އަންނަ ބުރާސްފަތި ދުވަހު، ސަޢޫދީ ޢަރަބިއްޔާގެ ހުރިހާ ސަރަޙައްދެއްގައި އިސްތިސްޤާ ނަމާދު ކުރުމަށް އެ ޤައުމުގެ ރައްޔިތުންނަށް، ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒް ގޮވާލައްވައިފިއެވެ.
މިކަމަށް ގޮވާލައްވައި ރަސްގެފާނު ނެރުއްވި ބަޔާނުގައި، މާތްﷲ ގެ ޙަޟްރަތަށް ތައުބާވެ އިސްތިޣްފާރުކުރުން ގިނަކުރުމަށާއި، އެކަކު އަނެކަކަށް އިޙްސާންތެރިވުމަށް ވަނީ ބާރުއަޅުއްވާފައެވެ. މީގެ އިތުރުން ސުންނަތް ނަމާދުތަކާއި ހެޔޮކަންކަން ކުރުން އިތުރުކުރުމަށްވެސް ރަސްގެފާނު ވަނީ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ.
އިސްތިސްޤާ ނަމާދަކީ، ވާރޭ ނުވެހި ގިނަދުވަސްވެ، ހަނަފަސްކަން ބޮޑުވުމުން، އެ ޙާލަތުން މިންޖުކޮށްދެއްވައި ވާރޭ ވެއްސަވައިދެއްވުން އެދި ބޮޑު ޖަމާޢަތުގައި ކުރާ ސުންނަތް ނަމާދެކެވެ.
ސަޢޫދީ ރަސްގެފާނުގެ މި އެންގެވުމާ އެއްގޮތަށް، އެ ޤައުމުގެ އެކި ސަރަޙައްދުތަކުގައި ހުރި މިސްކިތްތަކާއި ނަމާދުކުރާ ހުސްބިންތަކުގައި ބުރާސްފަތި ދުވަހު އިސްތިސްޤާ ނަމާދު ކުރުމުގެ އިންތިޒާމުތައް މިހާރު ދަނީ ހަމަޖައްސަމުންނެވެ.