ޔަހޫދީންގެ އިސްތިޢުމާރީ ބާރުން ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް ހިންގަމުންދާ ލާއިންސާނީ ޖަރީމާތަކާއި އަޅުވެތިކަމުގެ ދަށުން ބަންދުކޮށްފައި އޮތް މަސްޖިދުލްއަޤްޞާގެ ދޮރުތައް އަލުން ހުޅުވައިލައިފިއެވެ. ބައިތުލްމަޤްދިސްގައިވާ މުސްލިމުންގެ ތިންވަނައަށް އެންމެ މުގައްދަސް ބިނާ ކަމުގައިވާ މަސްޖިދުލްއަޤްޞާގެ ދޮރުތައް އަލުން ހުޅުވައިލާފައި މިވަނީ 40 ދުވަހުގެ މުއްދަތަކަށް ބަންދުކޮށްފައި އޮތުމަށްފަހުއެވެ.
އޭޕްރިލް 9 ވަނަ ދުވަހުގެ ފަތިސް ނަމާދުގެ ބަންގިއާއެކު މިސްކިތުގެ ދޮރުތައް ހުޅުވައިލުމުން، އެތައް ސަތޭކަ މުސްލިމުންނެއް ވަނީ މިސްކިތުގެ ގޯތިތެރެއަށް ޖަމާވެފައެވެ. މަންޒަރު ފެނުނު މީހުން ބުނި ގޮތުގައި، ގިނަ ދުވަސްތަކަކަށްފަހު މިސްކިތަށް ވަނުމުގެ ފުރުޞަތު ލިބުމުން، އެތައް ބައެއްގެ ލޮލުން އުފަލުން ކަރުނަ އޮހެމުން ދިޔައެވެ.
ހުޅަނގު އައްސޭރީގައި ދިރިއުޅޭ ފަލަސްޠީނުގެ މުސްލިމުންނަށް އަޤްޞާ ބަންދުކޮށްފައި ވަނީ، ޔަހޫދީންނާ ގުޅިގެން އެމެރިކާއިން އީރާނާ ދެކޮޅަށް ފެށި ޣައިރުޤާނޫނީ ހަނގުރާމައާ ގުޅިގެންނެވެ. މި ބަންދުގެ ސަބަބުން މުސްލިމުންނަށް ވަނީ ދީނީ އަޅުކަންތައް އަދާކުރުމުގައި ބޮޑެތި ހުރަސްތަކަކާ ކުރިމަތިލާން ޖެހިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، 1967 ވަނަ އަހަރުގެ ފަހުން ފުރަތަމަ ފަހަރަށް ޔަހޫދީން ވަނީ މި ބަންދުގެ ދަށުން މަސްޖިދުލްއަޤްޞާގައި ފިޠުރު ޢީދު ނަމާދު ކުރުމަށް ވެސް މުސްލިމުންނަށް ހުރަސްއަޅާފައެވެ. މިއީ ފަލަސްޠީނުގެ ރައްޔިތުންގެ ދީނީ މިނިވަންކަމަށް އަރައިގަތުމަށް ހިންގި ވަރަށް ބޮޑު ޖަރީމާއެއްގެ ގޮތުގައި ސިފަކުރެވެއެވެ.
މަސްޖިދުލްއަޤްޞާގެ ދޮރުތައް އަލުން ހުޅުވައިލުމަކީ ބައިތުލްމަޤްދިސްގައި ދިރިއުޅޭ މުސްލިމުންނަށް ލިބުނު ބޮޑު ހިތްހަމަޖެހުމެކެވެ. ނަމަވެސް، އިސްތިޢުމާރީ ބާރުތަކުގެ ފިއްތުންތަކާއި ދަތިކުރުންތައް އަދިވެސް އެ ސަރަޙައްދުގައި ދަނީ ކުރިއަށް ކަމަށް ރިޕޯޓުތައް ބުނެއެވެ.