މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް އެޗްޕީއޭ އިން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން 2020 މޭ މަހުގެ 3 ވަނަ ދުވަހުން ފެށިގެން މޭ މަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާ ގޮތަށް ރައީސުލްޖުމްހޫރިއްޔާ ހަމަޖައްސަވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން މިއަދު ނެރުއްވި މި އަހަރުގެ 14 ވަނަ ނަންބަރު ދެންނެވުމުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި، މާލޭގައި މަގުމައްޗަށް ނުކުމެއުޅުމާއި އެއްގަމު އުޅަނދުފަހަރު ދުއްވުން މަނާކޮށް ހެލްތް ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) އިން ނެރުއްވާފައިވާ އަމުރު ތަންފީޒު ކުރެއްވުމުގެ ގޮތުން، މެއި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެމަހުގެ 14 ވަނަ ދުވަހު ނިޔަލަށް ސަރުކާރުގެ އޮފީސްތައް ނުހުޅުވާގޮތަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙު ހަމަޖައްސަވައިފިއެވެ.
ކޮވިޑް-19 އާ ގުޅިގެން، އަޅުއްވަންޖެހިވަޑައިގަންނަވާ ފިޔަވަޅުތައް އެޅުއްވުމުގައްޔާއި، ރައްޔިތުންނަށް ދެއްވަން ޖެހިވަޑައިގަންނަވާ އަސާސީ ޚިދުމަތްތައް ދެއްވުމުގައި، 2020 އެޕްރީލް 17 ވަނަ ދުވަހު ރައީސް އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 11 ވަނަ ނަންބަރު ދެންނެވުމުގައިވާ ގޮތުގެ މަތިން ޢަމަލުކުރައްވަމުން ގެންދެވުމަށާއި، 2020 އެޕްރީލް 21 ވަނަ ދުވަހު ރައީސް އޮފީހުން ނެރުއްވާފައިވާ މިއަހަރުގެ 12 ވަނަ ނަންބަރު ދެންވެމުގައިވާ ގޮތުގެމަތިން، ބަލިޖެހޭ މީހުންނަށް ފަރުވާދިނުމާއި، ބަލިޖެހޭ މީހުންގެ ފަރާތުން އެހެން މީހުންނަށް ބަލިފެތުރުން ކުޑަކުރުމަށްޓަކައި ދައުލަތުގެ މުވައްޒަފުންގެ އެހީތެރިކަން ހޯއްދެވުމަށް ސަރުކާރުގެ އޮފީސްތަކަށް ރައީސް ޞާލިޙު ވަނީ އަންގަވާފައެވެ. އަދި ކުރިއެކޭވެސް އެއްގޮތަށް މި ދުވަސްތަކުގެ ތެރޭގައިވެސް ގޭގައި ތިއްބަވައިގެން ކުރެވެން ހުރި މަސައްކަތްތައް، ގޭގައި ތިއްބަވައިގެން ކުރައްވަމުން ގެންދެވުމަށާއި، ސަރުކާރުގެ އިދާރާތަކުން އޮންލައިންކޮށް ދެއްވެން ހުރި ހުރިހާ ޚިދުމަތްތަކެއް އޮންލައިންކޮށް ދެއްވަމުން ގެންދެވުމަށްވެސް ވަނީ އޮފީސްތަކަށް އަންގަވާފައެވެ.