ކޮރޯނާ ވައިރަސްއަށް ރާއްޖެއިން ޕޮޒިޓިވްވާ މީހުންގެ އަދަދު އަދިވެސް ދާނީ އިތުރުވަމުން ކަމަށާއި ބަލި ކޮންޓްރޯލްކުރަން އަޅާ ޚާއްޞަ ފިޔަވަޅެއްގެ ގޮތުން މިހާރު ރެންޑޮމްކޮށް ސާމްޕަލް ނަގަން ފަށާފައިވާ ޑރ. އަފްޒަލް ވިދާޅުވެއްޖެއެވެ.
ޑރ. އަފްޒަލް މިރޭ ވިދާޅުވީ ވިއްސާރަ ދުވަހަކަށްވުމާއިއެކުވެސް މިއަދު އެކަނިވެސް 25 މީހުންގެ ސާމްޕަލް ނެގިފައިވާ ކަމަށެވެ. އެގޮތުން ބާޒާރުމަތިންނާއި ފެރީތަކުންނާއި ހުޅުމާލެ އާއި ވިލިމާލެ އަދި ކަންމަތި ފިހާރަތަކުން ވެސް ސާމްޕަލް ނަގާނެ ކަމަށެވެ.
ޑރ. އަފްޒަލް ވިދާޅުވީ މިހައިތަނަށް ބަލާއިރު ފެނިފައިވާ އެންމެ ބޮޑެތި ކްލަސްޓަރުތައް ގުޅިފައިވަނީ ބާޒާރާއި ކަމަށެވެ. ދުވާލަކު ޕޮޒިޓިވްވާ މީހުންގެ އަދަދު 100 އަށް އަރަމުންދާ ނަމަ ޑޮކްޓަރުންނަށާއި ސާމްޕަލް ނެގުމާއި އެނޫންވެސް ކަންކަމުގައި ވަރަށް ބޮޑުތަނުން ބަރުވެގެންހިގައިދާނެ ކަމަށެވެ.