ކޮރޯނާ ވައިރަސް ޖެހިގެން މަރުވާ މީހުންގެ މޫނު ބަލަން ދިއުން މަނާނުކުރައްވާ ކަމަށާއި ނަމަވެސް އެކަމަކީ ގިނަ ބައަކު މޫނުބަލަން ހިނގައްޖެ ނަމަ ބަލިފެތުރުމުގެ ރިސްކް އޮތް ކަމަކަށްވާތީ އެދިވަޑައިގަންނަވަނީ ވީހައި މަދު ބައަކު މޫނު ބަލަން ދިއުން ކަމަށް ޑރ. ޢަލީ ލަޠީފް ވިދާޅުވެއްޖެއެވެ.
ހެލްތް މިނިސްޓަރ ޢަބްދުﷲ އަމީން މިރޭ ވިދާޅުވީ ކޮރޯނާ ވައިރަސް އާއި ގުޅިގެން މާލެ ސިޓީގައި މަރުވާ މީހުން ހިނަވާނީ ފަރުކޮޅު ފެސިލިޓީގައި އެކަމަށް ޚާއްޞަކުރެވިފައިވާ ތަނުގައި ކަމަށާއި ވަޅުލާނީ ޢާންމުންވެސް ވަޅުލާ ސަހަރާގައި ކަމަށެވެ.
މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ. ޢަލީ ލަޠީފް ވިދާޅުވީ މިހާރު އައިޖީއެމްއެޗަށް ގެންދެވޭ ކޮންމެ ބަލިމީހަކަށްވެސް ޚިދުމަތް ދެނީ ޞިއްޙީ ޚިދުމަތްތެރިން އަޅަންޖެހޭ ރައްކައުތެރިކަމުގެ ފިޔަވަޅުތައް އަޅައިގެން ކަމަށާއި އެހެންކަމުން އެއްވެސް މީހަކަށް ތަފާތު ގޮތަކަށް ޢަމަލު ނުކުރާނެ ކަމަށެވެ.
ޑރ. ޢަލީ ލަޠީފް ވިދާޅުވީ ހުރިހާ އެންމެންވެސް ތިބޭނީ މާސްކްއަޅައިގެން ކަމަށާއި ޚާއްޞަ ޚިދުމަތްދޭ މުވައްޒިފުން ތިބޭނީ ރައްކައުތެރި ހެދުން ލައިގެން ކަމަށެވެ. ބަލީގެ ޢަލާމާތްތަކަކީ ވަރަށް ޢާންމު ޢަލާމާތްތަހުން އައިސް ކެއްސާ ނޭވާ ކުރުވުން ފަދަ ކަންކަން ހުންނަނަމަ ރިޕޯޓް ކުރަން ޖެހޭނެ ކަމަށެވެ.