން ކުރުމަށް ދެކޮޅު ހަދާ މީހުންނާއިމެދު ވަގުތުން ފިޔަވަޅު އެޅުމުގެ ހުއްދަ ލިބޭ ގޮތަށް ކޯޓު އަމުރެއް ނެރެދެއްވުން ކީއްތޯއެވެ؟
ބައެއް ޙާލަތްތަކުގައި ކޯޓު އަމުރު ހޯދަން ލަސްވާ ކޮންމެ ހިނދުކޮޅަކީވެސް އޮތް ނުރައްކަލެކެވެ.
ވީމާ މިފަދަ ޙާލަތެއްގައި ދައުލަތުގެ ކަމާއިބެހޭ އިދާރާތަކަށް އެއްބާރުލުން ނުދިނުމުގެ ޙައްޤަކީ މިއަދު ހަމަ އެއްވެސް މީހެއްގެ މައްޗަށް އޮވެގެން ވާނެ ޙައްޤެއް ކަމަށް ޤަބޫލެއް ނުކުރެވެއެވެ.
މަދުން ނަމަވެސް ކޯޓު އަމުރު ހޯދައިގެން ކަންކަން ކުރަންޖެހުމަކީ މިއަދުގެ ޙާލަތުގައި އެއްވެސް މިންވަރަކަށް ބަލައިގަނެވެން އޮތް ކަމެއް ނޫނެވެ.
- މިއަދުނޫހުގެ ކިޔުންތެރިއަކު ފޮނުއްވި އޭނާގެ ވިސްނުން