ސަރުކާރު ހިއްސާވާ ކުންފުނިތަކުން 15،000 އިން މަތިން މުސާރައެއް ލިބޭ މުވައްޒަފުންގެ މުސާރަ ކުޑަކުރަން ފިނޭންސް މިނިސްޓްރީއިން ސަރުކާރު ކުންފުނިތަކަށް އަންގައިފިއެވެ.
ފިނޭންސް މިނިސްޓްރީއިން ސަރުކާރުގެ ކުންފުނިތަކަށް މިއަދު ފޮނުވި ސާކިއުލާގައި ބުނެފައިވަނީ ހަރަދު ކުޑަ ކުރުމުގެ ގޮތުން މުވައްޒަފުންގެ މުސާރަ ކުޑަކޮށް އެކަމަށް ބޭނުންވާ ދިރާސާ ހެދުމަށް އަންގާފައެވެ.
މި ދިރާސާ ހެދުމުގައި ބަލަންޖެހޭ މައިގަނޑު ތިން ކަމަމެއް ކަމަށް ފިނޭންސް މިނިސްޓްރީއިން ބުނެފައިވަނީ 15،000 އަށްވުރެ ދަށުން މުސާރަ ލިބޭ މުވައްޒަފުންގެ މުސާރަ އުނި ނުކުރުމާއި މުސާރަ އުނި ކުރުމުގައި ޕްރޮގްރެސިވް ރީޑަކްޝަން ރޭޓެއް ގެންގުޅުމާއި އަލަށް ހަދާ މުސާރަ އޮނިގަނޑަކީ މިހާރު އަމަލު ކުރާ އޮނިގަނޑަށް ބަލާ ހާމަނައިޒް ކުރެވިފައިވާ އޮނިގަނޑަކަށް ހެދުމަށް އިސްކަން ދިނުމެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުން މުސާރަ ކުޑަކުރަން ނިންމީ ކޮވިޑް-19އާ ގުޅިގެން އިގުތިސޯދަށް ވަރަށް ބޮޑަށް އަސަރި ކުރަމުންދާތީ އާއި ކޮވިޑާ ގުޅިގެން ކުންފުނިތަކުގެ ކޭޝް ފްލޯއަށް ދަތިކަން އައިސްފައިވާތީ ކަމަށް ފިނޭންސް މިނިސްޓްރީއިން ވަނީ ބުނެފައެވެ.