ސްރީލަންކާގެ ކާރިސާގައި އެހީތެރިވުމަށް އިންޑިޔާއާއި ޕާކިސްތާނުން ޚާއްޞަ ޓީމުތައް ފޮނުވައިފި

މިއަދު
ކިޔުމަށް ހޭދަވާނީ 1މ 42ސ
ސްރީލަންކާގެ ކާރިސާގައި އެހީތެރިވުމަށް އިންޑިޔާއާއި ޕާކިސްތާނުން ޚާއްޞަ ޓީމުތައް ފޮނުވައިފި

ތޫފާން ދިތުވާގެ ސަބަބަުން ސްރީ ލަންކާގައި ކުރިމަތިވެފައިވާ ގިނަ ޢަދަދެއްގެ ގެއްލުންތަކާއި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތް ކުރުމަށް އެހީތެރިވުމަށް އަވަށްޓެރި އިންޑިޔާއާއި ޕާކިސްތާނުން ޚާއްޞަ ޓީމުތައް ފޮނުވައިފިއެވެ. މި ދެ ޤައުމުން ވެސް ދަނީ ސްރީ ލަންކާއަށް ބޭނުންވާ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމުގައި ޢަމަލީ ގޮތުން ބައިވެރިވަމުންނެވެ.

އިންޑިޔާގެ ނޭޝަނަލް ޑިޒާސްޓަރ ރެސްޕޮންސް ފޯސް (އެންޑީއާރުއެފް) އަށް ނިސްބަތްވާ 80 މީހުން ވަނީ އެ ޤައުމުގެ ވައިގެ އަސްކަރިއްޔާގެ މަތިންދާ ބޯޓެއްގައި ސްރީ ލަންކާއަށް ދަތުރުކޮށްފައެވެ. މި ޓީމާއެކު އިންސާނީ އެހީ ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނާއި މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބޭނުންކުރާ ވަޞީލަތްތައް ވެސް ވަނީ ގެންގޮސްފައެވެ. އިންޑިޔާގެ ޓީމުތަކުން މިހާރު ދަނީ ތޫފާނުގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވާ ޕުއްތަލާމްއާއި ބަދުއްލާގައި ޙަރަކާތްތެރިވަމުންނެވެ. މީގެ އިތުރުން، އިންޑިޔާގެ އަސްކަރިއްޔާއަށް ނިސްބަތްވާ ހަތަރު ހެލިކޮޕްޓަރު ވެސް ދަނީ މީހުން ސަލާމަތްކުރުމާއި ތަކެތި ގެނައުމުގެ މަސައްކަތުގައި އެހީތެރިވަމުންނެވެ.

މީގެ އިތުރުން، ޕާކިސްތާނުގެ އަސްކަރީ މަނަވަރަކަށް ނިސްބަތްވާ ހެލިކޮޕްޓަރެއް ވެސް ދަނީ ސްރީ ލަންކާގެ ކާރިސާގައި ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމުގެ މަސައްކަތުގައި ބައިވެރިވަމުންނެވެ. މި ދެ އަވަށްޓެރި ޤައުމުގެ އެހީތެރިކަމަކީ މި ދަނޑިވަޅުގައި ސްރީ ލަންކާއަށް ލިބުނު ވަރަށް ބޮޑު ހިތްވަރެކެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ވަނީ އާދަޔާ ޚިލާފަށް ގިނަ މިންވަރަކަށް ވާރޭ ވެހި ފެން ބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތައް ކުރިމަތިވެފައެވެ.

މި ޤައުމުގެ ޙާލަތު ގޯސްވެ ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފައިވާއިރު، ތޫފާނުގެ ސަބަބުން މަރުވި މީހުންގެ ޢަދަދު ވަނީ 334އަށް އަރާފައެވެ. އަދި 370 މީހުން ގެއްލިގެން ހޯދަމުން ދާއިރު، މި ކާރިސާގެ އަސަރު 1.18 މިލިޔަން މީހުންނަށް ކޮށްފައިވެއެވެ. 

މިއަދު އޮންލައިން