ފަރަންސޭސިވިލާތުގެ ގާނޫނު ހަދާ މަޖިލީހުން 15 އަހަރުން ދަށުގެ ކުދިން ސޯޝަލް މީޑިއާ ބޭނުންކުރުން މަނާކުރާ ބިލެއް ފާސްކޮށްފިއެވެ. މިއީ ކުޑަކުދިން މާގިނަ ވަގުތު ސްކްރީންތަކަށް ހުސްވުމުން ރައްކާތެރިކުރުމަށްޓަކައި ކުރިއަށްގެންދިޔަ ކަމެކެވެ.
ގާނޫނު ހަދާ މަޖިލީހުގެ ތިރީގެއިން މި ބިލު ފާސްކުރީ ހޯމަ ދުވަހުގެ ރޭގަނޑުން ފެށިގެން އަންގާރަ ދުވަހާ ހަމައަށް ދެމިގެންދިޔަ ދިގު ސެޝަނެއްގައެވެ. މި ބިލު ފާސްވީ 130 ވޯޓުންނެވެ. ދެކޮޅަށް ވޯޓު ދެއްވީ 21 މެންބަރުންނެވެ.
މި ބިލު ގާނޫނަކަށް ވުމުގެ ކުރިން ދެން ހުށަހެޅޭނީ ފަރަންސޭސިވިލާތުގެ މަތީގެ، ސެނެޓަށެވެ.
ފަރަންސޭސިވިލާތުގެ ރައީސް މެކްރޮން އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި، ވިދާޅުވީ މި ވޯޓަކީ ފަރަންސޭސި ކުޑަކުދިންނާއި ފުރާވަރުގެ ކުދިން ރައްކާތެރިކުރުމަށް އެޅުނު "ބޮޑު ފިޔަވަޅެއް" ކަމަށް ވިދާޅުވެ ތައުރީފު ކުރެއްވިއެވެ.
ހައިސްކޫލްތަކުގައި މޯބައިލް ފޯނު ބޭނުންކުރުން މަނާކުރުން ވެސް ހިމެނޭ މި ގާނޫނުގެ ސަބަބުން، ފަރަންސޭސިވިލާތް ވެގެންދާނީ މިދިޔަ ޑިސެމްބަރު މަހު 16 އަހަރުން ދަށުގެ ކުދިންނަށް ސޯޝަލް މީޑިއާ މަނާކުރި އޮސްޓްރޭލިއާއަށް ފަހު މިފަދަ ފިޔަވަޅެއް އެޅި ދެވަނަ ގައުމަށެވެ.
ސޯޝަލް މީޑިއާ ފުޅާވަމުންދާ ވަރަކަށް، މާގިނަ ވަގުތު ސްކްރީން ބޭނުންކުރުމުގެ ސަބަބުން ކުދިންގެ ހެދިބޮޑުވުމަށް ނޭދެވޭ އަސަރުކޮށް، ނަފްސާނީ މައްސަލަތަކަށް މަގުފަހިވާކަމުގެ ކަންބޮޑުވުން ވަނީ އިތުރުވެފައެވެ.
"އަޅުގަނޑުމެންގެ ކުދިންނާއި ފުރާވަރުގެ ކުދިންގެ އިހުސާސްތަކަކީ އެމެރިކާގެ ޕްލެޓްފޯމްތަކުން ނުވަތަ ޗައިނާގެ އެލްގޮރިދަމްތަކުން ވިޔަފާރިކުރަން ނުވަތަ ނާޖާއިޒު ފައިދާ ނަގަން އޮތް އެއްޗެއް ނޫން،" ހޮނިހިރު ދުވަހު ދެއްކެވި ވީޑިއޯ މެސެޖެއްގައި މެކްރޮން ވިދާޅުވިއެވެ.
މަޖިލީހުގެ ތިރީގޭގައި މެކްރޮންގެ ރެނެސަންސް ޕާޓީގެ ލީޑަރު އަދި ކުރީގެ ބޮޑުވަޒީރު ގޭބްރިއަލް އެޓަލް ވިދާޅުވީ، ފެބްރުއަރީ މަހުގެ މެދުތެރޭގައި ސެނެޓުން މި ބިލު ފާސްކޮށް، ސެޕްޓެމްބަރު 1 ގައި މި މަނާކުރުން އަމަލީގޮތުން ފެށޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.
އޭނާ އިތުރަށް ވިދާޅުވީ، އުމުރުގެ ހުދޫދަށް ނުފެތޭ މިހާރު ހުރި އެކައުންޓްތައް އުވާލުމަށް ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކަށް ޑިސެމްބަރު 31 އާ ހަމައަށް މުހުލަތު ލިބޭނެ ކަމަށެވެ.