ހަރުކަށި އަމަލުތައް ހިންގުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫން!: އިމްރާން ޚާން

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 22ސ
ހަރުކަށި އަމަލުތައް ހިންގުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫން!: އިމްރާން ޚާން

ހަރުކަށި އަމަލުތައް ހިނަގުމަކީ އިސްލާމް ދީނުގައި އޮތް ކަމެއް ނޫންކަމަށް ވިދާޅުވެ ޓެރަރިޒަމާއި އިސްލާމް ދީނާއި ނުގުޅުވުމަށް ޕާކިސްތާނުގެ ބޮޑުވަޒީރު އިމްރާން ޚާން ގޮވާލައްވައިފިއެވެ. 

އިމްރާން ޚާން  ވިދާޅުވީ އިސްލާމް ދީނާއި ޓެރަރިޒަމް ގުޅުވުމުގެ މައްސަލަ ފެށިގެން އައީ 9/11 ގެ ހާދިސާއަށްފަހު އެމެރިކާއިން އެގޮތަށް އެކަން ކުރަން ބޭނުންވުމުން ކަމަށެވެ. އަދި އިސްލާމް ދީނާއި ޓެރަރިޒަމާއި ގުޅުވޭނެ އެއްވެސް ގޮތެއް ނުއޮންނާނެ ކަމަށެވެ. އިސްލާމް ދީނަކީ އެއްވެސް މިންވަރަކަށް ޓެރަރިޒަމަށް ތާއީދުކުރާ ދީނެއް ނޫން ކަމަށެވެ. 

އިމްރާން ޚާން ވިދާޅުވީ 9/11 ގެ ކުރިން ދުނިޔޭގައި ޖާނުން ފިދާވެގެން ދިން ހަމަލާތަކުގެ 75 އިންސައްތަ ހަމަލާ ދީފައިވަނީ ތަމަޅަ ޓައިގަރުން ކަމަށެވެ. އަދި އެމީހުންނަކީ ހިންދޫން ކަމަށެވެ. ނަމަވެސް އެއްވެސް މީހަކު އެ ހަމަލާތަކާއި ހިންދޫދީނާއި ގުޅުވާފައި ނުވާ ކަމަށެވެ. އަދި ދެވަނަ ބޮޑު ހަނގުރާމަ ނިމުނުހިސާބުގައި ޖަޕާނުގެ ގިނަ ބައަކު ޖާނުން ފިދާވެގެން އެމެރިކާއަށް އެތައް ބައިވަރު ހަމަލާތައް ދިން ކަމަށާއި ނަމަވެސް މިއިން އެއްވެސް ޙަމަލާއެއް އެއްވެސް މީހަކު އެއްވެސް ދީނަކާއި ނުގުޅުވާ ކަމަށެވެ. އެއީ ޓެރަރިޒަމަކީ އެއްވެސް ދީނަކާއި އެއްވެސް ގުޅުމެއް ހުރި ކަމަކަށް ނުވާތީ ކަމަށެވެ. 

އިމްރާން ޚާން ވިދާޅުވީ ޓެރަރިޒަމްގެ މައްސަލަތައް ކުރިމަތިވަނީ ސިޔާސީ ކަންކަމުގެ ސަބަބުން ކަމަށެވެ. ޢަދުލު އިންޞާފް ޤާއިމު ނުކުރެވޭތީ ކަމަށެވެ. އިންޞާފް ނުލިބުމުން އުފެދޭ މާޔޫސްކަމުގެ ސަބަބުން ކަމަށެވެ. 

"އިސްލާމް ދީނަކު އެއްވެސް ބައިބައެއް ނުހުންނާނެ! އިސްލާމް ދީން އޮތީ އެއް ގޮތަކަށް! ރަސޫލް (ޞޢވ) ގެނެސް ދެއްވި ގޮތަށް! ވީމާ ރެޑިކަލް އިސްލާމް ކިޔާ އިސްލާމެއް ނުއޮންނާނެ! 

ކޮންމެ ބައެއްގެ ތެރޭގައިވެސް ހަރުކަށި ފިކުރުގެ މީހުން ތިބޭނެ. ދޮން މީހުންގެ ތެރޭގައިވެސް އެބަތިބި. ނިޔުޒީލަންޑުގެ މިސްކިތަށް ހަމަލާދީ ނަމާދަށް ތިބި 50 ދޮން މީހުން ޝަހީދުކުރީ ދޮން މީހެއް. އެކަމާ އެއްވެސް ދީނަކާ އޮތީ ކޮން ގުޅުމެއް؟" 

އިމްރާން ޚާން ވިދާޅުވީ ހަރުކަށި ފިކުރުގެ މީހުން ނެތް މުޖުތަމައުއެއް އަދި ޤައުމެއްވެސް ނެތް ކަމަށެވެ. ވީމާ ހަރުކަށި ކަމާއި އިސްލާމް ދީނާއި ގުޅުވައިގެން އެއްވެސް ވާހަކައެއް ދެއްކެން ނެތް ކަމަށެވެ. ރަސޫލް (ޞޢވ) އަށް މުޝްރިކުން ބޮޑެތި އަނިޔާތައް ދެމުން ގެންދިއައިރުވެސް ބަދަލު ހިއްޕެވުމުގެ ގޮތުން އެއްވެސް ކަމެއް ކުރައްވާފައި ނެތް ކަމަށެވެ. 

އިމްރާން ޚާން ވިދާޅުވީ ހުޅަނގުގެ ލީޑަރުންނަށް އިސްލާމް ދީނުގެ މި ޙަޤީޤަތްތައް ހާމަކޮށްދިނުމަކީ މުސްލިމް ލީޑަރުންގެ މަސްއޫލިއްޔަތެއް ކަމަށެވެ. އަދި އިމްރާން ޚާން ވަނީ މުސްލިމުންގެ ތެރެއިން މަދު ބައަކު ހަރުކަށި ފިކުރުގައި މުސްލިމް އުންމަތް ބަދުނާމްވާގޮތަށް ހިންގަމުން ގެންދާ ހަރުކަށި އަމަލުތައް ވަރަށް ބޮޑަށް ކުށްވެރި ކުރައްވައިފައެވެ. 

އިމްރާން ޚާން މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އދގެ ބައްދަލުވުމެއްގައެވެ. 

ގުޅުން ހުރި ވީޑިއޯ:

 

މިއަދު އޮންލައިން