ސްރީ ލަންކާއަށް އަރާފައިވާ ތޫފާން ދިތުވާގެ ސަބަބުން ކުރިމަތިވެފައިވާ ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިޔުމުގެ ހާދިޘާތަކުގައި މަރުވި މީހުންގެ ޢަދަދު 153އަށް އަރާފައިވާތީ، އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކޮށްފިއެވެ.
މިއީ މޫސުމީ ގޮތުން މިއިން ޒަމާނެއްގައި ވެސް ލަންކާއަށް ކުރިމަތިނުވާހާ ގޯސް ޙާލަތެއް ކަމަށް އެ ޤައުމުގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ ވަނީ ސިފަކުރައްވާފައެވެ.
ތޫފާނުގެ ސަބަބުން ގެއްލިފައިވާ މީހުންގެ ޢަދަދު ވެސް މިހާރު ވަނީ 191އަށް އަރާފައެވެ. ސްރީ ލަންކާގެ ބައި މިލިޔަނެއްހާ މީހުންނަށް މި ކާރިޘާގެ އަސަރުކޮށްފައިވާއިރު، 78،000އަށްވުރެ ގިނަ މީހުން ވަނީ އެކި ސަރަޙައްދުތަކުގައި ޤާއިމްކޮށްފައިވާ 800އެއްހާ އެހީދޭ މަރުކަޒުތަކަށް ސަލާމަތްކޮށް، ވަގުތީ ބޯހިޔާވަހިކަން ހޯދައިދީފައެވެ.
އާދަޔާ ޚިލާފަށް ގިނަ ޢަދަދަކަށް ވާރޭވެހުމުގެ ސަބަބުން ސްރީ ލަންކާގެ ކޯރުތައް ބަންޑުންވެ، ގިނަ އަދަދެއްގެ ގޭގެ ވަނީ ފެނު އަޑީގައި ޖެހިފައެވެ. ޤައުމުގެ އެކި ސަރަޙައްދުތަކުން 15،000އަށްވުރެ ގިނަ ގެދޮރު ވަނީ ސުންނާފަތިވެފައެވެ. ބިން ތިރި ސަރަޙައްދުތައް ފެނު އަޑީގައި އޮތްއިރު، އެ ސަރަޙައްދުތަކަށް ކަރަންޓުގެ ޚިދުމަތް ވެސް މިހާރު ވަނީ ކެނޑިފައެވެ. މިކަމުގެ ސަބަބުން ޢާންމު ދިރިއުޅުމަށް ވަރަށް ބޮޑަށް ބުރޫއަރާފައިވާކަން ފާހަގަކުރެވެއެވެ.
ޙާލުގައި ޖެހިފައިވާ މީހުން ސަލާމަތްކުރުމާއި، ކާބޯތަކެތި ފޯރުކޮށްދިނުމުގެ މަސައްކަތުގައި ސްރީ ލަންކާގެ ފުލުހުންނާއި ކަނޑުމަތީ ސިފައިންނާއި އަސްކަރިއްޔާއިން ދަނީ ވަރަށް ބުރަ މަސައްކަތްތަކެއް ކުރަމުންނެވެ. އެހީގެ މަސައްކަތްތަކުގެ ތެރޭގައި ކާބޯތަކެތި ބެހުމާއި، ބަންދުވެފައިވާ މަގުތައް ސާފުކުރުމުގެ މަސައްކަތް ހިމެނެއެވެ. ނަމަވެސް، މޫސުމާ ބެހޭ އިދާރާތަކުން ބުނެފައިވާ ގޮތުގައި ކުރިއަށް އޮތް ދެ ދުވަހު ވެސް އެ ޤައުމަށް އަދިވެސް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވޭތީ، ސްރީ ލަންކާގެ ޙާލަތު އިތުރަށް ގޯސްވެދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.
މި ބޮޑު ކާރިޘާގެ ސަބަބުން ސްރީ ލަންކާގެ ރައީސް އަނޫރާ ކުމާރާ ދިސަނަޔަކެ ވަނީ ނޮވެމްބަރު މަހުގެ 18ވީ ހުކުރު ދުވަހުން ފެށިގެން އެ ޤައުމުގައި ކުއްލި ނުރައްކަލުގެ ޙާލަތު އިޢުލާނުކުރައްވައި، ކާރިޘާއާ ކުރިމަތިލުމަށް ބޭނުންވާ ފިޔަވަޅުތައް އެޅުމަށް ސަލާމަތީ ބާރުތަކަށް އިރުޝާދު ދެއްވާފައެވެ.