އައްޑޫސިޓީގައި ހިންގާ ޝަންގްރިއްލާ ރިޒޯޓުގައި ދިވެހި މުވައްޒިފުން މަދު މައްސަލައިގައި މިއަދު ކުރި ސުވާލަށް ޖަވާބެއް ނުލިބުނެވެ.
ރައްޔިތުންގެ މަޖިލީހުގެ ސަރުކާރުގެ މަސްއޫލިއްޔަތު ބަލާ ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ހިތަދޫ މެދު ދާއިރާގެ މެންބަރު އަހްމަދު ރަޝީދު ވިދާޅުވީ ޝަންގްރިއްލާ ރިޒޯޓުގައި ދިވެހި މުވައްޒިފުން މާ މަދުވެފައި ކުނިކަހަން ވަގުތީ މަސައްކަތު މީހުން ނަގައިގެން ހެދިފައި ހުންނަ އުޞޫލަތަކާއި ޚިލާފަށް ކަންކަން ކުރަމުން ގެންދިއުމަކީ އައްޑޫ ސިޓީގެ ގިނަ ބައަކު ވަރަށް ބޮޑަށް ކަންބޮޑުވާ ކަމެއް ކަމަށެވެ. އަދި އައްޑޫ ސިޓީއަށް ޒިޔާރަތް ކުރާ ފަތުރުވެރިންނަށް މަރުޙަބާ ކިޔަން ތިބެނީ ވެސް ބިދޭސީން ކަމަށެވެ.
އަޙްމަދު ރަޝީދުގެ ވާހަކަފުޅަށް ޓޫރިޒަމް މިނިސްޓަރު ޢަލީ ވަޙީދު ސީދާ ޖަވާބެއް ނުދެއްވައި ވިދާޅުވީ އެ ރިޒޯޓާއި ބެހޭ ފުރިހަމަ ދިރާސާއެއް ވަރަށް ފަހުން ކުރެވިފައިވާ ކަމަށާއި އެކަމުގެ މައުލޫމާތު މެންބަރަށް ދެއްވާނެ ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ އައްޑޫ ސިޓީގައި ފަތުރުވެރިކަމަށް އެނދުތައް މިސަރުކާރުން އިތުރުކުރާނެ ކަމަށެވެ. ރާއްޖޭގެ އުތުރާއި ދެކުނުގައި ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ޚާއްޞަ މަސައްކަތްތަކެއް ކުރާނެ ކަމަށެވެ.
ޢަލީ ވަޙީދު ވިދާޅުވީ މާލެ ސަރަހައްދާއި ދުރުގައި ހިންގާ ރިޒޯޓުތަކުން ރިޒޯޓްތައް ހިންގާ ފަރާތްތައް އަންނަނީ "ބްލީޑް" ވަމުން (ގެއްލުން ވަމުން) ކަމަށެވެ. އެހެންކަމުން އެފަރާތްތަކަށް ޢިނާޔަތްތަކެއް ލިބޭނެ ގޮތް ހަމަޖައްސައިދޭން ސަރުކާރުން ގެންދަނީ މަސައްކަތްކުރަމުން ކަމަށެވެ.